އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ކާރިސާގައި ރައީސް ޓްރަމްޕް ފިއްލެވުމުން ފާޑުކިޔުންތަކެއް އަމާޒުވެއްޖެ

އެމެރިކާގެ ވައިގެ ސަރަޙައްދު މުޅިން ހުއްޓުމަކަށް ގެނައި ރާޑަރު ނިޒާމުގެ ފަންނީ މައްސަލައާ ގުޅިގެން އެ ޤައުމުގެ ވައިގެ ބަނދަރުތަކުގައި ހަލަބޮލިކަމެއް އުފެދުނު ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް މުޅި ދުވަހު ޢާންމުންނަށް ފިއްލަވައި ވަޑައިގަތުމުން ސުވާލުތަކާއި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން އެމެރިކާގެ ހުރިހާ ވައިގެ ބަނދަރުތަކެއްގެ ދަތުރުތައް ހުއްޓާލުމަށް އަމުރުކުރި ވަގުތުން ފެށިގެން ރައީސް ޓްރަމްޕް މައިދާނުން ގެއްލިފައިވުމަކީ، މީގެ ކުރިން ބައިނަލްއަޤުވާމީ ކޮންފަރެންސްތަކާއި އިންތިޚާބީ ކެމްޕޭންތަކުގައި އޭނާ ދައްކަވަމުން ގެންދެވި ހަރަކާތްތެރިކަމާ މުޅިން ޚިލާފު ކަމެއްގެ ގޮތުގައި މީޑިއާއިން ފާހަގަކުރެއެވެ. މިކަމާ ގުޅިގެން އެމެރިކާގެ މީސް މީޑިއާއާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކަށްވީ "ރައީސް ކޮބައިތޯ؟" ކުރެވުނު ސުވާލެވެ. އަދި ހަމަ އެ ދުވަހު މިސިސިޕީގެ ބަނދަރެއްގައި ތެޔޮ އުފުލާ ބޯޓަކާއި ފަތުރުވެރިން އުފުލާ ބޯޓެއް ޖެހި ބޮޑު ކާރިސާއެއް ހިނގަން އުޅުނު ހާދިސާއަށްވެސް ރައީސްގެ ފަރާތުން ބަޔާނެއް ލިބިފައެއް ނުވެއެވެ.

މި ކާރިސާގެ ވަގުތުގައި ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ދަތުރުފަތުރާބެހޭ ވަޒީރު ޝޯން ޑަފީއާއި ހޯމްލޭންޑް ސެކިއުރިޓީ ވަޒީރު މާކްވޭން މުލިންއަށެވެ. ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު މުލިން ވިދާޅުވީ، ރައީސް ޓްރަމްޕް ހުންނެވީ ކަމާބެހޭ އިސްވެރިންނާ މެދުނުކެނޑި ގުޅުއްވައިގެން، ވައިގެ ދަތުރުފަތުރަށް އައި ހުއްޓުމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯއްދަވަމުން ކަމަށެވެ. އަދި ބާވެފައިވާ ވައިގެ ދަތުރުފަތުރު ކޮންޓްރޯލްކުރާ ނިޒާމުތައް މުޅިން އައުކުރުމަށް ރައީސް އަބަދުވެސް ބާރުއަޅުއްވާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، ރައީސް ޢާންމުންގެ ކުރިމައްޗަށް ވަޑައިނުގެންނެވި ސަބަބާމެދު އުފެދުނު ބަހުސްތަކަށް އެ ވާހަކަތަކުން ނިމުމެއް ނައެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ބީސްޓް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައިގެ ދަތުރުފަތުރުގެ ހާލަތު ގޯސްވެފައި އޮތް ވަގުތު ރައީސް ޓްރަމްޕް ހުކުރު ދުވަހުގެ ރޭ ހޭދަކުރެއްވީ، ސިނަމާއާއި ޓީވީ އުފެއްދުންތަކަށް ދޭ ޓެކްސްގެ ލުއިތަކާ ގުޅޭގޮތުން އޭނާގެ އަމިއްލަ މީސް މީޑިއާ މަންސަ "ޓްރޫތު ސޯޝަލް" ގައި ޕޯސްޓުކުރެއްވުމުގައެވެ.

އެއާރޕޯޓުގެ ހާދިސާއާ ގުޅޭގޮތުން ޓްރަމްޕް ދެއްވި ހަމައެކަނި ތަފްސީލަކީ "ފޮކްސް ނިއުސް" ގެ ރިޕޯޓަރު ޕީޓަރ ޑޫސީއަށް ފޯނުން ދެއްވި ކުރު ބަސްދީގަތުމެކެވެ. ނަމަވެސް، ޓްރަމްޕަށް ތާއީދުކުރާ ފޮކްސް ނިއުސްގެ ޕްރެޒެންޓަރު ލޯރާ އިންގްރަހަމްވެސް ވަނީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ ފަދަ ސާފު ތަފްސީލުތަކެއް ރައީސްގެ ފަރާތްޕުޅުން ސީދާ ލިބެންޖެހޭނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފޮކްސް ނިއުސްއަށް ފޯނުން ދެއްވި ބަސްދީގަތުމުގައި ރައީސް ޓްރަމްޕް ވިދާޅުވީ، ހަތަރު ގަޑިއިރަށްވުރެ ގިނަ ވަގުތަށް މުޅި ޤައުމުގެ ވައިގެ ދަތުރުތައް ހުއްޓާލަން ޖެހުނީ ބާވެފައިވާ އާލާތްތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، އެއީ ބޭރުގެ ސައިބަރ ހަމަލާއެއް ނޫން ކަމަށެވެ. އަދި ބޭނުންކުރަމުންދާ ބައެއް އާލާތްތަކަކީ 55 އަހަރު ވެފައިވާ ތަކެތި ކަމަށާއި، އެ ތަކެތި ބަދަލުކުރުމަށް ކޮންގްރެސްއާއެކު މަޝްވަރާކުރެވުނު ނަމަވެސް އަދި އެކަން ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!