އިންޑިއާގެ އިގުތިސާދީ ކުރިއެރުމުގެ އަންދާސާތައް މަތިކޮށްފި

ދުނިޔޭގެ އިގުތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާގެ އިގުތިސާދު ކުރިއަރަމުންދާ ރޭޓާއި ވަރުގަދަކަން ފާހަގަކޮށް ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން އެ ގައުމުގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު  މަތިކޮށްފިއެވެ.

އޯއީސީޑީ، އެސްއެންޑްޕީ ގްލޯބަލް، ފިޗް ރޭޓިންގްސް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި މޫޑީޒް ރޭޓިންގްސްއިން ވަނީ އިންޑިއާގެ އިގުތިސާދީ އަންދާސީތައް މަތިކޮށްފައެވެ. އެގޮތުން އޯއީސީޑީން ކުރިން 6.3 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރި ކުރިއެރުން 7.1 އިންސައްތައަށް މަތިކޮށްފައިވާއިރު، އެސްއެންޑްޕީއާއި އޭޑީބީން ވަނީ ކުރިއެރުން 7 އިންސައްތައަށް އަރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ފިޗް ރޭޓިންގްސްއިން 6.9 އިންސައްތައަށް މަތިކުރިއިރު، މޫޑީޒްއިން ވަނީ ކުރިން 6 އިންސައްތައިގައި އޮތް އަންދާސީ 7 އިންސައްތައަށް އިތުރުކޮށްފައެވެ.

މި އިދާރާތަކުން އަންދާސީތައް މަތިކޮށްފައިވަނީ އިންޑިއާގެ އެކި ސިނާއަތްތަކުން ހޯދަމުންދާ ކުރިއެރުމާއި، ގައުމުގެ އެތެރޭގެ އުފެއްދުންތެރިކަން ވަރުގަދަވަމުން ދއުމާ އެކުގައެވެ.

  • މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ ހަގީގީ ޖީޑީޕީ ކުރިއެރުން ވަނީ 7.8 އިންސައްތައަށް އަރާފައެވެ.
  • ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި އުޅުނީ 6.9 އިންސައްތައިގައެވެ.
  • ޚިދުމަތްތަކުގެ ދާއިރާއިން 10 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައި ވެއެވެ.
  • މާލީ، ރިއަލް އެސްޓޭޓް އަދި އައިޓީ ދާއިރާއިން 12.1 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ވަނީ ރެކޯޑުކުރެވިފައެވެ.

އިންޑިއާގެ އިގުތިސާދީ ވިލުންތެރިކަމުގެ އަނެއް މައިގަނޑު ސަބަބަކީ އުފެއްދުންތެރިކަމުގެ ސިނާއަތާއި އިންވެސްޓްމަންޓްތައް އިތުރުވުމެވެ.

  • ސިނާއީ ދާއިރާގެ ކުރިއެރުން 8.6 އިންސައްތައަށް އަރާފައި ވެއެވެ.
  • އުފެއްދުންތެރިކަން ވަނީ 9.2 އިންސައްތައަށް މަތިވެފައެވެ.
  • ކެޕިޓަލް ފޯމޭޝަން ނުވަތަ އިންވެސްޓްމަންޓްގެ މިންވަރު ވަނީ 20.4 އިންސައްތައަށް ގޮސްފައެވެ.

މިއީ ކުރިއަށް އޮތް ތަނުގައި ގައުމުގެ އުފެއްދުންތެރިކަމާއި ވަސީލަތްތައް އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އެތެރޭގެ ވިޔަފާރިއާއި އާންމުންގެ ހޭދަކުރުން މަތިވުމަކީވެސް އިގުތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި އިންޑިއާއަށް ލިބޭ ބޮޑު ރައްކާތެރިކަމެކެވެ.

  • އަމިއްލަ ފަރުދުންގެ ހޭދަކުރުން 9.9 އިންސައްތައަށް މަތިވެފައި ވެއެވެ.
  • އެއީ މުޅި ޖީޑީޕީގެ 55.6 އިންސައްތަ އެވެ.
  • 2026 ވަނަ އަހަރުގެ އެޕްރީލް އިން އޮގަސްޓް މަހުގެ ނިޔަލަށް މުދަލާއި ޚިދުމަތުގެ އެކްސްޕޯޓް ވަނީ 15 އިންސައްތައިގެ އިތުރުވުމެއް ހޯދާފައެވެ.
  • އެއީ 399 ބިލިއަން އެމެރިކާ ޑޮލަރެވެ.

ދުނިޔޭގެ މާލީ އިދާރާތަކުން ދެކޭގޮތުގައި، އިންޑިއާގެ އިގުތިސާދު ކުރިއަރަމުންދަނީ ހަމައެކަނި އެއް ދާއިރާއަކަށ ބަރޯސާވެގެންނެއް ނޫނެވެ. ޚިދުމަތްތަކުގެ ދާއިރާއާއި، އުފެއްދުންތެރިކަމާއި، އިންވެސްޓްމަންޓް އަދި އެކްސްޕޯޓް އެކުވެގެން އުފެދިފައިވާ އޮނިގަނޑުގެ ސަބަބުން، ދުނިޔޭގެ މާލީ މައިދާން ނުތަނަވަސްވެގެންދާ ވަގުތުތަކުގައިވެސް އިންޑިއާގެ އިގުތިސާދީ ސިންދަފާތު ހިފެހެއްޓުމުގެ ގާބިލުކަން އެ ގައުމަށް ލިބިގެންދެއެވެ.

ހިއްސާ ކުރައްވާ!