އެމެރިކާގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ (އާރްއެފްކޭ ޖޫނިއާ) އަރަބި ދުނިޔޭގައި އިލްމީ އަދި އަދަބީ އުފެއްދުންތެރިކަމެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި އަސާސެއް ނެތް ވާހަކަތަކާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި މީސް މީޑިއާ ގައި އޭނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.
އެމެރިކާގެ މިޝިގަން ގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަދައްކަވަމުން އާރްއެފްކޭ ޖޫނިއާ ވަނީ، ދުނިޔޭގައި 500 މިލިއަން އަރަބިން ދިރިއުޅެމުން ދާއިރުވެސް އެމީހުންގެ ފަރާތުން ސައިންސްގެ އާ އުފެއްދުމެއް ނުފެންނަ ކަމަށާއި، ނޯބެލް އިނާމާއި، ފީލްޑްސް ޕްރައިޒް އަދި ވުލްފް ޕްރައިޒް ފަދަ ބައިނަލްއަގުވާމީ މުހިންމު ޝަރަފުތައް އަރަބިން ހޯދާފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އަރަބިންގެ މެދުގައި އަދަބިއްޔާތު ގެ އުފެއްދުންތެރިކަމެއް ނެތް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
އޭނާގެ މި ވީޑިއޯ ކްލިޕް މީސް މީޑިއާ ގައި އާންމުވުމާއެކު، ތާރީޚީ އަދި ސައިންސސްގެ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ގިނަ ބަޔަކު ވަނީ އޭނާގެ ވާހަކަތަކަށް ރައްދުދީފައެވެ. އެގޮތުން، އަރަބި ދުނިޔެއިން ނޯބެލް އިނާމު ހޯއްދަވާފައިވާ މަޝްހޫރު ބޭފުޅުންގެ ނަންތައް އާންމުން ވަނީ އޭނާއަށް ކިޔައިދީފައެވެ. އޭގެ ތެރޭގައި 1988 ވަނަ އަހަރު އަދަބިއްޔާތުގެ ދާއިރާއިން ނޯބެލް އިނާމު ހޯއްދެވި މިސްރުގެ ނަޖީބް މަހްފޫޒް އާއި، 2021 ވަނަ އަހަރު އަދަބިއްޔާތުގެ ދާއިރާއިން ނޯބެލް އިނާމު ހޯއްދެވި ޔަމަނުގެ ދަރިކޮޅުން ސިފަވާ އަބްދުއްރަޒާގް ގުރުނާ ހިމެނެއެވެ.
މީގެއިތުރުން، ސައިންސްގެ ދާއިރާއިން 1999 ވަނަ އަހަރު ކެމިސްޓްރީގެ ދާއިރާއިން ނޯބެލް އިނާމު ހޯއްދެވި މިސްރުގެ އަހުމަދު ޒުވައިލް އާއި، 2025 ވަނަ އަހަރު ކެމިސްޓްރީގެ ދާއިރާއިން ނޯބެލް އިނާމު ހޯއްދެވި ސޫއޫދީ-އުރުދުންގެ ދަރިކޮޅަށް ނިސްބަތްވާ ފަލަސްތީނު ދަރިކޮޅުގެ އުމަރު ޔާޣީ ފަދަ ބޭފުޅުން ވަނީ ދުނިޔޭގެ އިލްމީ މައިދާން ގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައެވެ.
އާރްއެފްކޭ ޖޫނިއާގެ ވާހަކަތަކަށް ރައްދުދިން ފަރާތްތަކުން ވަނީ، އިންސާނީ ތާރީޚުގައި އަރަބި-އިސްލާމީ ހަޟާރާތުގެ ދަށުން އުފަންވި އަސާސީ ސައިންސާއި ޓެކްނޮލޮޖީގެ މުހިންމު އުފެއްދުންތައް އޭނާއަށް ކިޔައިދީ ހަނދާންކޮށްދީފައެވެ.
އެގޮތުން، އަލްޖެބްރާ އާއި އަލްގޮރިދަމް، ޓްރިގޮނޮމެޓްރީގެ ތަރައްގީ، ނުޖޫމީ އޮބްޒަވޭޓަރީތައް، ސާޖަރީ އާއި އެނެސްތީސިއާ، އަދި އެންމެ ފުރަތަމަ ހޮސްޕިޓަލް ނިޒާމުތައް ގާއިމުކުރީ މުސްލިމު އަރަބިންގެ ވެރިކަމުގައި ކަން ފާހަގަކުރިއެވެ. މީގެއިތުރުން، އިބްނު އަލްހައިޘަމް އުފެއްދެވި ޒަމާނީ އޮޕްޓިކްސްގެ އުސޫލުތަކާއި، ކެމިސްޓްރީގެ ތަޖުރިބާތަކާއި، އެސިޑް އުފެއްދުމާއި ވޯޓަރު ކްލޮކް ފަދަ އީޖާދުތަކަކީ މިއަދުގެ ސައިންސްގެ ބިންގާ ކަމަށްވެސް އާންމުން ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅިގެން މީސް މީޑިއާ ގައި ހިންގި ބަހުސްތަކުގައި، އެމެރިކާގެ ހެލްތު ސެކްރެޓަރީއަކީ ތާރީޚީ އަދި ސައިންސްގެ މައުލޫމާތުތަކަށް ޖާހިލު ބޭފުޅެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި އަރަބިންނާއި މުސްލިމުންނާއި އިރުމަތީ މީހުން ބޮޑުކަމު ގޮސް ނަޖިހުން ތާހިރުވާއިރު އަދިވެސް އާރްއެފްކޭ ފަދަ މީސްމީހުން ނަޖިސް ފޮހެގެން އެއިން ތާހިރުވާން ނުދަންނަ ކަމަށްވެސް ގިނަ ބަޔަކު ބުނެފައި ވެއެވެ.






