ފިތުނަ އުފެއްދުމާއި، ހަމަނުޖެހުމަށް ހިތްވަރުދިނުމާއި، އަދި ޤައުމީ ސަލާމަތާށް ނުރައްކާވާފަދަ ޚަބަރުތައް ފެތުރުމުގެ ކުށް ސާބިތުވެގެން، އުރުދުންގެ ޢަޤަބާގެ ކޯޓަކުން އުމުރުން 44 އަހަރުގެ ފިރިހެނަކު އެއް އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
މި މައްސަލަ ބެލި ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ތުހުމަތުކުރެވުނު މީހާގެ މައްޗަށް ސާބިތުވެފައިވަނީ ޖިނާއީ ތިން ކުށެކެވެ.
- އޭގެ ތެރޭގައި ފިތުނަ އުފެއްދުމާއި ހަމަނުޖެހުމަށް ހިތްވަރުދިނުމުގެ ކުށާއި،
- ޤައުމީ ސަލާމަތާއި ސުލްޙަވެރިކަމަށް ހުރަސްއެޅޭފަދަ މައުލޫމާތު ފެތުރުމުގެ ކުށުގެ އިތުރުން،
- ވެރިންނަށް ފުރައްސާރަކުރުމުގެ ކުށް ހިމެނެއެވެ.
އުރުދުންގެ ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގެ ދަށުން، ކޮންމެ ކުށަކަށް ވަކިވަކިން ޢުޤޫބާތް ކަނޑައެޅި ނަމަވެސް، ޖުމްލަކޮށް ތަންފީޒުކުރަންޖެހޭނީ އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ. މީގެއިތުރުން، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޙުކުމުން އުނިކުރުމަށްވެސް ކޯޓުން ނިންމާފައިވެއެވެ.
ޝަރީޢަތުގެ މަޖިލީހުގައި ތުހުމަތުކުރެވުނު މީހާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަށް އިއުތިރާފުވެފައެވެ. އަދި މިފަދަ ލިޔުންތައް ޝާއިޢުކޮށްފައިވަނީ ނަފްސާނީ ގޮތުން ދަތި ޙާލަތެއްގެ ތެރޭގައި އުޅުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. ނަމަވެސް، އެ ފަދަ ޢަމަލުތަކަކީ ޤާނޫނީ ޒިންމާއިން މިންޖުވެވޭނެ ސަބަބެއް ނޫން ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
މައްސަލައިގެ ތަފްޞީލުން އެނގޭ ގޮތުގައި، މި މީހާ މީސް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކްގައި ޝާއިޢުކޮށްފައިވާ ލިޔުންތަކުގައި، އުރުދުންގެ ސިޔާސީ ޝަޚްޞިއްޔަތުތަކަށް ކުޑައިމީސްކޮށް، ސަރުކާރާއި ސިފައިންނާ ދެކޮޅަށް ވާހަކަދައްކާ ފައިވެއެވެ. ފުލުހުން އޭނާ ހައްޔަރުކޮށް، އޭނާގެ އަތުގައި އޮތް ފޯނު ބަލައިފާސްކުރުމުގެ ތެރޭގައި، އޭނާ އިސްލާމް ދީން ދޫކޮށް މަސީހީ ދީނަށް ވަދެފައިވާ ކަމަށާއި ޔަހޫދީ ދީނު މޮޅުކޮށް ވާހަކަ ދައްކައި ލިޔން އުފައްދާފައިުވާ ކަމަށާއި ޓެރަރިސްޓް ޖަމާޢަތެއްގެ ނިޝާނާއި ދިދަ ފެނިފައިވާކަމަށް ތަޙުޤީޤީ ލިޔުންތަކުން ދައްކައެވެ.
މި މައްސަލައާ ގުޅިގެން ޤާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ޑިޖިޓަލް މައިދާނުގައި ޝާއިޢުކުރެވޭ ކޮންޓެންޓްތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވެ، މަސްރަހު ހަލަބުވާފަދަ ޙާލަތްތަކުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން މިފަދަ ފިޔަވަޅުތައް އެޅުން އިތުރުވެފައިވެއެވެ.




