ޓްރަމްޕްގެ ބަސްމަގު ހަރުކަށިވެ ބޭއަދަބީ ބަސް ކޮށާރު އިތުރު ވެއްޖެ: ނިއުޔޯކު ޓައިމްސް

އެމެރިކާގެ ކޮންގްރެސްގެ މިޑްޓަރމް އިންތިޚާބު ކައިރިވަމުންދާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް އާންމުކޮށް ދައްކަވާ ވާހަކަފުޅުތަކާއި ކެމްޕޭން ތަޤުރީރުތަކުގައި ބޭނުންކުރައްވާ ބަސްމަގު ކުރިއަށްވުރެ ހަރުކަށިވެ، މައުޟޫޢުން ބޭރުން ދައްކަވާ ވާހަކަފުޅުތައް އިތުރުވެފައިވާކަން ނިއުޔޯކް ޓައިމްސް ނޫހުން ކުރިއަށްގެންދިޔަ ތަފްސީލީ ދިރާސާއަކުން ހާމަވެއްޖެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ވަސީލަތްތައް ބޭނުންކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ޓްރަމްޕް ދައްކަވާފައިވާ ހާހަކަށްވުރެ ގިނަ ތަޤުރީރުތަކާއި، މީސް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓުތައް ދިރާސާކުރުމަށްފަހު ޓައިމްސްއިން ނެރުނު މައިގަނޑު ހޯދުންތަކުން ދައްކާގޮތުގައި، ޓްރަމްޕްގެ ތަގްރީރުތަކާއި ބަސްމަގުގައި ހަރުކަށި ބަސްތައް ބޭނުންކުރައްވާ މިންވަރު ވަނީ 19 އިންސައްތައަށް މައްޗަށް ގޮސްފައެވެ. އަދި ތަޤުރީރުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ބޭއަދަބީ ބަސްތައް ބޭނުންކުރެއްވުން 10،000 ބަހުން 15 ހާސް ބަހަށް އިތުރުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

މި ދިރާސާއިން ހާމަވާގޮތުގައި، ޓްރަމްޕްގެ ތަޤުރީރުތަކުގެ ދިގުމިން 2016 ވަނަ އަހަރާ އަޅާބަލާއިރު ދެގުނައަށް ވަނީ އިތުރުވެފައެވެ. އެގޮތުން، ކުރިން އެވަރެޖްކޮށް 42 މިނެޓުން ނިންމަވާލައްވާ ތަޤުރީރުތައް މިހާރު 85 މިނެޓަށް ދެމިގެންދެއެވެ.

މި ތަޤުރީރުތަކުގައި ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމާއި، ބައިނަލްއަގުވާމީ މަސްރަހު ގައި ހިންގާ ކަންކަމާ ގުޅޭގޮތުން ގޮދު ވާހަކަ ފަތުރައި އާދަޔާޚިލާފަށް ނުތަނަވަސްކަން އުފެއްދުން ވަނީ އިތުރުވެފައެވެ. އެގޮތުން، ހުރުމުޒު ކަނޑުއޮޅީގެ ނަން އޮޅުވާލެއްވުމާއި، ނޯވޭއިން އެމެރިކާއަށް އަންނަ މީހުން އެމެރިކާއަށް ވަނުން މަނާކުރަންޖެހޭ ކަމަށް ވިދާޅުވުން ފަދަ ކަންކަން ފާހަގަކުރެއެވެ.

އުމުރުން 80 އަހަރުފުޅު ވެފައިވާ ޓްރަމްޕަކީ އެމެރިކާގެ އެންމެ މުސްކުޅި ރައީސެވެ. އަދި ސިއްހީ ހާލުކޮޅާއި އަދި ވިސްނުންތެރިކަމުގެ ގާބިލުކަމާ މެދު ސިޔާސީ މުހައްލިލުން ސުވާލު އުފައްދަމުންދާއިރު، ވައިޓް ހައުސްއިން ވަނީ ޓްރަމްޕްގެ ސިކުނޑި ހަމަނުޖެހޭ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޑޭވިސް އިންގްލް ވިދާޅުވީ، ރައީސް ޓްރަމްޕަކީ އާދަޔާޚިލާފު ހަކަތައެއް ހުރި، ސިޔާސީ ގޮތުން ވަކި މިންގަނޑުތަކަކަށް ބެލުމެއް ނެތް، ރައްޔިތުންނަށް ތެދުވެރި ލީޑަރެއް ކަމަށެވެ. އަދި ޓްރަމްޕްގެ އަމިއްލަ ޑޮކްޓަރު ސީން ޕީ. ބާބެބެލާ ނެރުއްވި ރިޕޯޓުގައި، ޓްރަމްޕް ވަނީ މޮންޓްރިއާލް ކޮގްނިޓިވް އެސެސްމަންޓް ޓެސްޓުން 30 އިން 30 ހޯއްދަވާފައި ކަމަށާއި، އޭނާގެ ބުއްދީގެ ގާބިލުކަން ފުރިހަމައަށް ހުރި ކަމަށް ބަޔާންކުރައްވާފައިވެއެވެ.

ނަމަވެސް، ފްލޮރިޑާގެ ރިޕަބްލިކަން ޕާޓީގެ ކުރީގެ މެންބަރު ފްރާންސިސް ރޫނީ ފަދަ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، އެމެރިކާގެ ރައީސެއްގެ ފަރާތުން ބޭއަދަބީޫ އަދި ހަރުކަށި އަދި އަނިޔާވެރި ބަސްމަގެއް މީގެ ކުރިން ފެނިފައެއް ނުވެއެވެ.

ސިފައިންނާއި ޤާނޫނީ މުއައްސަސާތަކަށް އަމާޒުކޮށް ޓްރަމްޕް ދެއްވާ އިންޒާރުތަކާއި، އިންތިޚާބާ ގުޅުވައިގެން ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން، މިޑްޓަރމް އިންތިޚާބުގެ ސަލާމަތީ އަދި ސިޔާސީ މަސްރަހު އިތުރަށް ނުތަނަވަސްވާނެ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!