މަތިންދާބޯޓުތަކުގައި ދޫނި ޖެހުމުގެ ހާދިސާތަކަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވެފައިވާއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބެމުންދާ ކަމަށް ބައިނަލްއަޤްވާމީ ދިރާސާތަކުން ދައްކައިފިއެވެ. ބޯޓުތަކުގެ އިންޖީނަށާއި ބޭރުގެ އޮނިގަނޑަށް ލިބޭ ބޮޑެތި ގެއްލުންތަކުގެ އިތުރުން، ދަތުރުތައް ލަސްވުމާއި މަރާމާތަށްޓަކައި ގިނަ ދުވަސްތަކަކަށް ބޯޓުތައް ހުއްޓާލަން ޖެހުމަކީ މި ސިނާޢަތަށް ކުރިމަތިވެފައިވާ މާލީ އަދި ސަލާމަތީ ބޮޑު ބިރެކެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) ގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، 1990 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ މަދަނީ މަތިންދާބޯޓުތަކުގައި ޖަނަވާރާއި ދޫނި ޖެހުމުގެ ގާތްގަނޑަކަށް 344,000 ހާދިސާ ވަނީ ރެކޯޑުކުރެވިފައެވެ. މީގެ ތެރެއިން 2025 ވަނަ އަހަރު އެކަނިވެސް އެމެރިކާގެ 870 އެއާޕޯޓެއްގައި މިފަދަ 24,447 ހާދިސާ ހިނގާފައިވެއެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި ހާދިސާތަކުގެ 70 އިންސައްތަ ހިނގަނީ ބިމުން ފެށިގެން 500 ފޫޓުގެ އުސްމިނާ ދެމެދުގައެވެ. އަދި 61 އިންސައްތަ ހާދިސާ ހިނގަނީ ބޯޓު ތިރިކުރުމާއި، ރަންވޭއާ ކައިރިކުރުމުގެ އިތުރުން ރަންވޭމަތީގައި ދުއްވާ ވަގުތުތަކުގައެވެ. ބޯޓު އުދުއްސާލާ ވަގުތު މިފަދަ ހާދިސާތައް ހިނގަނީ 36 އިންސައްތަ ކަމަށްވާއިރު، މަތީގައި އުދުހެމުންދާ ވަގުތު ދޫނި ޖެހެނީ އެންމެ 3 އިންސައްތަ ހާދިސާގައެވެ.
ދޫނި ޖެހުމުގެ ސަބަބުން ބޯޓަށް ލިބޭ ގެއްލުމުގެ ކުޑަބޮޑުމިން ބިނާވަނީ ދޫނީގެ ބާވަތާއި ބަރުދަނުގެ މައްޗަށެވެ. އެގޮތުން، ދޫނީގެ ބާވަތް ދެނެގަނެވިފައިވާ ހާދިސާތަކުގެ ތެރެއިން ބޮޑެތި ދޫނިތައް ހިއްސާކުރަނީ އެންމެ 4 އިންސައްތައެވެ. ނަމަވެސް، އެ ދޫނިތައް ބަރުވުމުގެ ސަބަބުން ބޯޓުތަކަށް ގެއްލުން ލިބޭ ހާދިސާތަކުގެ 23 އިންސައްތަ ހިއްސާކުރަނީ މި ބާވަތުގެ ދޫނިތަކެވެ.
ދުނިޔޭގެ ފެންވަރުގައި މި މައްސަލައިގެ ބޮޑުމިނަށް ބަލާއިރު، އިޓަލީވިލާތުގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ (އީ.އެން.އޭ.ސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރަކު 70,000 އަށްވުރެ ގިނަ މިފަދަ ހާދިސާ ހިނގައެވެ. އަދި މީގެ ތެރެއިން 95 އިންސައްތައަކީ މަތިންދާބޯޓުތަކުގައި ދޫނި ޖެހުމުގެ ހާދިސާތަކެވެ. 1912 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށްފައިވާ ތާރީޚީ މަޢުލޫމާތުތަކަށް ބަލާއިރު، ދޫންޏާއި ޖަނަވާރު ބޯޓުތަކުގައި ޖެހިގެން ހިނގި އެކްސިޑެންޓުތަކުގައި ގާތްގަނޑަކަށް 1,000 މީހުން މަރުވެ، 750 އެއްހާ މަތިންދާބޯޓު ވަނީ އެއްކޮށް ހަލާކުވެފައެވެ.
އެލިއަންޒް ގްލޯބަލް ކޯޕަރޭޓް އެންޑް ސްޕެޝަލްޓީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ހުރިހާ ޤައުމަކުން މިފަދަ ހާދިސާތައް ރިޕޯޓުކުރާ މިންވަރު ތަފާތުވުމާއެކުވެސް، ދުނިޔޭގެ ވައިގެ ސިނާޢަތަށް މިކަމުގެ ސަބަބުން ލިބޭ މާލީ ގެއްލުން އަހަރަކު 1.2 ބިލިއަން ޑޮލަރަށް އަރައެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނާއި އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، 1990 އިން 2025 އަށް އެމެރިކާގެ އެއާލައިންތަކަށް މިކަމުގެ ސަބަބުން އަހަރަކު އެވްރެޖްކޮށް 272 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް 2025 ވަނަ އަހަރު އެކަނިވެސް މި ގެއްލުން ވަނީ 391 މިލިއަން ޑޮލަރަށް އުފުލިފައެވެ. އަދި އެ އަހަރު ތެރޭގައި މަރާމާތަށްޓަކައި މަތިންދާބޯޓުތައް 74,000 އަށްވުރެ ގިނަ ގަޑިއިރު ވަންދެން ދަތުރުތައް ހުއްޓާލާފައި ބާއްވަން ޖެހުނެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެއާޕޯޓުތަކުގެ ވަށައިގެންވާ މާޙައުލު ބެލެހެއްޓުމާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން މިހާރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން، ދޫނި ފައްސާ އަޑުގަދަ ބަޑިތަކާއި، ލޭޒާ އައްޔާއި، ތަމްރީނުކޮށްފައިވާ ޝިކާރަވެރި ދޫނި ބޭނުންކުރުމުގެ އިތުރުން، ދޫނި އުޅޭ ސަރަޙައްދުތައް ދުރުން ދެނެގަތުމަށް ޚާއްސަ ރާޑަރުތަކާއި އިންފްރާރެޑް ކެމެރާ އަދި ޑްރޯންތައް ދަނީ ބޭނުންކުރަމުންނެވެ. 2009 ވަނަ އަހަރު ހަޑްސަން ކޯރަށް ކުއްލި ގޮތަކަށް ތިރިކުރަން ޖެހުނު "ފްލައިޓް 1549″ ގެ ހާދިސާއަށްފަހު، އެމެރިކާއިން ވަނީ ދޫނިތަކުގެ ނުރައްކާ ކުޑަކުރުމުގެ ދިރާސާތަކަށް 30 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކޮށް، ސަލާމަތީ މަޝްރޫޢުތަކަށް 400 މިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކޮށްފައެވެ.




