ލޮރެންސް ބިޝްނޮއި ޖަމާއަތުގެ ޓެރަރިސްޓް ހަމަލަތައް އަމާޒވިާ ބޮލީވުޑްގެ ފިލިމީ ތަރި ޓައިގަރ ޝްރޮފްގެ ކާރަކަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާއަކާ ގުޅިގެން, ސަލްމާން ޚާން ދިރިއުޅޭ މުމްބާއީގެ ގެލެކްސީ އެޕާޓްމަންޓް ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓައިގަރ ޝްރޮފް އޭނާގެ ކާރުގައި ގެއަށް ދަނިކޮށް, މުމްބާއީގެ ޖޫހޫ ސަރަޙައްދުން ސައިކަލުގައި ހަތިޔާރު ހިފައިގެން ތބި 3 މީހަކު ވަނީ އޭނާގެ އުޅަނދަށް އަމާޒުކޮށް ބަޑިޖަހާފައެވެ. މި ޙަމަލާގައި ޝެރޮފްއަށް އަނިޔާއެއް ނުލިބުނު ނަމަވެސް, އޭނާގެ ކާރު ޑްރައިވަރަށާއި އެ ސަރަޙައްދުން ދިޔަ ޢާންމު މީހަކަށް ވަނީ އަނިޔާވެފައެވެ. ފުލހުން ބުނެފައިވާ ގޮތުގައި އަނިޔާވި ދެ މީހުންނަށް ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދީފައި ވާއިރު, އެ މީހުންގެ ޙާލަތު މިހާރު ވަނީ ނުރައްކަލުން ބޭރުގައެވެ.
މި ޙާދިސާއާ ގުޅިގެން, ސަލްމާން ޚާންގެ ގެ ހުންނަ ސަރަޙައްދުގައި ފުލުހުންގެ ޙަރަކާތްތައް ވަނީ އިތުރުކޮށްފައެވެ. ސޯޝަލް މީޑިއާގައި ޙިއްޞާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި,ބްލެޓް ޕުރޫފް ޖެކެޓް ލައިގެން ތިބި ސަލާމަތީ ބާރުތަކުގެ އޮފިސަރުންނާއި ފުލުހުންގެ ޚާއްޞަ އުޅަނދުތައް ވަނީ އެ ސަރަޙައްދުގައި ފޯރިއަށް ބައިތިއްބާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތައް ހުއްޓުވައި ޗެކް ކުރަމުންދާ ކަމަށް ވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި, ޖެކީ ޝެރޮފްއަށް ޙަމަލާދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ 3 މީހުން ވަނީ އިންޑިއާގެ ރާޖަސްތާން ގެ ކޯޓާ ސަރަޙައްދުން ހައްޔަރުކޮށްފައެވެ. މި މީހުންގެ ޢުމުރަކީ 17 އަގަރާއި 18 އަދި 22 އަހަރެވެ. މިމީހުން ހައްޔަރު ކުރީ އެންޓި-ގޭންގްސްޓަރ ޓާސްކް ފޯސްއާއި ރާޖަސްތާން ޕޮލިސް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ.
މި ހަމަލައަށް ޒިންމާ އުފުލާފައި ވަނީ ލޮރެންސް ބިޝްނޮއި ޖަމާއަތުންނެވެ.





