ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުމާއި، ތައުލީމީ ދާއިރާއާއި އާންމު ޚިދުމަތްތަކަށް ކުރާ ޚަރަދުތައް ކުޑަކުރުމާ ދެކޮޅަށް ފްރާންސުގެ އެކި ސިޓީތަކުގައި 320،000 އަށްވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ އިހުތިޖާޖުތަކެއް ކޮށްފިއެވެ. މިއީ ވިލާތުގެ އިގްތިސާދީ އަދި ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން ޖެހިޖެހިގެން ފްރާންސުގައި އިހުތިޖާޖުތައް ކުރިއަށްދިޔަ ތިންވަނަ ހަފުތާއެވެ.
މި އިހުތިޖާޖުތަކުގެ ތެރެއިން ލިޔޯން ސިޓީގައި އެއްވި މީހުން ވަނީ އެމެރިކާއާއި އިޒްރޭލުގެ ދިދަތައް އަންދައި، އިޒްރޭލާ ދެކޮޅު ޝިއާރުތައް ގޮވާފައެވެ. މީސް މީޑިއާ ގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދިދަތައް އަންދަމުންދިޔަ ވަގުތު އެއްވެފައިވާ އާންމުން ވަނީ އުފާފާޅުކޮށްފައެވެ. ހަމަނުޖެހުންތައް ބޮޑުވެ، ސަލާމަތީ މަސްރަހު ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން ފްރާންސުގެ ސަރުކާރުން ވަނީ މުޅި ޤައުމުގައި 70،000 އަށްވުރެ ގިނަ ފުލުހުންނާއި ސިފައިން ހަރަކާތްތެރިކުރުވާފައެވެ.
އިހުތިޖާޖުތަކުގެ ގިނަ ހަރަކާތްތައް ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ ނަމަވެސް، އެކި ސިޓީތަކުގައި ސިފައިންނާއި ފުލުހުންނާ ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެވެ. އަދި މަގުތަކުގައި އަލިފާން ރޯކޮށް، ތަންތަނަށް ގެއްލުންދީފައިވާތީ، ސަލާމަތީ ބާރުތަކުން ވަނީ 560 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. ފާއިތުވި ދެ ހަފުތާގައިވެސް ފްރާންސުގެ މަގުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ވިޔަފާރިތަކުން ލޫޓުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
މި ހަރަކާތްތަކަކީ ހަމައެކަނި ދިރިއުޅުމުގެ ޚަރަދުތަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، ބައިނަލްއަގުވާމީ މަސްރަހު ގައި ހިނގަމުންދާ އަސްކަރީ އަދި ސިޔާސީ މައްސަލަތަކާވެސް ގުޅިފައިވާ ކަމެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ. ޚާއްސަކޮށް، މެދުއިރުމަތީގެ ސޮލީބީ ހަނގުރާމައާއި ހުރުމުޒު ކަނޑުއޮޅި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި އާންމު މުދަލުގެ އަގު މައްޗަށް ދިއުމަކީ އާންމުންގެ ނުރުހުން ސަރުކާރުތަކަށް އަމާޒުވާ މައިގަނޑު އެއް ސަބަބެވެ.
ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގައި ޒުވާނުންނާއި މަސައްކަތްތެރިން އިސްނަގައިގެން ފަށާފައިވާ މިފަދަ ހަރަކާތްތައް ކޮންޓްރޯލްކުރުމަށް ފްރާންސުގެ އެލީޒީ ޕެލެސްއިން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަމަވެސް، ސަރުކާރުގެ އިގްތިސާދީ ސްޓްރެޓެޖީ އާއި އާންމު ޚިދުމަތްތަކުގެ ސިޔާސަތަށް ބަދަލު ނުގެންނަނީސް މަގުތަކުން އާންމުން ދުރުނުވާނެ ކަމަށް އިހުތިޖާޖުތައް އިންތިޒާމުކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.





