ޓްރަމްޕްގެ ސަރުކާރުގެ އިސް ވަޒީރުން ސިފައިންގެ މަރުކަޒުތަކަށް ދިރިއުޅުން ބަދަލުކުރައްވައިފި

އީރާނު ދެކެ ބިރުން އަދި އެމީހުންގެ ގެތައް ކައިރީގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ވޮޝިންގޓަން ޑީ.ސީ ކައިރީގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް ދިރިއުޅުން ބަދަލުކުރައްވައިފިއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ސިފައިންގެ މަރުކަޒުތަކަށް ބަދަލުވެވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާއި، ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ހިމެނިވަޑައިގަންނަވައެވެ.

މި ދެ ވަޒީރުން މިހާރު ދިރިއުޅުއްވަނީ އެނަކޯސްޓިއާ ކޯރުގެ އައްސޭރީގައި އޮންނަ ތާރީޚީ އަސްކަރީ މަރުކަޒެއް ކަމަށްވާ ފޯޓް ލެސްލީ ޖޭ. މެކްނޭއާގެ "ޖެނެރަލްސް ރޯ" ގައެވެ. މިއީ އާންމުގޮތެއްގައި ސިފައިންގެ އެންމެ އިސް އޮފިސަރުން ދިރިއުޅުއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދެކެވެ.

މީގެ އިތުރުން، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސްޓީފަން މިލަރ ވަނީ ވަރޖީނިއާގެ އާލިންގޓަންގައި ހުންނަ އޭނާގެ އަމިއްލަ ގޭގެ ބޭރުގައި އާންމުން މުޒާހަރާ ކުރަން ފެށުމާ ގުޅިގެން، ސިފައިންގެ މަރުކަޒަކަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.

އެމެރިކާގެ ޚަޒާނާއާބެހޭ ވަޒީރު ސްކޮޓް ބެސެންޓްވެސް ވަނީ ސިއްރު ސިފައިންގެ މަރުކަޒަކަށް ވަދެ ފިލާފައެވެ.

އޮފިޝަލުން މަޢުލޫމާތު ދެއްވާ ގޮތުގައި، އޭނާ ބަދަލުވެވަޑައިގަތީ އީރާނުން އޭނާއަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބުމާ ގުޅިގެންނެވެ.އަދި ޖޯޖްޓައުންގައި ހުންނަ އޭނާގެ ގެ ދެނެގަނެވޭ ފަދަ ފޮޓޯއެއް އާންމުވުމަކީވެސް މި ފިޔަވަޅު އެޅުމަށް މެދުވެރިވި ސަބަބެކެވެ.

ހަމައެއާއެކު، އެޓާނީ ޖެނެރަލް ޓޮޑް ބްލާންޝްވެސް ވޮޝިންގޓަން ސަރަޙައްދުގެ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުއްވަނާ ފަށްޓަވައިފިއެވެ.

މި ލިސްޓުގައި މިހާރުގެ އަދި ކުރީގެ އިތުރު އޮފިޝަލުންވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ކުރީގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯއެމްއާއި، އާމީ ސެކްރެޓަރީ ޑޭން ޑްރިސްކޯލް ހިމެނިވަޑައިގަންނަވައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިފައިންގެ މަރުކަޒުތަކަށް ބަދަލުވާ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. މި ބޭފުޅުން ދިރިއުޅުއްވަނީ ބިމުއަޑީގެ ބަންކަރުތަކެއްގައެއް ނޫނެވެ؛ އޭގެ ބަދަލުގައި އެއީ އާންމުންނަށް ވަދެނުކުމެއުޅުން މަނާކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ސިފައިންގެ އާއިލާތައް ދިރިއުޅޭ ޒަމާނީ ގެތަކެވެ..

ހިއްސާ ކުރައްވާ!