ޔޫރަޕްގެ އެކި ޤައުމުތަކުގެ ވައިގެ ސަރަޙައްދުގައި ދަތުރުކުރަމުންދިޔަ ގިނަ އަދަދެއްގެ މަތިންދާބޯޓުތަކުގައި ބޮމެއް އޮތް ކަމަށް ބުނެ ދިން ސިލްސިލާ އިންޒާރުތަކަކާ ގުޅިގެން، ބައެއް ބޯޓުތަކުގެ ދަތުރުތަކުގެ މިސްރާބު ބަދަލުކޮށް، ކުއްލި ޙާލަތުގައި ޖައްސަންޖެހި، މުޅި ޔޫރަޕްގެ ވައިގެ ދަތުރުފަތުރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
ބުރާސްފަތި ދުވަހު ހިނގި މި ސިލްސިލާ ހާދިސާތަކުގައި މަދުވެގެން 27 މަތިންދާބޯޓަކަށް ބޮމުގެ އިންޒާރު ލިބިފައިވާ ކަމަށް ވެއެވެ. މީގެ ތެރޭގައި އަޔަރލޭންޑްގެ ބޯޓެއް ފްރާންސްގެ ސިފައިންގެ ބޭސަކަށް މިސްރާބު ބަދަލުކުރުމާއި، ބަލްގޭރިއާގައި ތިން ބޯޓެއް ކުއްލި ޙާލަތުގައި ޖެއްސުމުގެ އިތުރުން އިޓަލީގެ ވައިގެ ސިފައިންގެ ޖެޓް ފައިޓަރުތައް ނެރެ މަތިންދާބޯޓަކަށް ފާރަވެރިވާންޖެހުނު ހާދިސާތައް ހިމެނެއެވެ. މި ހާދިސާތައް ހިނގާފައިވަނީ މީގެ ދެ ދުވަސް ކުރިންވެސް ޔޫރަޕްގައި ވައިގެ ހަތް ދަތުރަކަށާއި އިސްރާއީލުގެ ކްރޫޒް ލައިނަރަކަށް ބޮމުގެ އިންޒާރު ލިބިފައިވަނިކޮށެވެ.
ފްލައިޓްރޭޑާ24 ގެ މައުލޫމާތުތަކަށް ބަލާއިރު، އަޔަރލޭންޑްގެ ޑަބްލިންއިން ފުރައިގެން އިޓަލީގެ ރޯމަށް ދަތުރުކުރި ބޯޓު ފްރާންސްގެ ވައިގެ ސަރަޙައްދަށް ވަނުމާއެކު، ޕައިލެޓުން ވަނީ ކުއްލި ޙާލަތުގެ ކޯޑު '7700′ ފޮނުވާފައެވެ. މި ބޯޓު ވަނީ ޕެރިސްގެ އުޑުމަތީގައި ބުރުޖެހުމަށްފަހު، އެ ޤައުމުގެ ވެރިރަށާ 100 ކިލޯމީޓަރު ދުރުގައިވާ އެވްރާ-ބޮބީލް ސިފައިންގެ ވައިގެ ބޭސަށް ޖައްސާފައެވެ.
ފްރާންސްގެ ބޮޑުވަޒީރުގެ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، 151 ފަސިންޖަރުންނާއި 6 ކުރޫއިންނާއެކު ދަތުރުކުރި މި ބޯޓު ރައްކާތެރިކަމާއެކު ޖެއްސުމަށްފަހު، އެ އެންމެން ވަނީ ރައްކާތެރި ތަނަކަށް ބަދަލުކުރެވިފައެވެ. އަދި ގޮވާތަކެތި ނުކުރާ ޚާއްސަ ޓީމަކުން ވަނީ ބޯޓު ފާސްކުރުމުގެ މަސައްކަތް ފަށާފައެވެ.
ބަލްގޭރިއާގައިވެސް ބޮމުގެ އިންޒާރުތަކާ ގުޅިގެން ތިން މަތިންދާބޯޓެއް ވަނީ ކުއްލި ޙާލަތުގައި ޖައްސާފައެވެ.
ޑެންމާކުގެ ކޕަންހޭގަން އަދި ސްޕެއިންގެ މެޑްރިޑުން ފުރައިގެން އައި ދެ ބޯޓެއް ސޯފިއާ އެއާޕޯޓަށް ޖެއްސިއިރު، އިނގިރޭސިވިލާތުގެ ލަންޑަނުން ފުރި ބޯޓެއް ވަނީ ޕްލޮވްޑިވް އެއާޕޯޓަށް ޖައްސާފައެވެ.
ރޫމޭނިއާގެ ބޫކަރެސްޓް އެއާޕޯޓަށް މިލާންއިން އައި ވިޒް އެއާގެ ބޯޓަކަށް ބޮމުގެ އިންޒާރު ލިބުމުން، 182 ފަސިންޖަރުންނާއެކު ބޯޓު ސަލާމަތްތެރިކަމާއެކު ޖެއްސުމަށްފަހު ރޫމޭނިއާގެ އިންޓެލިޖެންސް ޚިދުމަތުން ވަނީ ޚާއްސަ ސެކިއުރިޓީ އޮޕަރޭޝަނެއް ހިންގާފައެވެ.
ޗެކް ރިޕަބްލިކްގެ ޕްރާގަށް ދަތުރުކުރި ހަތަރު ބޯޓަކަށްވެސް ބޮމުގެ އިންޒާރު ލިބުނު ނަމަވެސް، ފުލުހުން ކުރި ތަޙުޤީޤަށްފަހު ވަނީ އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައިނުވާކަން ކަށަވަރުކޮށްދީފައެވެ.
ބެލްޖިއަމްގެ ބްރަސެލްސްއަށް ދިޔަ ޕޮލެންޑްގެ 'ލޮޓް' އެއާލައިންސްގެ ބޯޓަކަށާއި، އިޓަލީގެ ރޯމަށް ދަތުރުކުރި ފިންއެއާގެ ބޯޓަކަށްވެސް އިންޒާރު ލިބުމުން އިޓަލީގެ ސިފައިންގެ ޖެޓް ފައިޓަރުތަކުން ވަނީ އެ ބޯޓަށް ރައްކާތެރިކަން ދީގެން އެއާޕޯޓަށް ގެންގޮސްދީފައެވެ.
މިދިޔަ އަންގާރަ ދުވަހުވެސް ޔޫރަޕްގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރި ހަތް ބޯޓަކަށް މިފަދަ އިންޒާރުތައް ލިބުނެވެ. އަދި ގްރީސްގެ ސީރޯސް ޖަޒީރާ ކައިރީގައި އަޅާފައި އޮތް އިސްރާއީލުގެ "ކްރައުން އައިރިސް" ނަމަކަށް ނަންދެވިފައިވާ ކްރޫޒް ޝިޕްގެ އަޑީގައި ބޮމެއް ހަރުކޮށްފައިވާ ކަމަށް ބުނެ ދިން އިންޒާރަކާ ގުޅިގެން، އެ އުޅަނދުގައި ތިބި 940 ފަސިންޖަރުން ބާާލައި، ފީނުންތެރިންނާއި ކޭ-9 ކުއްތާގެ އެހީގައި ވަނީ ބަލައިފާސްކޮށްފައެވެ. ނަމަވެސް އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވެއެވެ.
މި ސިލްސިލާ އިންޒާރުތަކުގެ ފަހަތުގައިވަނީ ކޮން ބައެއްކަން ނުވަތަ މި ހާދިސާތަކުގެ މެދުގައި އެއްވެސް ގުޅުމެއް އޮތްކަން ކަމާބެހޭ އޮތޯރިޓީތަކަށް އަދި ހޯދިފައެއް ނުވެއެވެ. ޔޫރަޕްގެ މަސްއޫލުވެރިން ރަޝިޔާ އަދި އީރާނުން ދޭ "ހައިބްރިޑް ހަމަލާ" ތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، އެ ދެ ޤައުމުންވެސް މި ތުހުމަތުތައް ދޮގުކުރެއެވެ. އަދި މި އިންޒާރުތަކާ އެ ދެ ޤައުމާ ގުޅުމެއްވާކަމުގެ އެއްވެސް ހެކި އަދި ލިބިފައެއް ނުވެއެވެ.





