ޓީބީ ބަލިން މަރުވާ މީހުންގެ އަދަދު %38 ދަށްކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ޢާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ދުނިޔޭގެ ޓީބީ ރިޕޯޓުން ދައްކާގޮތުގައި، ޓީބީ ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އިންޑިއާއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، 2015 ވަނަ އަހަރާ އަޅައިބަލާއިރު، އެ ޤައުމުގައި ޓީބީ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ %38 ދަށްވެފައެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން %35 ގެ ދަށްވުމަކާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ފެންވަރުގެ ކުރިއެރުމެކެވެ. މީގެއިތުރުން، ބޭހަށް ނުގުޑާ ވައްތަރުގެ ޓީބީ ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި %94 ގެ ކާމިޔާބީއެއް ހޯދާފައިވާކަމަށް އެ ރިޕޯޓުގައި ވެއެވެ.

މި ކާމިޔާބީއަކީ ޤައުމީ ފެންވަރުގައި ހިންގާ ޓީބީ ނައްތާލުމުގެ ޕްރޮގްރާމް (އެން.ޓީ.އީ.ޕީ) ގެ ދަށުން ގެންގުޅޭ ހަރުދަނާ މަސައްކަތުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެކެވެ. ބަލި އަވަހަށް ދެނެގަތުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް އިންޑިއާއިން ވަނީ އިސްކަމެއް ދީފައެވެ. އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ އެހީގައި އެކްސް-ރޭ ނެގުމާއި، ހަލުވިކަމާއެކު ބަލި ދެނެގަތުމުގެ ޓެސްޓުތައް ހެދުމުގެ އިތުރުން، ބަލިމީހުންނަށް ބޭނުންވާ މާލީ އަދި ކާނާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމްތައް ވަނީ ތަޢާރަފުކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ އިދާރާތަކާއި، ޞިއްޙީ ދާއިރާގެ މާހިރުންނާއި، އަދި ޢާންމު ރައްޔިތުން ގުޅިގެން ހިންގާ މި މަސައްކަތްތަކުގެ ސަބަބުން، ޓީބީ ބަލި ނައްތާލުމަށް ޤައުމީ ފެންވަރުގައި ކުރާ ޚަރަދުތަކުގެ %96 ހަމަޖައްސަނީ އަމިއްލަ އުފެއްދުންތަކާއި ޤައުމީ ވަސީލަތްތައް ބޭނުންކޮށްގެންކަން ރިޕޯޓުން ހާމަވެއެވެ.

ފާއިތުވި ދުވަސްތަކުގައި، އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ހިންގުނު ސްކްރީނިންގ ޕްރޮގްރާމްތަކުގެ ދަށުން 2.5 މިލިއަނަށް ވުރެން ގިނަ މީހުން ވަނީ ޓީބީއަށް ސްކްރީންކޮށްފައެވެ. އަދި ބަލި އަވަހަށް ދެނެގަތުމަށްޓަކައި 1.1 މިލިއަނަށް ވުރެން ގިނަ އެކްސް-ރޭ ނަގާފައިވާއިރު، ގިނަ ޒަމާނީ ލެބޯޓްރީ ޓެސްޓު ވަނީ ހަދާފައެވެ.

ހިއްސާ ކުރައްވާ!