ހދ. ކުޅުދުއްފުށީގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ތަރައްގީކުރި 'މަނަސް ހަބް' ރަސްމީކޮށް ހުޅުވައިފިއެވެ.
ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުއްވައިދެއްވީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ. މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ސެންޓަރަކީ އާންމު ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގެ މާހައުލާ ތަފާތުކޮށް، ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ އަމާން މާހައުލެއް ކަމަށެވެ. އަދި މި މަރުކަޒުގެ މޮޑެލް ބިނާވެފައިވަނީ ނަފްސާނީ އެހީތެރިކަމަކީ ހަމައެކަނި ހާލަތު ނުރައްކާވުމުން ހޯދާ ޚިދުމަތަކަށް ނުހަދައި، ދުރާލައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހައްމިއްޔަތުކަން ދިނުމުުގެ މައްޗަށް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
'މަނަސް ހަބް' މެދުވެރިކޮށް ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ސައިކޯއެޑިއުކޭޝަން ސެޝަންތަކާއި، ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ. މއިގެއިތުރުން ސްޓްރެސް މެނޭޖްކުރުމާއި، އިމޯޝަނަލް ރެޒިލިއަންސް ވަރުގަދަކުރުމުގެ އިތުރުން މުސްތަގުބަލުގެ ކެރިއާ ބިނާކުރުމަށް މަގުދައްކައިދޭ ސިލްސިލާ ސެޝަންތަކާއި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ބޯޑު ގޭމްސް ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެންޓަރުން ކޮންމެ ފަރުދަކަށްވެސް ފަސޭހަކަމާއެކު ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، އިތުރު ފަރުވާއަށް ބޭނުންވާ ހާލަތްތަކުގައި އެކަށީގެންވާ ފަންނީ އެހީތެރިކަން ލިބޭނެ މަގުފަހިކޮށްދީފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.







