ޚަލީޖުގެ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލައްވައިފި

ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ) ހިމެނޭ ގޮތަށް ޚަލީޖުގެ ޤައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ގުޅުމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުމަށްޓަކައި ސިޔާސީ އިސް ބޭފުޅުންނާއި, ޅެންވެރިންނާއި, އަދި ފަންނާނުން ގޮވާލައްވައިފިއެވެ. ސޯޝަލް މީޑިއާގައި ދެ ގައުމުގެ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ބޮޑުވެ, ބަހުގެ ހޫނު ޙަމަލާތައް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައި, މި ފަރާތްތަކުން ވަނީ ރުޅިވެރިކަން ދޫކޮށް ޤައުމުތަކުގެ މެދުގައި އޮތް އަޚުވަންތަކަމުގެ ގުޅުމަށް އިސްކަންދިނުމަށް އެދިވަޑައިގެންފައެވެ.

ޔޫ.އޭ.އީގެ ރައީސްގެ ޑިޕްލޮމެޓިކް މުޝީރު ޑރ. އަންވަރު ގަރްޤާޝް ވިދާޅުވީ, އެކި ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށާއި, ނަމަވެސް އެއްބައިވަންތަކަމާއި ޙިކްމަތްތެރިކަމަށް އިސްކަންދިނުން ނޫން ގޮތެއް ނެތް ކަމަށެވެ. "އަޅުގަނޑުމެންގެ މެދުގައި ކަންކަން ދެކޭ ގޮތުގެ ތަފާތުތަކެއް ހުރެދާނެ, ނަމަވެސް އެއްބައިވަންތަކަން ޚިޔާރުކުރުމާއި, ޙިކްމަތަށް އިސްކަންދީގެން ޒުވާބުތަކާ ދުރުވުން ނޫން ގޮތެއް ނެތް," ކަމަށް އޭނާ އެކްސް ގައި ލިޔުއްވާފައިވެއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު ޅެންވެރިޔާ ޕްރިންސް ޢަބްދުއްރަޙްމާން ބިން މޫސާދު ވިދާޅުވީ, ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތަކުން ދުރުހެލިވާންޖެހޭ ކަމަށެވެ. "އަޅުގަނޑުގެ ނަޞޭޙަތަކީ ބައިބައި ކޮށްލާ ކަންކަމަށްވުރެ, އެއްބައިވަންތަކަމާއި ގުޅުވައިދޭ ކަންކަން ހޯދައި ކުރިއަށް ނެރުން," ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން, ޤައުމީ ދިދަތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ނަފްރަތު ފަތުރާ ފަރާތްތަކަކީ ހަޤީޤަތުގައި އެ ޤައުމުތަކުގެ އަސްލު ރައްޔިތުން ކަމުގައި ނުވެ ހިނގައިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު އެކްޓަރު ނާޞިރު އަލްޤަޞަބީ ވެސް ވަނީ މި ޚިޔާލަށް ތާޢީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ, ޚަލީޖުގެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމަކީ ވަގުތީ ޚިޔާލު ތަފާތުވުންތަކަކަށްވުރެ މާ ފުން އަދި ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި މިކަމަށްޓަކައި ޚަލީޖުގެ ފަންނާނުންނާއި, ލިޔުންތެރިންނާއި, އަދި ނޫސްވެރިން ގުޅިގެން އެއްބައިވަންތަކަމުގެ ނަމުގައި ޚާއްޞަ މަޝްރޫޢެއް ފެށުމަށް އޭނާ ހުށަހެޅުއްވިއެވެ.

މި ފިކުރަށް ތާޢީދުކުރައްވަމުން ޔޫ.އޭ.އީގެ ވިޔަފާރިވެރިޔާ އަދި މަޝްހޫރު ބޭފުޅެއް ކަމަށްވާ މަރުވާން އަލްސަރްކާލް ވިދާޅުވީ, ޚަލީޖުގެ ޤައުމުތަކަކީ އެއް ޢާއިލާއެއް ކަމަށާއި, ކޮންމެ ޙާލަތެއްގައި ވެސް އަދި ޚިޔާލު ތަފާތުވި ނަމަވެސް ނަސްލާއި ލޭގެ ގުޅުމުން ގުޅި ލާމެހިފައިވާ ބައެއް ކަމަށެވެ.

މިފަދަ އެއްބައިވަންތަކަމުގެ ރޫޙެއް މީގެ ކުރިން ކުޅިވަރުގެ މައިދާންތަކުން ވެސް ފެނިފައިވާކަން ފާހަގަކުރަމުން, ޔޫ.އޭ.އީގެ ޅެންވެރިޔާ ޒާޔިދު އަލްމައިޞަރީ ވިދާޅުވީ, ފުޓުބޯޅަ މެޗުތަކުގައި ވާދަކުރި ނަމަވެސް އަޅުގަނޑުމެންނަކީ އަޚުން ކަމަށާއި, ޙަސަދަވެރިކަމަށް ޖާގައެއް ނެތް ކަމަށެވެ.

ސޯޝަލް މީޑިއާގައި ހިންގާ ނަފްރަތުގެ ޢަމަލުތަކާ ގުޅިގެން, ޔޫ.އޭ.އީގެ ފަރާތުން މީގެ ކުރިން ވަނީ "ޖަވާބު ނުދީ ބްލޮކްކުރުން" ގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ފަށާފައެވެ. މި ޙަރަކާތުގެ މަޤުޞަދަކީ ނޭދެވޭ ވާހަކަތައް ފަތުރާ ފަރާތްތަކަށް ސަމާލުކަން ނުދީ, އެ ފަދަ އެކައުންޓްތައް ބްލޮކްކޮށްގެން މުޖުތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމެވެ. މި އސިްނެގުން ވަނީ ބައިނަލްއަޤުވާމީ ބައެއް ސަމިޓްތަކުގައި ވެސް ބަލައިގަނެފައެވެ.

ހިއްސާ ކުރައްވާ!