ރާއްޖޭގެ މާލީ ހާލަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) މެދުވެރިކޮށް ދިވެހި ސަރުކާރަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިންޑިއާ ސަރުކާރުން އިތުރުކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވަނީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚާއްސަ ބޭނުމުގައެވެ. މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 2026 ވަނަ އަހަރުގެ އޭޕްރިލް 23 ގައި ހަމަޖެއްސި މާލީ ފެސިލިޓީއެކެވެ.
މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ސޮއިކުރި މާލީ އއްބަސްވުމުގެ ދަށުން ލިބިގެންދިޔަ ފުރުސަތެކެވެ. 2024 އިން 2027 އަށް އެކުލަވާލާފައިވާ މި ފްރޭމްވަރކްގެ ދަށުން، އިންޓްރެސްޓް ރޭޓަށާއި ފައިސާ އަނބުރާ ދެއްކުމުގެ ޝަރުތުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާކަން އިންޑިއާ ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދިންއިރު، އިންޑިއާއިން އިސްވެ ފޯރުކޮށްދިން 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއާއި، 2019 ވަނަ އަހަރު ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދިވެހި ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކޮށްފައެވެ. މިއީ ރާއްޖޭގެ ޚާރިޖީ އަދި މާލީ ސްޓްރެޓެޖީ ގެ ތެރެއިން ގައުމީ އިގުތިސާދު ހިފެހެއްޓުމަށް ކުރި މުހިންމު މަސައްކަތެކެވެ.
އިންޑިއާގެ ހައިކޮމިޝަނުން އިތުރަށް ބުނެފައިވަނީ، އެ ގައުމުގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަސައްވުރުގެ ދަށުން، ދިވެހިރާއްޖެއަށް އަބަދުވެސް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ސަރަހައްދީ އަދި އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެކުނު އޭޝިއާގެ ސިޔާސީ މަސްރަހު ގައި އެކުވެރިކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އިންޑިއާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މާލީ އެހީތެރިކަމާއެކު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވެ، ބައިނަލްއަގުވާމީ މާލީ މައިދާން ގައި ރާއްޖެއަށް އޮތް އިތުބާރު އިތުރަށް ބޮޑުވެގެންދާނެއެވެ.



