އުރުދުންގައި ޓެރަރިސްޓް ހަމަލަ ދިން މީހުން މަރަން ޙުކުމް ކޮށްފި

އުރްދުންގެ ކަރަކް ގަވަރްނަރޭޓްގެ ޙައްމޫދު އަވަށުގައި ފައްޅިއަކަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުށް ސާބިތުވި ތިން މީހަކު މަރަން އެ ޤައުމުގެ ދައުލަތުގެ އަމަންއާންމާ ބެހޭ ސްޓޭޓް ސެކިއުރިޓީ ކޯޓުން އާދީއްތަ ދުވަހު ޙުކުމްކޮށްފިއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ހިންގި މި ޢަމަލަކީ 9 މީހެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ޖަރީމާއެކެވެ. ކޯޓުން މި ޙުކުމް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނާއި، ޖިނާޢީ ޢުޤޫބާތުގެ ޤާނޫނުގެ އިތުރުން މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

މި ޙުކުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރްދުންގެ މުފްތީ އަޙްމަދު އަލްޙަސަނާތު ވިދާޅުވީ، ކޯޓުން އިއްވި މަރުގެ ޙުކުމަކީ އިސްލާމީ ޝަރީޢަތުގެ އަސާސުތަކާ ފުރިހަމައަށް ފެތޭ، އަދި އެފަދަ ބޮޑެތި ޖަރީމާތަކަށް ޙައްޤުވާ އަދަބެއް ކަމަށެވެ. މިއީ އާދައިގެ މީހުން މެރުމުގެ ކުށެއް ނޫން ކަމަށާއި، މިއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި އަމަންއާންމަށް ނުރައްކާކޮށް ބިރުވެރިކަން ފެތުރުމުގެ ޖަރީމާއެއް ކަމަށްވާތީ ޝަރުޢީ ހަމަތަކުން މިއީ "ޙިރާބަ" ގެ ހައްދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޙުކުމަކީ އުރްދުންގެ ސިފައިންނާއި ޤާނޫނީ ނިޒާމުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ދައްކުވައިދިން ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުފްތީ ޢާންމު އިތުރަށް ވިދާޅުވިގޮތުގައި، މިފަދަ ހައްދުފަހަނައަޅާފައިވާ ވިސްނުންތަކާއި ޖަމާޢަތްތަކުގެ ފިކުރަކީ ދީނުގައި އޮތް ކަމެއް ނޫނެވެ. ނަމަވެސް، އެފަދަ ޖަމާޢަތްތަކުން ދީނީ ނައްޞުތައް ނަގައި، އެމީހުންގެ އަމިއްލަ އެދުންތަކަށާއި ޓެރަރިސްޓް ޢަމަލުތަކަށް މަގުފަހިވާގޮތަށް ނުބައިކޮށް މާނަކުރަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އުރްދުންގެ އިފްތާ އިދާރާއިން ފާއިތުވި އަހަރުތަކުގައިވެސް ވަނީ މިފަދަ ފިކުރުތަކާ ދެކޮޅަށް ފޮތްތަކާއި ފަތުވާތައް ނެރެ، މުޖުތަމަޢު ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކޮށްފައެވެ.

މި ހުކުމަކީ މަތީ މަރުހަލާގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތު އޮތް ޙުކުމެކެވެ.

ހިއްސާ ކުރައްވާ!