2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ބޭރުގެ އިންވެސްޓަރުން އިންޑިއާގެ ރިއަލް އެސްޓޭޓް ދާއިރާގައި 5.5 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފިއެވެ. އެމުއްދަތުގައި ބޭރު އިންވެސްޓަރުން ޗައިނާގައި އިންވެސްޓްއ ކުރީ 3.7 ބިލިއަން ޑޮލަރެވެ. ބައިނަލްއަޤުވާމީ މާލީ ތަފާސްހިސާބުތައް ދިރާސާކުރާ އެމްއެސްސީއައިގެ ޑޭޓާއަށް ރިޢާޔަތްކޮށް، ރިއަލް އެސްޓޭޓް ދާއިރާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސެވިލްސްއިން ނެރުނު ތަޙުލީލީ ރިޕޯޓުން ދައްކާ ގޮތުގައި، މިއީ ބޭރުގެ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތައް ހޯދުމުގައި ޗައިނާއަށްވުރެ އިންޑިއާ ކުރިހޯދި ދެވަނަ އަހަރެވެ.
މި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާއަށް ވަދެފައިވާ ޖުމްލަ 5.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ އެންމެ ބޮޑު ހިއްސާއެއް ލިބިފައި އޮތީ ޑޭޓާ ސެންޓަރުތައް ތަރައްޤީކުރުމުގެ ދާއިރާގައެވެ. ޑޭޓާ ސެންޓަރުތަކަށް 3.9 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް އިންޑިއާއަށް ލިބިފައިވެވެ. މިއީ އޮފީސް އިމާރާތްތަކުގެ ދާއިރާއަށް ކުރެވުނު އިންވެސްޓްމަންޓްތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. ޑިޖިޓަލް ޚިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމާއި، ކްލައުޑް ކޮމްޕިއުޓިންގ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންތައް އިތުރުވުމަކީ އިންޑިއާގެ ޑޭޓާ ސެންޓަރުތަކަށް ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މައިގަނޑު ސަބަބުތައް ކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރެއެވެ.
ޑޭޓާ ސެންޓަރުތަކުގެ އިތުރުން، އިންޑިއާގެ ވިޔަފާރި އަދި އޮފީސް އިމާރާތްތަކުގެ ބާޒާރަށްވެސް އިންވެސްޓަރުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސެވިލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އިންޑިއާގައި އޮފީސް ޖާގައަށް އޮތް ޑިމާންޑް ވަރުގަދަވުމުގެ ސަބަބުން، ކުލީގެ އަގުތައް އަހަރަކު 7 އިންސައްތައާއި 8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަނީ އިތުރުވަމުންނެވެ. ހަމައެއާއެކު، މަތީ ފަންތީގެ ނުވަތަ "ގްރޭޑް އޭ" އޮފީސް އިމާރާތްތަކުން އިންވެސްޓަރުންނަށް ލިބޭ އާމްދަނީގެ ނިސްބަތް 7.75 އިންސައްތައާއި 8 އިންސައްތައާ ދެމެދުގައި ހިފެހެއްޓިފައި ހުރުމަކީ، ދުނިޔޭގެ އެހެން ބޮޑެތި ބާޒާރުތަކާ އަޅާބަލާއިރު އިންޑިއާއަކީ ފައިދާ ބޮޑު މަންޒިލަކަށް ވެގެންދިޔަ ސަބަބެކެވެ.
މުޅި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ރިއަލް އެސްޓޭޓަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ދާއިރާގެ ވިޔަފާރި ރިއަލް އެސްޓޭޓް ދާއިރާއަށް ކުރެވުނު ޖުމްލަ އިންވެސްޓްމަންޓްތައް ވަނީ ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ސަރަޙައްދީ ފެންވަރުގައި މި ދާއިރާ ފުޅާވަމުންދާއިރު، ޗައިނާގެ ރިއަލް އެސްޓޭޓް ބާޒާރަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން، ބައިނަލްއަޤުވާމީ ބޮޑެތި އިންވެސްޓްމަންޓް ފަންޑުތަކުން ޗައިނާގެ ބަދަލުގައި އިންޑިއާ ފަދަ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިޞާދުތަކަށް އިސްކަމެއް ދޭން ފަށާފައިވާކަން މިއިން ހާމަވެއެވެ.
މީސް މީޑިއާގައި އާންމު ކޮށްފައިވާ ތަފާސްހިސާބުތަކާ ގުޅިގެން މާލީ ދާއިރާއިން ބުނަނީ، އިންޑިއާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ވިޔަފާރިކުރުމަށް ފަހިވާގޮތަށް ސަރުކާރުން ގެންނަމުންދާ ސިޔާސަތުތަކުގެ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައިވެސް ބޭރުގެ އިންވެސްޓްމަންޓްތައް އިންޑިއާއަށްލިބެމުން ދާނެ ކަމަށެވެ. ޚާއްސަކޮށް، ޓެކްނޮލޮޖީއާއި މާލީ ޚިދުމަތްދޭ ބައިނަލްއަޤުވާމީ ކުންފުނިތަކުން އިންޑިއާގައި އެ ކުންފުނިތަކުގެ އޮޕަރޭޝަންތައް ފުޅާކުރަމުންދިއުމަކީ، އެ ޤައުމުގެ ރިއަލް އެސްޓޭޓް ބާޒާރަށް ދިގު މުއްދަތުގެ ހަރުދަނާކަމެއް ލިބިގެންދާނެ ކަމެއް ކަމަށް މާހިރުން ދެކެއެވެ.






