ޗައިނާގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ވިޔަފާރިވެރިޔަކާއެކު ލޯބީގެ ގުޅުން ބޭއްވި މައްސަލައިގައި މަޤާމުން އިސްތިއުފާ ދެއްވިތާ ދެ ހަފުތާވެސް ނުވަނީސް، އެމެރިކާގެ ޗިޕް އުފައްދާ ބޮޑު ކުންފުނި އެންވިޑިއާގެ ރައީސް އަދި ސީއީއޯގެ މަޤާމަށް ޖެންސަން ހުއާންގް ވަގުތުން އަލުން އމަގާމަށް އައްޔަންކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހޯމަ ދުވަހު ނިންމައިފިއެވެ. ކުންފުނީގެ ކުރީގެ ނިންމުން ބަދަލުކޮށް އެޅި މި އާދަޔާ ޚިލާފް ފިޔަވަޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޓެކްނޮލޮޖީ ދާއިރާގެ އިސް ވެރިންނާއި އިންވެސްޓަރުންގެ ބޮޑު ޕްރެޝަރަކާ ގުޅިގެން ނިންމި ނިންމުމެކެވެ.
މި އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު ހުއާންގް މަޤާމުން އިސްތިއުފާ ދެއްވީ، ޗައިނާގެ ވިޔަފާރިވެރިޔާ އެލިސް ހުއާންގްއާއެކު ޒިނޭގެ ގުޅުމެއް ބޭއްވިކަން ހާމަވެ، އޭނާއަކީ ޗައިނާގެ ޖާސޫސީ އިދާރާތަކާ ގުޅުން ހުރި މީހެއް ކަމަށް ޝައްކުކުރެވުމާ ގުޅިގެންނެވެ.
ފާއިތުވި ދުވަސްތަކުގައި އެންވިޑިއާގެ ބޯޑުން ވަނީ އައު ސީއީއޯއަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ހުއާންގް އަލުން މަޤާމަށް ގެނައުމަށް ސިލިކަން ވެލީގެ ވެރިން ފެށި "ސްޓޭންޑް ވިތު ޖެންސަން" ކެމްޕޭނަށް އިޖާބަ ނުދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް، ހުއާންގް އަލުން މަޤާމަށް ގެނައުމަށް ނިންމިކަން އިޢުލާނުކުރުމާއެކު، އެމެރިކާގެ ހިއްސާގެ ބާޒާރު ހުޅުވުމުގެ ކުރިން ކުރެވުނު މުޢާމަލާތްތަކުގައި އެންވިޑިއާގެ ހިއްސާގެ އަގު ވަނީ 31 އިންސައްތައަށް ވުރެ މައްޗަށް އުފުލިފައެވެ.
1993 ވަނަ އަހަރު އެންވިޑިއާ އުފެއްދުމުގައި ބައިވެރިވި ހުއާންގްއަކީ ވީޑިއޯ ގޭމް ޗިޕް އުފައްދާ ކުންފުންޏަކުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްރޮސެސަރުގެ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏަށް އެންވިޑިއާ ބަދަލުކޮށް، އެއް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ހެދުމުގެ މޭސްތިރިއެވެ. ހޯމަ ދުވަހު އެންވިޑިއާގެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުއާންގްގެ ތެދުވެރިކަމާއި ލީޑަރޝިޕް ޤާބިލުކަމާ މެދު ބޯޑުން ހިތްހަމަޖެހޭ ކަމަށާއި، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންގެ ފަރާތުން ލިބުނު މަޢުލޫމާތުތަކަށް ބަލާއިރު، އޭނާ އެނބުރި މަޤާމަށް އައުމުން ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ހުއާންގް އަލުން މަޤާމަށް ގެނައުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރު ވަރަށް ބޮޑެވެ.
އޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެލިސް ހުއާންގްއަކީ ޗައިނާގެ ޖާސޫސެއްކަން އެއްވެސް މީހަކަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ޖެންސަން އަލުން މަޤާމަށް ގެނައުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށާއި، އެއީ ގޯސް ޚިޔާލެއް ނޫން ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، ޓެސްލާ އަދި ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކާއި، އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަންއާއި، މައިކްރޮސޮފްޓްގެ ސީއީއޯ ސަތުޔާ ނަޑެއްލާ ފަދަ ޓެކްނޮލޮޖީ ދާއިރާގެ އިސް ވެރިން ވަނީ ހުއާންގްއަށް ފާޅުގައި ތާޢީދުކުރައްވާފައެވެ. ނިއުޔޯކް ޓައިމްސްއިން ބޭއްވި ސަމިޓެއްގައި ވާހަކަދައްކަވަމުން އޯލްޓްމަން ވިދާޅުވީ، "ޖެންސަންއާ ނުލައި އޭއައި ސިނާޢަތް ތަޞައްވުރުކުރަން ވެސް ދަތި" ކަމަށެވެ.
އަލުން މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ހުއާންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންނާއި، ހިއްސާދާރުންނާއި، ދާއިރާގެ ލީޑަރުންނާއި ބައިވެރިންގެ ފަރާތުން ލިބުނު އާދަޔާ ޚިލާފް އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.






