އީރާނާ ދެކޮޅަށް އާ ހަމަލާއަކަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުކޮށްފި

އިސްރާއީލުން އީރާނާ ދެކޮޅަށް އަލުން އަސްކަރީ ކުރިމަތިލުންތަކެއް ފަށާފާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައި، އެމެރިކާއިން ވަނީ އަސްކަރީ 10 ކާގޯ ބޯޓު އިސްރާއީލުގެ ވައިގެ އަސްކަރީ މަރުކަޒުތަކަށް ގެންގޮސްފައި ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. މި ފިޔަވަޅަކީ ސަރަހައްދީ މަސްރަހު އިތުރަށް ހޫނުވެދާނެ ކަމަށް ބަލައި އެޅެމުންދާ ފިޔަވަޅުތަކެއްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބެލެވެއެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ ސިފައިންގެ 10 ކާގޯ ބޯޓު ވަނީ އިސްރާއީލުގެ ނެގޭވް ސަރަހައްދުގައި ހުންނަ "އޯވްދާ" އަދި "ނެވާޓިމް" ވައިގެ އަސްކަރީ މަރުކަޒުތަކަށް ޖައްސާފައެވެ. ރިޕޯޓުތައް ބުނާގޮތުން، މި ބޯޓުތައް ފުރާފައިވަނީ އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި އޮންނަ "ފޯޓް ބްލިސް" އަސްކަރީ މަރުކަޒުންނެވެ. އެ މަރުކަޒަކީ ވައިގެ ދިފާއީ ނިޒާމުތަކާއި، މިސައިލް ހަމަލާތަކުން ދިފާއުވުމަށް ބޭނުންވާ ބެޓަރިތައް އުފެއްދުމާއި ތައްޔާރުކުރުމުގައި އެމެރިކާގެ ސިފައިން އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ އެއް މަރުކަޒެވެ.

އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިސްރާއީލާ ދެމެދު ވަރަށް ގާތުން މަސްރަހު ދިރާސާކޮށް ކޯޑިނޭޓްކުރަމުންދެއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމުމަކަށް ތައްޔާރުވުމުގެ ގޮތުން ދެ ގައުމުގެ ސިފައިން ދަނީ ތައްޔާރީތައް ވަރުގަދަކުރަމުންނެވެ. ނަމަވެސް، މި ފިޔަވަޅުތަކާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ބޯޓުތަކުގައި އުފުލި ތަކެތީގެ ފަންނީ ތަފްސީލުތައްވެސް އަދި ސާފުވާގޮތެއް ނުވެއެވެ.

ހިއްސާ ކުރައްވާ!