މަޗާޑޯ އެނބުރި ގައުމަށް ވަޑައިގެންފި

ގައުމުން ބޭރުގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު، ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު އަދި ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ މާރިއާ ކޮރީނާ މަޗާޑޯ އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

މަޗާޑޯގެ މީޑިއާ ޓީމުން މީސް މީޑިއާގައި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އޭނާ އެންމެ ފުރަތަމަ ފެނިވަޑައިގަތީ ވެނެޒުއޭލާގެ ހުޅަނގުގައިވާ ލާރާ ސްޓޭޓްގެ ފައްޅިއަކުންނެވެ. އެ ސަރަހައްދަށް އެއްވި އާންމުން ވަނީ ގައުމީ ސަލާމް ކިޔައި، މިނިވަންކަމަށް ގޮވާލައި އޭނާއަށް މަރުހަބާ ކިޔާފައެވެ. މަޗާޑޯގެ ޚާރިޖީ ކަންކަމާ ބެހޭ އިސް މުޝީރު ޑޭވިޑް ސްމޮލާންސްކީ ހާމަކުރެއްވި ގޮތުގައި، މަޗާޑޯ ގައުމަށް ވަޑައިގަތުމަށްފަހު އެއްގަމު މަގުން ކަރާކަސްއަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި ޖޫން މަހު އެ ގައުމަށް އައި ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކާއި، ސިޔާސީ ކުށްވެރިންގެ އާއިލާތަކުގެ އިތުރުން ޑިޕްލޮމެޓުންނާ ބައްދަލުކުރެއްވުމަށް ވަނީ ރޭވިފައެވެ.

މަޗާޑޯ އެނބުރި ގައުމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތްތަކަށް އެމެރިކާއިން ހުރަސް އެޅިއެވެ. އެމެރިކާގެ މަސްއޫލުވެރިން ވަނީ މަޗާޑޯ ގައުމަށް އެނބުރި ވަޑައިގަތުން ލަސްކުރުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އޭނާ ވަނީ ސިއްރިއްޔާތުގައި ގައުމަށް ވަޑައިގަތުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރައްވާފައެވެ. އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި، މަޗާޑޯ ޕެނަމާއިން ޕްރައިވެޓް ޖެޓެއްގައި ކޮލަމްބިއާއަށް ވަޑައިގަތުމަށްފަހު، ވެނެޒުއޭލާއަށް އެތެރެވީ އެއްގަމު މަގުންނެވެ.

މި ކަމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މަޗާޑޯއަށް ރައްކާތެރިކަމާއެކު އެނބުރި ގައުމަށް ވަޑައިގަންނެވުނީ އެމެރިކާގެ ތާއީދާއެކު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. މިއީ ފާއިތުވި 35 އަހަރުގެ ތެރޭގައި ވެނެޒުއޭލާގައި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ލިބުނު އެންމެ ބޮޑު ފުރުސަތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މަޗާޑޯ އެނބުރި ވަޑައިގެންނެވިކަން އޭނާއަށް އެނގިވަޑައިގެންފައެއް ނުވެއެވެ. އަދި ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާއިން ވަގށް ނެގުމަށްފަހު \އުފެއްދި ވަގުތީ ސަރުކާރުގެ ރައީސް ޑެލްސީ ރޮޑްރިގޭޒްއަށް އެމެރިކާއިން ދޭ ތާއީދު ދެމިއޮންނާނެ ކަމަށް ޓްރަމްޕް އިޝާރާތް ކުރެއްވިއެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ ވެނެޒުއޭލާގެ ތެލުގެ ވިޔަފާރިއާއި އެހެނިހެން އިންވެސްޓްމަންޓްތަކުގައި ޓްރަމްޕްގެ އާިއލާއަށާއި ގާތް އެކުވެރިންނަށް ފުރުސަތު ހޯދައި ދީފައެވެ.

ވަރަށް ނަގާފައިވާ ރައިސް މަޑޫރޯގެ ސަރުކާރުން ގައުމުން ބޭރަށް ފުރައިގެން ދިއުން މަނާކޮށްފައި ވަނިކޮށް، މަޗާޑޯ 2025 ގެ ފަހުކޮޅު ސިއްރިއްޔާތުގައި ގައުމުން ބޭރަށް ވަޑައިގަތީ ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރެއްވުމަށެވެ. މަޗާޑޯގެ ސިޔާސީ ހަރަކާތް ކަމަށްވާ "ވެންތޭ ވެނެޒުއޭލާ" އިން މިހާރު ދަނީ ބޭރު ގައުމުތަކުގައި ތިބި ވެނެޒުއޭލާގެ ރައްޔިތުން ވޯޓުލާން ރެޖިސްޓްރީ ކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކުރަން ފަށާފައެވެ.

ހިއްސާ ކުރައްވާ!