އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ސިޔާސީ މުސްތަގުބަލާ މެދު އިޝާރާތް ކުރައްވައި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ގާބިލުކަން ހުރި އިސް ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް ޖޭޑީ ވެންސް އާއި ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިމެނިވަޑައިގަންނަވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި ޑިމޮކްރެޓިކް ޕާޓީއާ އަޅާބަލާއިރު ރިޕަބްލިކަން ޕާޓީގައި ލީޑަރޝިޕް ނެގުމަށް ތައްޔާރަށް ތިބި ވަރުގަދަ ކެންޑިޑޭޓުންގެ ބޮޑު "ބެންޗެއް" އޮތް ކަމަށް ވިދާޅުވެ، އޭނާ ވަނީ ޕާޓީގެ ގާބިލުކަމަށް ތައުރީފު ކުރައްވާފައެވެ.
މިޗިގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕޭން އެއްވުމަކަށް ވަޑައިގަތުމުގެ ކުރިން ފޮކްސް 2އަށް ދެއްވި އިންޓަވިއުއެއްގައި، 2028 ގެ ރިޔާސީ ރޭހަށް ނުކުންނަވާނެ ބޭފުޅުންނާ މެދު ސީދާ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އިސްކޮށް އުޅުއްވާނެ ވަކި ކެންޑިޑޭޓަކު އިއުލާނުކުރުން އަދި އަވަސް ކަމަށެވެ. ނަމަވެސް، ޕާޓީގެ ތެރޭގައި ގާބިލު ލީޑަރުންގެ އުނިކަމެއް ނެތް ކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ބުނެވިދާނެ އަޅުގަނޑު ގަބޫލުކުރާ ގޮތް، ނަމަވެސް މިއީ އަދި މާ އަވަސް މުއްދަތެއް. އަޅުގަނޑުމެންގެ ތިބީ ވަރަށް ފާހަގަކޮށްލެވޭ ނަންތަކެއް: ޖޭޑީ ވެންސް، މާކޯ ރޫބިއޯ އަދިވެސް އިތުރު ގިނަ ބޭފުޅުންގެ ވަރުގަދަ ބެންޗެއް އެބައޮތް، ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ބެންޗެއް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ.
މިޗިގަންއަށް ވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަވަމުން، ރަޝިޔާ އާއި ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދުވެސް ޓްރަމްޕް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް ހުރަސްއެޅުމުގެ ފުރުސަތު ވޮޝިންގޓަނުން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަސާސެއް ނެތް ގޮތެއްގައި ފެށިގެން އުޅޭ ހަނގުރާމައެއްގެ ސަބަބުން ކާރުޚާނާތަކާއި ތެލުގެ ސިނާއަތް ރަހީނުވިޔަ ނުދޭނެ ކަމަށް ވިދާޅުވިއެވެ.
ނޮވެމްބަރު 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ފޯރިގަދަވެ، ކޮންގްރެސްގެ ދެ މަޖިލީހުގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީން ދަނީ ވަރުގަދައަށް ވާދަކުރަމުންނެވެ. މިޑްޓަރމް
މި އިންތިޚާބަކީ ރައީސެއްގެ ދައުރުގެ މެދުތެރެއިން، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 435 ގޮނޑިއާއި، ސެނެޓުގެ ތިންބައިކުޅައެއްބައި ގޮނޑިއަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ ގައުމީ ފެންވަރުގެ ވޯޓެކެވެ. މި އިންތިޚާބުގެ ނަތީޖާއަކީ ޓްރަމްޕްގެ ސަރުކާރުގެ ގާނޫނީ އަދި އިގްތިސާދީ ސްޓްރެޓެޖީ ތައް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު އިމްތިހާނެވެ.
ސިޔާސީ މާހިރުން ފާހަގަކުރާ ގޮތުގައި، މި އިންތިޚާބާ ރިޕަބްލިކަން ޕާޓީން ކުރިމަތިލަނީ އިގްތިސާދީ ނުތަނަވަސްކަމާއި ސަރުކާރަށް އޮތް ތާއީދު ދަށްވަމުންދާ ދަނޑިވަޅެއްގައެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ސެޕްޓެމްބަރު މަހު އާންމުކުރި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، ޓްރަމްޕަށް އާންމުންގެ ތާއީދު އޮތީ 37 އިންސައްތައަށް ދަށަށް ގޮސްފައެވެ. މިއީ 1990 ވަނަ އަހަރުން ފެށިގެން މިޑްޓަރމް އިންތިޚާބަކާ ކުރިމަތިލާއިރު އެމެރިކާގެ ރައީސަކަށް ވޯލް ސްޓްރީޓް ޖާނަލްގެ ޕޯލްތަކުން ތާއީދު މިހާ ބޮޑަށް ދަށަށް ގިސްފައިވާ ކަމަށް ދެއްކި ފުރަތަމަ ފަހަރެވެ.






