އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފިލިޕީންސްއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިން، ދެ ޤައުމުގެ މެދުގައި ޞިއްޙީ ދާއިރާއިން ޑޮކްޓަރުން ރަޖިސްޓްރީ ކުރުމުގެ އުޞޫލުތައް އެއްގޮތްކޮށް، ދެ ފަރާތަށް ފަހިވާގޮތަށް ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިލިޕީންސްގައި ހުންނަވާ އިންޑިއާގެ ސަފީރު ހަރްޝް ކުމާރް ޖެއިން ވިދާޅުވެއްޖެއެވެ.
ސަފީރު ޖެއިން ވިދާޅުވީ، ފިލިޕީންސްގެ ޔުނިވަރުސިޓީތަކުން ޞިއްޙީ ދާއިރާއިން ތަޢުލީމު ހާސިލުކުރާ އިންޑިއާގެ ދަރިވަރުންނަށް، އެ ޤައުމުގެ ޑޮކްޓަރުންގެ ލައިސަންސް އިމްތިޙާނުގައި ފިޒީޝަން ލައިސަންސް އެގްޒަމިނޭޝަންގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ފިލިޕިނޯ ޕްރޮފެޝަނަލް ރެގިއުލޭޝަން ކޮމިޝަނުން ހާމަކޮށްފައިވާ ކަމަށެވެ. މިއީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުމުގެ ސަބަބުން، ފިލިޕީންސްގެ ޞިއްޙީ މަރުކަޒުތަކުން ތަޢުލީމު ނިންމާ އިންޑިއާގެ ދަރިވަރުންނަށް، އިންޑިއާގައި ބާއްވާ ބޭރު ޤައުމުތަކުގެ މެޑިކަލް ގްރެޖުއޭޓުންގެ އިމްތިޙާނުގައި (އެފް.އެމް.ޖީ.އީ) ބައިވެރވުމަށް އިންޑިއާގެ ނޭޝަނަލް މެޑިކަލް ކޮމިޝަނުން (އެން.އެމް.ސީ) ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވުމަށް މަގުފަހިވެގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ދެ ޤައުމުގެ ސްޓްރެޓީޖިކް ބައިވެރިވުމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުން ކަމަށް ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ފިލިޕީންސްގައި ގާތގަނޑަކަށް 40,000 އިންޑިއާ މީހުން ދިރިއުޅެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި، ޞިނާޢީ ދާއިރާއާއި، އައި.ޓީގެ އިތުރުން ޕްރޮފޝަނަލް ޚިދުމަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް ހިމެނޭ ކަމަށާއި، މީގެ އިތުރުން ޞިއްޙީ ދާއިރާއިން ތަޢުލީމު ހާސިލުކުރަމުންދާ 7,000 އަށްވުރެ ގިނަ އިންޑިއާ ދަރިވަރުން ފިލިޕީންސްގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފެށިފައިވުމާއި، ދަތުރުފަތުރުކުރުމުގެ ފަސޭހަކަން ލިބިފައިވުމުގެ ސަބަބުން ޓޫރިޒަމާއި، ވިޔަފާރިއާއި، ތަޢުލީމީ އަދި ސަގާފީ ބަދަލުކުރުންތަކަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން އިންޑިއާއާއި ފިލިޕީންސްގެ ސްޓްރެޓީޖިކް ބައިވެރިވުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.






