އެމްއެފްޑީއޭއިން ބޭހާއި ބަދަލު ބޭސްގެ އައު ރަޖިސްޓްރީ އާންމުކޮށްފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމަށް ހުއްދަދީފައިވާ ބަދަލު ބޭހުގެ (އަލްޓަނޭޓިވް މެޑިސިންގެ) އާ ލިސްޓެއް އާންމުކޮށްފިއެވެ. މި ލިސްޓުގައި އިންޑިއާ، ސްރީލަންކާ، މެލޭޝިޔާ އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން އުފައްދާފައިވާ ބޭސްތަކާއި ޞިއްޙީ ފަރުވާ ހިމެނެއެވެ.

އެމްއެފްޑީއޭގެ މެޑަސިން އެންޑް ތެރަޕިއުޓިކްސް ގޫޑްސް ޑިވިޜަނުން ނެރެފައިވާ މި ލިސްޓުގައިވާ ގޮތުން، ރާއްޖެއަށް މިފަދަ ބޭސްތައް އެތެރެކޮށް ވިއްކުމުގެ ފުރުސަތު ހުރިހާ އިމްޕޯޓަރުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. ނަމަވެސް ބައެއް ވަކިވަކި ބާވަތްތައް އެތެރެކުރުމުގެ ޚާއްސަ ހުއްދަ ބައެއް ކުންފުނިތަކަށް ދީފައިވެއެވެ. އޭގެ ތެރޭގައި އޭޑީކޭ ފާމަސޫޓިކަލް ކުންފުންޏާއި، ލައިފް ސަޕޯޓް އަދި މެޑިޓައިމް ފަދަ ކުންފުނިތައް ހިމެނެއެވެ.

މި ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރޭގައި ތަދުވާ ތަންތާނގައި އުގުޅާ ބޭހާއި، ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ބޭސްތަކުގެ އިތުރުން ދިވެހި ބޭހުގެ ބާވަތްތަކާއި އާޔުރްވޭދާ ބޭސްތައް ހިމެނެއެވެ. މީގެ ކުރިންވެސް ރާއްޖޭގައި ބޭނުންކުރަމުން އަންނަ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ބޭސްތައް މި ލިސްޓުގައި ހިމެނޭއިރު، މިއީ އާންމުންނަށް ފަސޭހަކަމާއެކު ލިބެންހުންނާނެ ބޭސްތަކެކެވެ. މި ލިސްޓުގައި 33 ބޭހެއް ހިމަނާފައި ވެއެވެ.

ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ބޭސް ފިހާރަތަކުން ބޭސް އެތެރެކުރުމާއި ވިއްކުމުގައި ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމްއެފްޑީއޭއިން އިރުޝާދުދީފައިވެއެވެ.

ހިއްސާ ކުރައްވާ!