އޭއައި އޮޅުވާލުމުން ސަލާމަތްވުމަށް ތައިވާނުން ހަރުދަނާ ފިޔަވަޅުތަކަށް ގޮވާލައިފި

ތައިވާންގެ ކުރިއަށް އޮތް އާންމު އިންތިޚާބަށް ނުފޫޒުފޯރުވުމުގެ ގޮތުން، ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަޤީޤަތާ ޚިލާފު ޚަބަރާއި މަޢުލޫމާތު ފަތުރަމުންދާ ކަމަށް ތައިވާނުގެ ތަޢުލީމީ އަދި ސިޔާސީ މާހިރުން ހާމަކޮށްފިއެވެ. މިކަމުން އަރުވައިގަތުމަށްޓަކައި ޚާއްޞަ ކޮންޓެންޓް ފިލްޓަރިންގ ނިޒާމުތައް ޤާއިމުކޮށް، ޢާންމުންގެ މެދުގައި މީޑީއާގެ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ވެރިކަންކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީ.ޕީ.ޕީ) އިން ބޭއްވި ޚާއްޞަ ފޯރަމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ-ޖެނެރަލް ހްސޫ ކުއޯ-ޔުން ވިދާޅުވީ، ޗައިނާއިން އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި %30 ތެދު އަދި %70 ދޮގު އެކުލެވޭ މަޢުލޫމާތު ގެންދޭ ކަމަށެވެ. އަދި ސްޓްރެޓެޖިކްކޮށް މި ފަދަ މައުލޫމާތު ފަތުރަމުން ގެންދާ ކަމަށެވެ. އަދި ބިގް ޑޭޓާއާއި އޭއައިގެ އެހީގައި ރައްޔިތުންގެ ޚިޔާލު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު މުޖުތަމަޢުގެ ހުރިހާ ފަންތިއަކުންވެސް ސަމާލުވާންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޔުނިވަރސިޓީ އޮފް ސާޓް ތޮމަސްގެ ޕްރޮފެސަރެއް ކަމަށްވާ ޔޭ ޔާ-ޔުއާން ވިދާޅުވީ، ޗައިނާގެ މަޤުޞަދަކީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒުފޯރުވުމުގެ އިތުރުން، ތައިވާންގެ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވައިލުން ކަމަށެވެ. އަދި ސަރަޙައްދީ އަސްކަރީ ފިއްތުންތަކުގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އޮޅުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ތައިވާނަކީ ޗައިނާގެ ބާޣީ ސަރަހައްދެކެވެ. ޗައިނާއިން ބުނާ ގޮތުގައި އެގައުމުން މަަސައްކަތް ކުރަމުން ދަނީ ޗައިނާ ދަރިކޮޅުގެ މި ދެބައި އެއްކޮށްލެވޭތޯއެވެ.

އޭޝިއާ-ޕެސިފިކް އެލީޓް އިންޓަރޗޭންޖް އެސޯސިއޭޝަންގެ ސެކްރެޓަރީ-ޖެނެރަލް  ވިދާޅުވީ، ޗައިނާގެ އޭއައި ކޮމިއުނިކޭޝަން ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ކުރިން އަސްކަރީ އިންޒާރުތަކާއި އިޤްތިޞާދީ ނުފޫޒަށް ބަރޯސާވި ނަމަވެސް، މިހާރު މައިގަނޑު ގޮތެއްގައި ބޭނުންކުރަމުންދަނީ މަޢުލޫމާތުގެ ކެމްޕޭންތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!