އެމެރިކާގެ ޔުނިވަސިޓީތަކުގައި ޗައިނާ ސަރުކާރުގެ ޚަރަދުގައި ހިންގަމުންދާ ސަގާފީ މަރުކަޒުތައް ނުވަތަ "ކޮންފިއުޝިއަސް އިންސްޓިޓިއުޓް" ތަކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ އިން ކަނޑައަޅައި، އެ ތަންތަނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މީސް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ކޮންފިއުޝިއަސް އިންސްޓިޓިއުޓްތައް އެމެރިކާގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ހަރަކާތްތެރިވަމުން ދަނީ ވަގަށް ވަދެ، ސިއްރިއްޔާތުގައި ކަމަށެވެ. އަދި އެ ސަބަބަށްޓަކައި ޕެންޓަގަންއިން އެކުލަވާލާފައިވާ ގައުމީ ސަލާމަތަށް ނުރައްކާކުރާ އިދާރާތަކުގެ ލިސްޓަށް އެ އިންސްޓިޓިއުޓްތައް މިހާރު އިތުރުކޮށްފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ވޮޝިންގްޓަނުން މީގެ ކުރިންވެސް ވަނީ އެ އިންސްޓިޓިއުޓްތަކަކީ ޗައިނާ ސަރުކާރުގެ ޕްރޮޕެގަންޑާ ފެތުރުމަށާއި، ފިކުރީ ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ވަސީލަތްތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، މި ފަހުން ތިލަވި މައުލޫމާތުތަކާއެކު އެމެރިކާއިން ވަނީ އެ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
"ތަފާތު ނަންނަމުގައާއި ތަފާތު އުސޫލުތަކުގެ ދަށުން، އެމެރިކާގެ 30 ޔުނިވަސިޓީއެއްގައި ޕްރޮޕެގަންޑާ ފަތުރާ 80 ނިއު ކްލަސްޓާ ނުވަތަ ސެލް އުފައްދާފައިވާކަން ވަނީ ހާމަވެފައި،" ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވިއެވެ. "މި ތަންތަނުގެ މައިގަނޑު މަގުސަދަކީ އެމެރިކާގެ ފިކުރީ މުދާ ވަގަށް ނެގުމާއި، އެމެރިކާގެ ދަރިވަރުންގެ ވިސްނުމާއި ފިކުރުގެ ތެރެއަށް ނުފޫޒު ފޯރުވުން."
ޕީޓް ހެގްސެތު އިތުރަށް ވިދާޅުވި ގޮތުގައި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ރޭވުންތެރިކަމާއެކު ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި، މިފަދަ ހުރިހާ ޖަމިއްޔާތަކެއްގެ ހަރަކާތްތައް އެކީއެކަށް ހުއްޓުވައި، އުވާލާފައެވެ.
މި މައްސަލައާ ގުޅިގެން ވާޝިންގްޓަންގައި ހުންނަ ޗައިނާގެ އެމްބަސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މީގެ ކުރިން ޗައިނާއިން ވަނީ ކޮންފިއުޝިއަސް އިންސްޓިޓިއުޓްތަކަކީ ހަމައެކަނި ބަހާއި ސަގާފަތް އުނގަންނައިދިނުމަށް ހިންގާ އަމާން މަރުކަޒުތަކެއް ކަމަށް ބުނެ، އެމެރިކާގެ ތުހުމަތުތައް ދޮގުކޮށްފައެވެ.







