ހާޓް އެޓޭކެއް ޖެހުމަށްފަހު ހިތުގެ މަސްގަނޑުގައި ހުންނަ ސެލްތައް އަލުން ހަރަކާތްތެރި ކޮށްދޭ ބޭހެއް އުފައްދައިފިއެވެ. މި ބޭހުގެ ސަބަބުން ހިތުގެ މަސްގަނޑުގެ ބާރުގަދަވެ، ލޭ ދައުރުކުރާ މިންވަރު އިތުރުވެގެންދާކަން ވަނީ ހާމަވެފައެވެ.
ކޭމްބްރިޖް ޔުނިވަރސިޓީގެ ރިސާޗަރުން ކުރިއަށްގެންދިޔަ ތަޖުރިބާތަކުން ދައްކާ ގޮތުގައި، މި އައު ބޭހުގެ ސަބަބުން ހިތުގެ މަސްގަނޑުގެ ހަރަކާތްތަކުގައި ވަރުޖެހި ބާރު ގަދަވެ، ކޮންމެ ވިންދަކާއެކު ހިތުން ބޭރުކުރާ ލޭގެ މިންވަރު ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެގެން ގޮސްފައިވެއެވެ.
ނޭޗަރ ކާޑިއޯ ވެސްކިއުލާ ރިސާޗް މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ހޯދުންތަކުން ދައްކާ ގޮތުގައި، މިއީ ހަމައެކަނި ބައްޔާއި ގުޅުންހުރި އަލާމާތްތައް ފިލުވުމުގެ ބަދަލުގައި، ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ އަސާސީ ސަބަބު ކަމަށްވާ ހިތުގެ ސެލްތައް ދާއިމީކޮށް ގެއްލިގެންދިއުމުގެ މައްސަލައަށް ޙައްލެއް ހޯދައިދޭނެ މުހިންމު ފިޔަވަޅެކެވެ. އިންސާނާ މައިމީހާގެ ބަނޑުގައި އޮންނަ ދުވަސްވަރު ހިތުގެ ސެލްތައް އަމިއްލައަށް އާލާވުމުގެ ޤާބިލުކަން ލިބިގެންވި ނަމަވެސް، އުފަންވުމަށްފަހު އެ ޤާބިލުކަން ކުއްލިއަކަށް ގެއްލިގެންދެއެވެ.
މި އައު ދިރާސާގައި ބޭނުންކޮށްފައިވަނީ އެމް.އާރް.އެން.އޭ ޓެކްނޮލޮޖީއެވެ. މިއީ ޑީ.އެން.އޭ އަށް ދާއިމީ ބަދަލެއް ގެނައުމަކާ ނުލައި، ވަގުތީގޮތުން ސެލްތަކަށް ޚާއްސަ މަސައްކަތްތައް ކުރުމަށް ބާރުއަޅައިދޭ ޓެކްނޮލޮޖީއެކެވެ.
ރިސާޗަރުން ވަނީ މި ޓެކްނޮލޮޖީގެ އެހީގައި ހިތުގެ މަސްގަނޑުގައި ހިމެނޭ ޕްރޮޓީންތަކެއް ހަރަކާތްތެރިކޮށް، ސެލްތައް އަލުން ހަރަކާތްތެރި ވުމަށް މަގުފަހިކޮށްދީފައެވެ.







