ޓައިވާން ވަށައިގެން ޗައިނާގެ އުޅަނދުތަކާއި މަތިންދާބޯޓުތައް ހަރަކާތްތައް ފާހަގަ ކޮށްފި

ޓައިވާން ވަށައިގެންވާ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކާއި ހަނގުރާމަމަތީ އުޅަނދުފަހަރުގެ އިތުރުން ސަރުކާރުގެ ރަސްމީ އުޅަނދުތައް ހަރަކާތްތެރިވަމުންދާކަން ތައިވާނުގެ ދިފާއީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.

ތައިވާނުގެ ދިފާއީ ވުޒާރާއިން މީސް މީޑިއާ އެކްސްގައި އާންމުކުރި ޚާއްސަ ބަޔާނެއްގައިވާ ގޮތުން، ހޯމަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ޗައިނާގެ ޕީޕަލްސް ލބަރޭޝަން އާމީ (ޕީއެލްއޭ) ގެ 3 މަތިންދާބޯޓު ސޯޓީއާއި، 6 ހަނގުރާމަމަތީ މަނަވަރުގެ އިތުރުން ސަރުކާރުގެ ރަސްމީ 9 އުޅަނދެއް ޓައިވާން ވަށައިގެންވާ ސަރަހައްދުގައި ވަނީ ރެކޯޑުކުރެވިފައެވެ.

މީގެ ތެރެއިން އެއް މަތިންދާބޯޓު ވަނީ ދެ ފަރާތް ދެމެދުގައި އޮންނަ މީޑިއަން ލައިން ހުރަސްކޮށް، ޓައިވާނުގެ ދެކުނު-ހުޅަނގު އަދި އިރުމަތީ ވައިގެ ދިފާއީ ސަރަހައްދަށް އެތެރެ ވެފައެވެ. މި ހަރަކާތްތަކާ ގުޅިގެން ޓައިވާނުގެ ސިފައިން ވަނީ މަސްރަހު ވަރަށް ކައިރިން ބަލައި، ދިފާއީ ފިޔަވަޅުތައް އަޅާފައެވެ.

މިއީ ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ޗައިނާއިން މިފަދަ ހަރަކާތްތަކެއް ހިންގި ދެވަނަ ފަހަރެވެ.

ބުރާސްފަތި ދުވަހުވެސް ޗައިނާގެ 3 މަނަވަރާއި ސަރުކާރުގެ 7 އުޅަނދެއް ޓައިވާން ކައިރީގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް ތައިވާނުގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ. ނަމަވެސް އެ 24 ގަޑިއިރުގެ ތެރޭގައި ޗައިނާގެ އަސްކަރީ މަތިންދާބޯޓެއް ފެނިފައިނުވާކަން ސިފައިން ކަށަވަރުކުރިއެވެ. ޓައިވާނުގެ ސިފައިން ދަނީ ކަނޑުގެ މަގުންނާއި ވައިގެ މަގުން ޗައިނާއިން ހިންގާ ހުރިހާ ހަރަކާތްތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ސްޓްރެޓެޖީ ތައް ތަންފީޒުކުރަމުންނެވެ.

ތައިވާނަކީ ޗައިނާއިން ދެކެ ގޮތުގައި އެގައުމުގެ ބާޣި ސަރަހައްދެކެވެ.

ހިއްސާ ކުރައްވާ!