image: original mothers
image: original mothers

ކާރެއް ގަތުމަށް ދަރިފުޅު ވިއްކާލި މަންމައާ ދެކޮޅަށް ދައުވާ ކޮށްފި

ތުއްތު ކުއްޖަކު ޤާނޫނާ ޚިލާފަށް އެޑޮޕްޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އެ ކުއްޖާގެ މަންމައާއި ކުއްޖާ ގަތް ކަމަށް ބުނާ އަންހެނެއްގެ މައްޗަށް ގްރީސްގައި ދަޢުވާ އުފުލައިފިއެވެ. ފުލުހުންގެ ތަޙުޤީޤުތަކުން ހާމަވެފައިވާ ގޮތުގައި، މަންމަ ވަނީ އެ ތުއްތު ކުއްޖާ ވިއްކާލައި، އެ ފައިސާއިން ކާރެއް ގަނެފައެވެ.

ގްރިސްގެ ދައުލަތުގެ ރޭޑިއޯ އަދި ޓީވީ ނެޓްވޯކް، އީ.އާރް.ޓީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުޅަނގު ގްރީސްގެ ޕެލޮޕޮނީސް ޕެނިންސިއުލާގެ ފުލުހުން މި މައްސަލަ ތަޙުޤީޤުކުރަމުންދާއިރު، ޢުމުރުން 40 އަހަރުގެ އެ އަންހެން މީހާ ވަނީ މިއަހަރުގެ ކުރީކޮޅު އޭނާގެ ތުއްތު ދަރިފުޅު ވިއްކާލާފައެވެ. އެ ކުއްޖާ ގަތް ކަމަށް ތުހުމަތުކުރެވޭ މީހަކީ ވެރިރަށް އެތެންސްގެ ހުޅަނގުން އޮންނަ އަސްޕްރޮޕިރްގޯސް ސަރަޙައްދަށް ނިސްބަތްވާ ޢުމުރުން 32 އަހަރުގެ އަންހެނެކެވެ.

މި މައްސަލައާ ގުޅޭ ރިޕޯޓުތަކުން އެނގޭ ގޮތުގައި، އެ ތުއްތު ކުއްޖާގެ ބަދަލުގައި 3,500 ޔޫރޯ އެ މަންމައަށް ލިބިފައިވެއެވެ. އެ ފައިސާ ބޭނުންކޮށްގެން އޭނާ ވަނީ ކާރެއް ގަނެފައެވެ.

ފުލުހުންގެ މަޢުލޫމާތުތަކާ ޙަވާލާދީ އީ.އާރް.ޓީ އިން ބުނެފައިވާ ގޮތުގައި، މި ކުއްޖާ އުފަންވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ޕެލޮޕޮނީސްގެ އުތުރު ހުޅަނގުން އޮންނަ ޕަޓްރާ ސަރަޙައްދުގައެވެ. ޤާނޫނާ ޚިލާފަށް ކުއްޖާ އެޑޮޕްޓްކުރުމުގެ މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ޖިނާޢީ ކުށުގެ ދަޢުވާއެކެވެ.

ހިއްސާ ކުރައްވާ!