އެމެރިކާގެ ނެބްރަސްކާ ސްޓޭޓްގެ މޮނޯވީއަކީ ދުނިޔޭގައި އެންމެ އާބާދީ މަދު، ރަސްމީކޮށް ޓައުންއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެކެވެ. ގިނިސް ވޯލްޑް ރެކޯޑްސްއިން ވެސް ފާހަގަކޮށްފައިވާ ރަށެކެވެ.
މުޅި އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އާބާދީއަކީ 1 އެވެ. އެރަށުގެ ހަމައެކަނި ރައްޔިތެއް ކަމަށްވާ އުމުރުން 93 އަހަރުގެ އެލްސީ އައިލަރ އަކީ އެ ރަށުގެ މޭޔަރުކަމާއި، ކައުންސިލްގެ ސެކްރެޓަރީކަމާއި، ޚަޒާންދާރުކަމުގެ އިތުރުން، ރަށުގައި ހުންނަ ހަމައެކަނި ރެސްޓޯރަންޓާއި ކުތުބުޚާނާ ހިންގުމުގެ ހުރިހާ ޒިންމާއެއް އަދާކުރާ ފަރާތެވެ.
މޮނޯވީގެ ރަށު ކައުންސިލްގެ އިދާރީ ހުރިހާ މަސައްކަތެއް ކުރަނީ އެލްސީއެވެ. އެގޮތުން ރަށުގެ މަގުތައް މަރާމާތުކުރުމުގެ ޕްލޭންތައް އެކުލަވާލުމާއި، މާލީ ކަންކަން ބެލެހެއްޓުމާއި، އަސާސީ ޚިދުމަތްތައް ދެމެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސްޓޭޓް ސަރުކާރަށް ހުށަހެޅުން ފަދަ ހުރިހާ ކަމެއް ވެސް އޭނާ ކުރެއެވެ. މީގެ ތެރެއިން އެންމެ ޚާއްސަ ކަމަކީ، އޭނާ ހިންގާ ވިޔަފާރިއަށް ބޭނުންވާ އަހަރީ ލައިސަންސް އަމިއްލައަށް ދޫކުރުމެވެ. ރަށުގެ ކްލާކްގެ ހައިސިއްޔަތުން އެ ލައިސަންސްގައި ސޮއިކޮށް، ވިޔަފާރީގެ ވެރިޔާގެ ހައިސިއްޔަތުން އެ ލައިސަންސްއާ ހަވާލު ވަނީވެސް އެލްސީއެވެ.
އިދާރީ މަސައްކަތްތަކުގެ އިތުރުން، ހަފުތާއަކު ހަ ދުވަހު، ދުވާލަކު ގާތްގަނޑަކަށް 12 ގަޑިއިރު އޭނާ ހޭދަކުރަނީ "މޮނޯވީ ޓެވާން" ގައި ކަސްޓަމަރުންނަށް ޚިދުމަތް ދޭށެވެ. ކޮފީ ތައްޔާރުކުރުމާއި، ބާގާ ފިހުމާއި، އެތަނަށް ޒިޔާރަތްކުރާ މީހުންނަށް މަރުޙަބާ ކިޔުމުގައި އޭނާ ޙަރަކާތްތެރިވެ އެވެ. ރަށުގެ އާބާދީއަކީ "1″ ކަމަށް ލިޔެފައިވާ މަޝްހޫރު ބޯޑު ދެކިލުމަށާއި، އެލްސީއާ ބައްދަލުކޮށްލުމަށްޓަކައި އެމެރިކާގެ 50 ސްޓޭޓުންނާއި، ދުނިޔޭގެ 60 އަށްވުރެ ގިނަ ޤައުމުން ފަތުރުވެރިން އެ ރަށަށް ޒިޔާރަތްކުރެއެވެ.
1900 ގެ އަހަރުތަކުގެ ކުރީކޮޅު ރޭލު ދަތުރުފަތުރުގެ މަރުކަޒެއްގެ ގޮތުގައި އުފެދުނު މޮނޯވީއަކީ އޭރު ދިރުން ހުރި ރަށެކެވެ. 1930 ވަނަ އަހަރު އެ ރަށުގެ އާބާދީ 123 އަށް އެރިއިރު، ފިހާރަތަކާއި، ސްކޫލަކާއި، ޕޯސްޓް އޮފީހެއްގެ އިތުރުން ފައްޅިއެއްވެސް އެ ރަށުގައި ހުއްޓެވެ. ނަމަވެސް ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް ޒުވާނުން އެހެން ސަރަޙައްދުތަކަށް ހިޖުރަކުރަން ފެށުމާއި، ރޭލު ދަތުރުތައް ހުއްޓި ރަށުގެ އާބާދީ ދަށަށް ދާން ފެށިއެވެ. 1980 ވަނަ އަހަރާ ހަމައަށް އައިއިރު ރަށުގައި ތިބީ އެންމެ 18 މީހުންނެވެ. އަދި 2000 ވަނަ އަހަރު ރަށުގައި ތިބީ އެލްސީއާއި އޭނާގެ ފިރި މީހާ ރުޑީ އައިލަރ އެކަންޏެވެ.
2004 ވަނަ އަހަރު ފިރި މީހާ ރުޑީ މަރުވުމާއެކު، އެލްސީ ވެގެންދިޔައީ ރަށުގައި ދިރިއުޅޭ ހަމައެކަނި ރައްޔިތަށެވެ. އެހެން ރަށަކަށް ބަދަލުވުމުގެ ޚިޔާލު ދޫކޮށްލައި، އަމިއްލަ ވަޒަނުގައި މަޑުކުރުމަށް އޭނާ ނިންމިއެވެ.
ފޮތް ކިޔުމަށް ލޯބިކުރާ ފިރި މީހާގެ ހަނދާނުގައި، އޭނާ އެއްކޮށްފައިވާ 5،000 އެއްހާ ފޮތާއެކު 2005 ވަނަ އަހަރު "ރުޑީސް ލައިބްރަރީ" ގެ ނަމުގައި ޢާންމު ކުތުބުޚާނާއެއް އެލްސީ ހުޅުވިއެވެ. މިއަދު އެ ރަށުގައި ބޭނުންކުރަމުންދާ ތިން އިމާރާތަކީ އެލްސީގެ ގެއާއި، ރެސްޓޯރަންޓް އަދި މި ކުތުބުޚާނާއެވެ.
މޮނޯވީގައި އެލްސީ އެކަނި ދިރިއުޅުނު ނަމަވެސް، ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ ދަނޑުވެރިންނާއި ރަޙުމަތްތެރިންގެ ފަރާތުން އޭނާއަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. ސްނޯ ފައިބާ ދުވަސްތަކުގައި ރަށުގެ މަގުތައް ސާފުކޮށްދިނުމަށާއި، ރެސްޓޯރަންޓަށް ބާރުބޮޑުވާ ވަގުތުތަކުގައި އެހީތެރިވުމަށް އެ ފަރާތްތަކުން އާދެއެވެ.
އެލްސީގެ ދަރިފުޅު ރެނޭ ލަސީސް ބުނާ ގޮތުގައި، ރަށުގައި ރަސްމީކޮށް ދިރިއުޅެނީ އެންމެ މީހެއް ކަމަށް ވީނަމަވެސް، އެތަން އަމިއްލަ ވަޒަނެއްގެ ގޮތުގައި ދެކޭ އެތައް ބަޔަކު އެބަތިއްބެވެ.
މޮނޯވީގެ މުސްތަޤުބަލާ މެދު ވާހަކަދައްކަމުން އެލްސީ ބުނީ، އޭނާއަށް ފަހު ރަށުގެ ޒިންމާތަކާ ހަވާލުވާނެ އިތުރު މީހަކު ނެތުމުން، އެ ރަށް ފަޅުރަށަކަށް ވެގެން ހިނގައިދާނެތީ ހިތާމަކުރާ ކަމަށެވެ.






