އެންވީޑިއާގެ ސީއީއޯގެ ޖިންސީ ފަޟީހަތުގެ މައްސަލަ ބަލަން ފަށައިފި

ދުނިޔޭގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބޭނުންވާ ޗިޕް އުފައްދާ ކުންފުނި، އެންވީޑިއާގެ ޗީފް އެކްޒެކެޓިވް ޖެންސެން ހުއާންގްއާ ދެކޮޅަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިނިވަން ތަހުގީގެއް ފަށައިފިއެވެ. އޭނާއަށް ތުހުމަތު ކޮށްފައި ވަނީ ޗައިނާއަށް ޖާސޫސްކޮށްދޭ ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ ޗައިނާގެ ވިޔަފާރިވެރި އަންހެނަކާއެކު ކައިވެނީގެ ބޭރުން ގުޅުމެއް ބޭއްވިކަމަށް އިއުތިރާފުވުމާ ގުޅިގެންނެވެ.

ބޯޑުގެ ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލާނީ ހުއާންގްއަކީ ބޭރުގެ އިންޓެލިޖެންސް އޮޕަރޭޝަނެއްގެ އަމާޒަކަށް ވެފައިވާ މީހެއްތޯއާއި ގައުމީ ސަލާމަތާ ގުޅޭ ސިއްރުތަކެއް ނުވަތަ އެކްސްޕޯޓް ކޮންޓްރޯލްތަކަށް އޭނާގެ އަމަލުތަކުން އަސަރުކޮށްފައިވޭތޯއެވެ. ހުއާންގްގެ ނާޖާއިޒު ގުޅުން ބޭޒާރުވުމުން ވޮޝިންގްޓަނާއި ވޯލް ސްޓްރީޓަށް ބޮޑު ސިހުމެއް ލިބިގެން  ގޮސްފައި ވެއެވެ.

ދުނިޔޭގެ އެންމެ އަގުހުރި ސެމީކޮންޑަކްޓަރ ކުންފުނި އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދެމުންދާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެންވީޑިއާ ސީއީއޯގެ ލޯބިވެރިޔާ އެލިސް ހުއާންގްއަކީ ސިންގަޕޫރުގެ ޑޭޓާ ފާމެއް ކަމަށްވާ މެގާސްޕީޑްގެ މެނޭޖިންގ ޑިރެކްޓަރެވެ. މިއީ އެމެރިކާގެ ފެޑެރަލް އެކްސްޕޯޓް ގަވާއިދުތަކާ ހިލާފަށް، ޗައިނާގެ ކުންފުނިތަކަށް ފޮނުވުމަށްޓަކައި ބިލިއަން ޑޮލަރުގެ އެންވީޑިއާ އެޑްވާންސްޑް ޗިޕްތައް ގަންނަ ކަމަށް ތުހުމަތުކޮށް އެމެރިކާ ސަރުކާރުން ފާރަވެރިވަމުންދާ ކުންފުންޏެކެވެ.

މި ދެ ހުއާންގްގެ ދެމެދުގައި އެއްވެސް އާއިލީ ގުޅުމެއް ނުވެއެވެ.

އާދީއްތަ ދުވަހު އެންވީޑިއާގެ މުވައްޒަފުންނަށް ފޮނުއްވި ބަޔާނެއްގައި، އުމުރުން 63 އަހަރުގެ ހުއާންގް ވަނީ އަމިއްލަ ޖިންސީ ކުށަށް އިއުތިރާފުވެ، އޭނާގެ އާއިލާއާއި މުވައްޒަފުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.

"އަހަރެން އަނބިމީހާއަށް ވަފާތެރިއެއް ނުވެވުނު،" ހުއާންގް ލިޔުއްވާފައިވެއެވެ. "އަހަރެންގެ އަމަލުތަކުގެ ސަބަބުން އަނބިމީހާއަށާއި ދަރިންނަށް އަނިޔާ ލިބިފައިވޭ. އަހަރެން ކުރި ކަންތައް ތަކަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް. އަހަރެން އިންތިހާއަށް ދެރަވޭ." އޭނާ ލިޔުނެވެ.

އެންވީޑިއާއިން ބުނީ އެތެރޭގެ ރިވިއު ކުރިއަށްގެންދާނީ މިނިވަން ޑިރެކްޓަރުންގެ ކޮމިޓީއަކުން ކުންފުނިން ބޭރުގެ ގާނޫނީ ވަކީލުންގެ އެހީތެރިކަމާއެކު ގައެވެ. އަދި މިހާތަނަށް ވިޔަފާރީގެ ސިއްރުތަކެއް ނުވަތަ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ހިނގާފައިވާކަމުގެ އެއްވެސް ހެކިލިބިފައިނުވާ ކަމަށް ކުންފުނިން ބުންޏެވެ.  ހުއާންގް ވަނީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި ކުންފުނީގެ ލީޑަރޝިޕްގައި ދެމިހުރެ އިތުބާރު އަލުން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ފާރަވެރިކަމުގެ ތެރެއިން ހޯދި ހައިރާންކުރުވަނިވި ކުރިއެރުން

މި ތުހުމަތުތައް ހުއާންގްއާ ކުރިމަތިވީ އޭނާގެ ބާރާއި ނުފޫޒު އެންމެ ގަދަވި ދަނޑިވަޅުގައެވެ. 1993 ގައި އެންވީޑިއާ އުފެއްދެވުމުގައި ބައިވެރިވެވަޑައިގެންނެވި ހުއާންގް ވަނީ، 3ޑީ ގޭމިންގ ގްރެފިކްސް ޗިޕް އުފައްދާ ކުޑަ ކުންފުންޏެއްގެ ގޮތުގައި އޮތް އެންވީޑިއާ، އޭއައި ހާޑްވެއާގެ އެންމެ ކުރީގައި އުޅޭ ކުންފުންޏަށް ބަދަލުކުރުމަށް އިސްވެ މަސައްކަތް ކުރި ފަރާތެވެ.

ގްރާފިކްސް ޕްރޮސެސިންގ ޔުނިޓްސްއާއި ސޮފްޓްވެއާ އާކިޓެކްޗަރއަށް ގެނައި އީޖާދީ ބަދަލުތަކުގެ ސަބަބުން، އޯޕަންއޭއައި ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކަށް ބޭނުންވާ މުހިންމު ހާޑްވެއާ ފޯރުކޮށްދިނުމުގެ ފުރުސަތު އެންވީޑިއާއަށް ލިބި، ކުންފުނީގެ އަގު 4.5 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިގެން ދިޔައެވެ.

އެންވީޑިއާގައި ހުއާންގްގެ 3.4 އިންސައްތަ ހިއްސާ އޮތުމުން، އޭނާގެ އަމިއްލަ މުއްސަނދިކަން ވަނީ ގާތްގަނޑަކަށް 155 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއާއެކު އޭނާ ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ތެރޭގައެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރު، ހުއާންގްގެ އަމިއްލަ ދިރިއުޅުމުގެ ވާހަކައަކީ އެންވީޑިއާގެ ބްރޭންޑް އައިޑެންޓިޓީގެ މުހިންމު ބަޔެކެވެ.

އޮރެގަން ސްޓޭޓް ޔުނިވަރސިޓީގައި އެންޖިނިއަރިންގ ކިޔަވަން އުޅުނުއިރު ލޯރީ މިލްސްއާ ބައްދަލުވެ، ހޯމްވޯކް ހަދަން އެހީތެރިވެދޭނެ ކަމަށް ބުނެ ލޯބީގެ ގުޅުން އުފެއްދި އެވެ. އަދި ކިޔެވުން ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެމަފިރިން ކައިވެނިކޮށް، އެންވީޑިއާ ބިނާކުރީ ސިލިކަން ވެލީގެ ބޮޑު ކުންފުންޏެއްގެ ގޮތުގައެވެ.

އޭނާއަށް މިހާރު ވަނީ ސަލާމަތީ ބޮޑެތި ކަންބޮޑުވުންތަކެއް ކުރިމަތިވެފައެވެ. އެމެރިކާގެ އިންޓެލިޖެންސް މެމޯތަކަށް ބަލާއިރު، ފެޑެރަލް އެޖެންސީތަކުން އެލިސް ހުއާންގްއަށް ފާރަވެރިވީ، މަނާ ކޮށްފައިވާ ޓެކްނޮލޮޖީ ޗައިނާގެ ސަރުކާރުގެ ފަރާތްތަކަށް ފޯރުކޮށްދޭ ކަމަށް ތުހުމަތުކުރެވޭ ތިންވަނަ ފަރާތްތަކުގެ މެދުވެރިންގެ ތަހުގީގުގެ ތެރެއިންނެވެ.

ވޮޝިންގްޓަންގެ ފެންވަރުގައި ބޮޑުވަމުންދާ ނުތަނަވަސްކަން

މިކަންކަން ހާމަވުމާއެކު އެމެރިކާގެ ސަރުކާރު ފެންވަރުގައި ވަނީ ވަގުތުން މިކަމަށް ސަމާލުކަން ދީފައެވެ. ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ހައުސް ކޮމިޓީގެ ތިން މުގައްރިރުން ކަމަށްވާ، ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބްރިއަން މާސްޓް، ޗައިނާއާ ބެހޭ ސެލެކްޓް ކޮމިޓީގެ ޖޯން މޫލެނާރ، އަދި އިންޓެލިޖެންސް ކޮމިޓީގެ ރިކް ކުރޯފޯޑް ވަނީ ކޮމިޓީގެ ސިއްރު ބައްދަލުވުމަކަށް ހުއާންގް ހާޒިރުވުމަށް ރަސްމީކޮށް އަންގަވާފައެވެ.

ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ބޭނުންވަނީ އަންހެން ހުއާންގްއާއެކު އޭނާ ބޭއްވި ގުޅުންތަކުގެ ތަފްސީލާއި، އެމެރިކާއިން ބޭރުކުރުން ހަރުކަށިކޮށް މަނާކޮށްފައިވާ އެޗް200 ފަދަ އެންވީޑިއާގެ އެޑްވާންސްޑް ޗިޕްތައް ހޯދުމަށް މެގާސްޕީޑުން އޭނާގެ ގުޅުމުގެ ބޭނުންކޮށްފައިވޭތޯ ބަލާށެވެ.

ކޮންގްރެސްގައި ކަންބޮޑުވުންތައް އިތުރުވަމުންދިޔަ ނަމަވެސް، ސިޔާސީ ލީޑަރުން މިހާތަނަށް ވާހަކަ ދައްކަވާފައިވަނީ ވަރަށް މައިތިރި ކޮށެވެ. ރައީސް ޓްރަންޕް އާދީއްތަ ދުވަހު ނޫސްވެރިންނަށް ވިދާޅުވިގޮތުގައި، ހުއާންގްއަކީ "އިއްޒަތްތެރި ބޭފުޅެއް" ކަމަށާއި އޭނާ ވަނީ "ގައުމަށް ހައިރާންކުރުވަނިވި މަސައްކަތްތަކެއް" ކޮށްދެއްވާފައި ކަމަށެވެ.

މިއާ ޚިލާފަށް ޗައިނާއިން ވަނީ ޖާސޫސްކުރި ކަމަށް ކުރެވޭ ތުހުމަތުތަކަކީ "އެއްވެސް އަސާސެއް ނެތް އިލްޒާމްތަކެއް" ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

އެންވީޑިއާއަށް ބަލާއިރު، މީގެ ނުރައްކާ މާ ދުރަށް ފެތުރިގެންދެއެވެ. އޭއައި ޗިޕްތަކަކީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ވަސީލަތެއްގެ ގޮތުގައި އޮފިޝަލުން ބަލަމުންދާއިރު، މި ތަހުގީގުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ކުރިމަތިވާ ނުރައްކާތަކުގެ އަސަރު އަދި ކުންފުނީގެ އަގަށާއި ދުނިޔޭގެ މާކެޓްތަކުގައި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ގާބިލުކަމަށް ކޮށްފާނެ ކަމަށް ބެލެވެއެވެ.

އެންވީޑިއާ ބޯޑުގެ ތަހުގީގު ކުރިއަށް އޮތް ހަފުތާތަކުގައި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!