ބްރިކްސް+ ގެ ޕާޓްނަރު ގައުމަކަށްވުމަށް ގާނާއިން ރަސްމީކޮށް ހުށަހަޅަނީ

އިގުތިސާދީ ފުރުސަތުތައް ފުޅާކޮށް ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި، ބްރިކްސް+ އިއްތިހާދުގެ ޕާޓްނަރު ގައުމެއްގެ ދަރުޖަ ހޯދުމަށް ރަސްމީކޮށް ހުށަހެޅުމަށް ގާނާއިން ނިންމައިފިއެވެ. މި ނިންމުން އިއުލާނުކޮށްފައިވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަންޔަމް ޖައިޝަންކަރާއި ގާނާގެ ޚާރިޖީ ވަޒީރު ސެމުއެލް އޮކުޑްޒެޓޯ އަބްލަކްވާގެ ޚާއްސަ މަޝްވަރާތަކަށްފަހުގައެވެ.

ގާނާގެ ޚާރިޖީ ވުޒާރާއިން ފާހަގަކުރި ގޮތުގައި ބްރިކްސް+ އާއެކު ގުޅުން ބަދަހިކުރި ނަމަވެސް، އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކު ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ގާނާއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް އެއްވެސް ބަދަލެއް ނައަންނާނެއެވެ. އޭގެ ބަދަލުގައި މިއީ އިގުތިސާދީ ސްޓްރެޓެޖީ އިތުރަށް ފުރިހަމަކޮށްދޭނެ ކަމެކެވެ.

އިންޑިއާ، ރަޝިޔާ، ބްރެޒިލް އަދި ޗައިނާ އިސްވެ 2009 ވަނަ އަހަރު އުފެއްދި ބްރިކްސް އިއްތިހާދަކީ ހުޅަނގުގެ ބާރުތަކުން ބައިނަލްއަގުވާމީ މާލީ އިދާރާތައް ކޮންޓްރޯލްކުރުމާ ދެކޮޅަށް އުފެއްދި ޖަމާއަތެކެވެ. 2010 ގައި ދެކުނު އެފްރިކާ ގުޅުނު މި އިއްތިހާދު ވަނީ ފަހުން އިތުރަށް ފުޅާވެ، އިތިއޯޕިއާ، މިސްރު، އިންޑޮނޭޝިއާ، އީރާން، ސައޫދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ފަދަ ގައުމުތަކާއެކު ބޮޑުވެފައެވެ.

ބްރިކްސްގެ ނުފޫޒު ދުނިޔޭގެ މާލީ މައިދާން ގައި އިތުރުވަމުންދާއިރު، ހުޅަނގު އެފްރިކާގެ ސަރަހައްދުން ނައިޖީރިއާއަށްފަހު ބްރިކްސްގެ ޕާޓްނަރު ދަރުޖަ ހޯދާ ދެވަނަ ގައުމަކަށް ގާނާ ވެގެންދާނެއެވެ. މިއީ ގާނާގެ ސިޔާސީ ހަމަޖެހުމާއި، ޑިމޮކްރެޓިކް އުސޫލުތަކާއި އަދި އިގުތިސާދީ ގާބިލުކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެކިކަމަށް އެގައުމުން ބުނެއެވެ.

ބްރިކްސް ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި ވަނީ ފާއިތުވި ދެ ދަހަރޭ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. ގާނާއަކީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި، ޚާއްސަކޮށް ރަން، ޑައިމަންޑް، ބޮކްސައިޓް އަދި ތެލުގެ ބޮޑެތި ރިޒާވްތައް ހުރި ގައުމަކަށްވުމުން، ބްރިކްސް+ ގެ ނިއު ޑިވެލޮޕްމަންޓް ބޭންކު (އެންޑީބީ) މެދުވެރިކޮށް ގައުމުގެ އަސާސީ ވަސީލަތްތައް ތަރައްގީކުރުމަށް ފަންޑުތަކެއް ލިބިގެންދާނެއެވެ.

ގާނާގެ ރައީސް ޖޯން ޑްރާމާނީ މަހާމާގެ ނިންމެވުމާއެކު، ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް ކުރާ މަސައްކަތްތަކަށް އާ ދިރުމެއް ލިބިގެންދާނެއެވެ. އަދި އެފްރިކަން ކޮންޓިނެންޓަލް ފްރީ ޓްރޭޑް އޭރިއާ (އޭއެފްސީޓީއޭ) ގެ ހެޑްކުއާޓަރު ގާނާގައި ހުރުމުން، މުޅި އެފްރިކާ ބައްރާއި ބްރިކްސް ގައުމުތަކާ ދެމެދު ކުރެވޭ ވިޔަފާރީގެ މައި ހަބަކަށް ގާނާ ވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!