ބޯޓު ހައިޖެކްކުރާނެ ކަމުގެ އިންޒާރު ދިނުމުން އަނބުރާ ލާސް ވެގަސްއަށް ޖައްސައިފި

ދަތުރުމަތީގައި ބޯޓު ހައިޖެކްކުރާނެ ކަމަށް ބުނެ އިންޒާރުގެ މެސެޖެއް ފޮނުވުމުން، އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްގެ މަތިންދާބޯޓެއް ފުރިތާ ގަޑިއިރެއްވެސް ނުވަނީސް އަނބުރާ ލާސް ވެގަސްގެ އެއާޕޯޓަށް ޖައްސައި، އެ ފްލައިޓުން ދަތުރުކުރި އުމުރުން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ލާސް ވެގަސްގެ ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިންގާފައިވަނީ ލާސް ވެގަސްއިން ނިއު ޖާޒީގެ ނިއުއާކަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގައެވެ. ދަތުރުމަތީގައި މީހަކު "ޓެރަރިސްޓް އިންޒާރެއް" ދީފައިވާ ކަމުގެ މައުލޫމާތު ލިބުމާއެކު، ސަލާމަތީ އުސޫލުތަކުގެ ދަށުން ބޯޓު ވަނީ ކުއްލި ހާލަތުގައި އަނބުރާ ލާސް ވެގަސްއަށް މިސްރާބު ބަދަލުކޮށްފައެވެ. ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައިގެ ކޮޕީއަކުން އެނގޭ ގޮތުގައި، ހައްޔަރުކުރި ތުހުމަތުކުރެވޭ މީހާ ވަނީ ބޯޓު ހައިޖެކްކޮށް، ވަކި ސީޓުތަކަކަށް އަމާޒުކޮށް ގޮއްވުމެއް ގޮއްވާލާނެ ކަމަށް ބުނެ ހުތުރު ބަހުރުވައިން މެސެޖެއް ފޮނުވާފައެވެ. ނަމަވެސް އެ މެސެޖު ފޮނުވީ ކިހިނެއް ކަމެއް އަދި އަމާޒުކުރީ ކާކަށް ކަމެއް ކޯޓު ލިޔުންތަކުގައި ސާފުކޮށްފައެއް ނުވެއެވެ.

ފްލައިޓްރާޑާ24 ގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އުދުހޭ ބޯޓު ނައްޓާލިތާ ގަޑިއިރެއްވެސް ނުވަނީސް އަނބުރާ ޖެއްސި މި ފްލައިޓުގައި 150 މީހުން ދަތުރުކުރިއެވެ. ޔުނައިޓެޑް އެއާލައިންސްއިން ވަނީ ސަލާމަތީ ރައްކާތެރިކަމަށްޓަކައި ބޯޓު އަނބުރާ ލާސް ވެގަސްއަށް ރައްކާތެރިކަމާއެކު ޖެއްސިކަން ކަށަވަރުކޮށްދީފައެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރުދިނުމާއި، ދޮގު މައުލޫމާތު ފެތުރުމުގެ ދައުވާ އުފުލާފައެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ މި ހާދިސާ ޚާއްސަ މައަސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަން އިއުލާނުކޮށްފައެވެ. އެފްއޭއޭއިން ބުނި ގޮތުގައި، 2026 ވަނަ އަހަރުގެ މިހާތަނަށް މަތިންދާބޯޓުތަކުގެ ތެރޭގައި ނުކިޔަމަންތެރިކަން ދައްކައި ސަލާމަތަށް ހުރަސްއެޅި 1,400 އަށްވުރެ ގިނަ ހާދިސާ ވަނީ ރެކޯޑުކުރެވިފައެވެ.

ހިއްސާ ކުރައްވާ!