އިނގިރޭސިވިލާތުގެ މަރސީސައިޑްގެ ސެއިންޓް ހެލެންސްގައި އުޅޭ އަންހެނަކު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑު ކުދިުކުދިކޮށް ތިން އަހަރު ވަންދެން ފްރީޒަރެއްގައި ރައްކާކޮށްގެން އުޅުނު ފިރިހެނެއްގެ މައްޗަށް ކުރާ މަރުގެ ދަޢުވާއާއި މާލީ މަކަރާ ޙީލަތްހެދުމުގެ މައްސަލައިގެ ޝަރީޢަތް ލިވަރޕޫލް ކްރައުން ކޯޓުގައި ފަށައިފިއެވެ.
މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ އުމުރުން 65 އަހަރުގެ ޖޯޖް ގޯޑަންގެ މައްޗަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި، އޭނާއާއެކު އެއް ގެއެއްގައި ދިރިއުޅުނު އުމުރުން 62 އަހަރުގެ ޑީލިއާ މެކިނަރނީ މަރާލާފައިވާ ކަމަށެވެ. ޝަރީޢަތަށް ހުށަހެޅުނު ތަފްސީލުތަކުން އެނގޭ ގޮތުގައި، ޑީލިއާ މަރާލާފައިވަނީ އޭނާގެ ގެންގުޅޭ އޮޅު ޖަނަވާރުތަކާއެކު ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ.
ޕްރޮސެކިއުޓަރުން ކޯޓުގައި ބަޔާންކުރި ގޮތުގައި، ޑީލިއާ މަރާލުމަށްފަހު ގޯޑަން ވަނީ އޮންލައިންކޮށް ފްރީޒަރެއް ގަނެ، އޭނާގެ ހަށިގަނޑުގެ ބައިތަކާއި، އޭނާ ގެންގުޅުނު ގިނީ ޕިގްތަކުގެ ހަށިގަނޑު އެ ފްރީޒަރަށް އަޅާފައެވެ. އަދި ޑީލިއާގެ ބޭންކު އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގައި، އޭނާގެ ނަމުގައި ކްރެޑިޓް ކާޑާއި ލޯނުތައް ނަގައިގެން މާލީ ބޮޑެތި މަކަރާއި ޙީލަތް ވަނީ ހިންގާފައެވެ. މީގެ އިތުރުން، ޑީލިއާ ދިރިހުރި ކަމަށް ދެއްކުމުގެ ގޮތުން އޭނާގެ ފޯނުން ރައްޓެހިންނާއި އަވަށްޓެރިންނަށް ދޮގު މެސެޖުތައް ފޮނުވަމުން ގޮސްފައިވެއެވެ.
މި ޖަރީމާގެ ޙަޤީޤަތް ތިލަވީ ޑީލިއާއަށް ލިބޭ ސަރުކާރުގެ ޢިނާޔަތްތަކާ ގުޅޭގޮތުން އުފެދުނު ޝައްކުތަކަކާ ގުޅިގެން، މިއަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ފުލުހުން އެގޭ ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ފުލުހުން އޭނާ ހައްޔަރުކުރި ވަގުތު ގޯޑަން ވަނީ ޑީލިއާގެ ހަށިގަނޑު ފްރީޒަރުގައި ވާކަމަށް އިއުތިރާފުވެފައެވެ. ތަޙުޤީޤަށް އެނގުނު ގޮތުގައި ފްރީޒަރުގެ ތެރެއިން ފެނުނު އޮޅު ސޫފިތައް މަރާލާފައިވަނީ ފެނަށް ގަންބައިގެންނެވެ.
ގޯޑަން ވަނީ މައްޔިތާގެ ހަށިގަނޑު ފޮރުވި ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް، ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާއާއި ސޫފިތަކަށް އަނިޔާވެރިވުމުގެ ދަޢުވާއަށް އިންކާރުކޮށްފައި ވެއެވެ.






