ކެރެލާގެ އައްސޭރިން ފެނުނު މާސިންގާ މިޔަރަކީ މުޅިން އައު ބާވަތެއްކަން ކަށަވަރުވެއްޖެ

އިންޑިއާގެ ކެރެލާ ސްޓޭޓްގެ އައްސޭރިފަށުގެ މާކަނޑުން ފެންނަ، ތިން މީޓަރާ ހަމައަށް ބޮޑުވާ މިޔަރަކީ އެޓްލާންޓިކް ކަނޑުގައި އުޅޭ މިޔަރުގެ ބާވަތެއް ކަމަށް ފާއިތުވި އެތައް އަހަރެއް ވަންދެން ސައިންސްވެރިން ޤަބޫލުކުރަމުން އައި ނަމަވެސް، އެއީ އިންޑިއާ ކަނޑަށް ޚާއްސަ މުޅިން އައު ބާވަތެއްގެ މިޔަރެއްކަން ޖެނެޓިކް އަދި ޑީއެންއޭ ތަޙުލީލުތަކުން ކަށަވަރުވެއްޖެއެވެ.

ޒޫލޮޖިކަލް ސާވޭ އޮފް އިންޑިއާ (ޒެޑްއެސްއައި) އާއި ސެންޓްރަލް މެރިން ފިޝަރީޒް ރިސާޗް އިންސްޓިޓިއުޓް (ސީއެމްއެފްއާރުއައި) ގެ ސައިންސްވެރިން ގުޅިގެން ކުރި މި ދިރާސާއިން ހޯދި މި އައު ބާވަތަށް ސައިންޓިފިކް ނަމެއްގެ ގޮތުގައި ދީފައިވަނީ "އެކިނޯރައިނަސް ރޮއިނީ" އެވެ. އާންމު ނަމެއްގެ ގޮތުގައި "އިންޑިއަން ބްރެމްބަލް ޝާކް" ގެ ނަމުން ނަން ދީފައި ވެއެވެ.

މި މިޔަރުގެ ސާމްޕަލްތައް އެއްކޮށްފައިވަނީ ކެރެލާގެ ކޮއްލަމްގެ މަސްވެރިން ޑިނގާ ހިފުމަށް ދޫކުރާ ދާތަކުގައި ޖެހިގެން ބޭނިފައި ހުއްޓައެވެ.

ބޭރުފުށުން ފެންނަ ސިފަތައް އެއްގޮތްވުމުގެ ސަބަބުން މީގެ ކުރިން މި މިޔަރު ރެކޯޑުކުރެވެމުން އައީ އެޓްލާންޓިކް ބްރެމްބަލް ޝާކްގެ ގޮތުގައެވެ. ނަމަވެސް ކަނޑުގެ އަޑީގެ 350 އާއި 450 މީޓަރާ ދެމެދުގެ ފުނުގައި އުޅޭ، ގަދަ މުށި ނުވަތަ ކަޅު ކުލައިގެ މި މިޔަރުގެ ހަށިގަނޑުގެ މިންތަކާއި، ހަންގަނޑުގައި ހުންނަ ކަށި ފަދަ އުފެދުންތައް ދިރާސާކުރުމަށްފަހު، ޑީއެންއޭ ތަޙުލީލު ކުރުމުން މިއީ މުޅިން ތަފާތު ނަސްލެއްކަން ވަނީ ހާމަވެފައެވެ.

އެގޮތުން އެޓްލާންޓިކް ބްރެމްބަލް ޝާކާއި ޕެސިފިކް ޕްރިކްލީ ޝާކާ މި މިޔަރާ ޖެނެޓިކް ގޮތުން ބޮޑު ތަފާތެއް ހުރިކަން ސައިންސްވެރިން ވަނީ ސާބިތުކޮށްދީފައެވެ.

މީގެ އިތުރުން އޮމާން، ސްރީލަންކާ އަދި ތައިލެންޑްގެ ކަނޑުގެ ސަރަޙައްދުތަކުން ލިބިފައިވާ ޖެނެޓިކް ރެކޯޑުތަކަށް ބަލާއިރު، މި ބާވަތުގެ މިޔަރު އިންޑިއާގެ ކަނޑުގެ ސަރަޙައްދުން ބޭރުގައިވެސް އުޅޭކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އާތު ސައިންސަސްގެ "ޑީޕް އޯޝަން މިޝަން" ގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ދިރާސާގެ ހޯދުންތައް ވަނީ "ރެކޯޑްސް އޮފް ދަ ޒޫލޮޖިކަލް ސާވޭ އޮފް އިންޑިއާ" ގެ 2026 ވަނަ އަހަރުގެ ޢަދަދުގައި ޝާއިޢުކޮށްފައެވެ. މި އައު ބާވަތަށް "ރޮއިނީ" ގެ ނަމުން ނަންދީފައިވަނީ ޒެޑްއެސްއައިގެ ޑިރެކްޓަރުގެ ދަރިކަނބަލުން ރޮއިނީގެ ޝަރަފުގައެވެ. އަދި މި ދިރާސާއަށް ބޭނުންކުރި މިޔަރުގެ ސާމްޕަލްތައް މިހާރު ވަނީ ޗެންނާއީގައި ހުންނަ ޒެޑްއެސްއައިގެ މެރިން ބައޮލޮޖީ ރީޖަނަލް ސެންޓަރުގެ ޤައުމީ ކަލެކްޝަންގައި ބަހައްޓާފައެވެ.

 

ހިއްސާ ކުރައްވާ!