މައުލޫމާތުގެ ރަސްމަގު މެދުވެރިކޮށް ހިންގާ މާލީ މަކަރާއި ސްކޭމްތަކުގެ ސަބަބުން ލިބޭ ގެއްލުންތައް އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި އުޅެނީ ޕާކިސްތާންގައި ކަމަށާއި، އެ ގައުމުގެ ޖީޑީޕީގެ 2.5 އިންސައްތައާ އެއްވަރުގެ ބޮޑު މާލީ ގެއްލުމަކާ ޕާކިސްތާން ކުރިމަތިލާންޖެހިފައިވާ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކް ގްރޫޕުން ހާމަކޮށްފިއެވެ.
އައިއެމްއެފް އާއި ވޯލްޑް ބޭންކުން ގުޅިގެން ނެރުނު "ބެންކޮކް ބްލޫޕްރިންޓް އިން އެކްޝަން" ރިޕޯޓުގައިވާ ގޮތުން، ޑިޖިޓަލް މާލީ ޚިދުމަތްތައް ފުޅާވަމުންދާ ވަރަކަށް އޮންލައިން ޕްލެޓްފޯމްތަކާއި، ޓެލެކޮމިއުނިކޭޝަން ނެޓްވޯކްތައް އަދި ފައިސާ ފޮނުވާ ނިޒާމުތައް ނުބައިގޮތުގައި ބޭނުންކޮށްގެން ހިންގާ އޮޅުވާލުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޕާކިސްތާނަށް ލިބޭ މާލީ ގެއްލުން ދުނިޔޭގެ އެވްރެޖް މިންގަނޑު ކަމަށްވާ 0.45 އިންސައްތައަށްވުރެ އެތައް ގުނައެއް މަތިކަން މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި ދިރާސާ ތައްޔާރުކޮށްފައިވަނީ ބޭންކް އޮފް ތައިލޭންޑާއި ޕުއޭ އުންގްޕާކޯން އިންސްޓިޓިއުޓް ފޯ އެކޮނޮމިކް ރިސާޗްގެ މާހިރުން ގުޅިގެންނެވެ. ދިރާސާގައި އޭޝިއާގެ މަސްރަހު ބަޔާންކޮށްފައިވާ ގޮތުގައި، މަކަރާއި ހީލަތުގެ ގެއްލުން އެންމެ ބޮޑު ގައުމަކީ ޕާކިސްތާން ކަމަށްވާއިރު، ދެވަނައިގައި އޮތް މެލޭޝިއާގެ ގެއްލުން އުޅެނީ ޖީޑީޕީގެ 2.1 އިންސައްތައިގައެވެ. އަދި ތިންވަނައިގައި އޮތް އިންޑިއާގެ ގެއްލުން އުޅެނީ 1.3 އިންސައްތައިގައެވެ.
ރިޕޯޓުގައިވާ ގޮތުން، ސައިބަރ މާލީ ކުށްތައް މިހާރު ވަނީ ބޭންކް އެކައުންޓްތަކަށް ހުއްދައެއްނެތި ވަނުމުގެ އިމުން ބޭރުވެފައެވެ. ކުށްވެރިން މިހާރު ބޭނުންކުރަނީ އޮޅުވާލުމާއި، އެހެން މީހުންގެ ސިފަޔަށް ބަދަލުވުމާއި، އަދި އިޖުތިމާއީ އޮޅުވާލުންތައް ބޭނުންކޮށްގެން ކަސްޓަމަރުން ލައްވައި އަމިއްލައަށް ފައިސާގެ މުއާމަލާތްތައް ކުރުވާ ސްޓްރެޓެޖީ ތަކެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްއާއި، ޑީޕްފޭކް އަދި އޮޓޯމޭޓެޑް ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ކުށްވެރިންނަށް މިފަދަ ނުރައްކާތެރި ހަމަލާ ތައް ދިނުން ވަނީ މާ ބޮޑަށް ފަސޭހަވެފައެވެ. މީގެއިތުރުން، ވަގުތުން ފައިސާ ފޮނުވޭ ނިޒާމުތަކުގެ ސަބަބުން ވަގަށް ނަގާ ފައިސާ އެކި އެކައުންޓްތަކަށާއި އެކި ގައުމުތަކުގެ އިޚްތިސާސަށް އަވަސްކަމާއެކު ބަދަލުކުރުމުގެ ފުރުސަތު ކުށްވެރިންނަށް ލިބެއެވެ.
އިންޓަރޕޯލްއިން ވަނީ ސައިބަރ މާލީ މަކަރާއި ހީލަތަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑްރިންގ ފަދައިން ދުނިޔެއަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށް ކަނޑައަޅާފައެވެ. މިއީ ސަރަހައްދީ އިގުތިސާދީ އަމާންކަން ހިފެހެއްޓުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށްވުމުން، ހޮންކޮންގް، ސިންގަޕޫރު، މެލޭޝިއާ އަދި ތައިލޭންޑް ފަދަ ގައުމުތަކުން ބޭނުންކުރާ ސެކިއުރިޓީ އުސޫލުތަކަށް ބަލައި، އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމާއި، ކަސްޓަމަރުންގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



