ޚައިބަރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ކަންބޮޑުވުންތައް ހާމަކޮށްފި

ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޕާޓީގެ ކޮންޓްރޯލް އޮންނަ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި މަރުކަޒީ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރު ވައްޓާލުމާ ގުޅިގެން، އެ ގައުމުގެ ޑިމޮކްރެޓިކް ނިޒާމާމެދު ސުވާލު އުފައްދައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު އޮންނަ ޚާއްސަ ވިޔަފާރިއާ މެދު ސުއާލު އުފައްދައިފިއެވެ.

ސަލާމަތީ ހާލަތު ގޯސްވުމުގެ ބަހާނާގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ، ޚައިބަރު ޕަޚްތޫންޚުވާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވި ނަމަވެސް، މިއީ ސިވިލިއަން ސަރުކާރާއި ސިފައިން ގުޅިގެން އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ހިންގި ސިޔާސީ އަމަލެއްގެ ގޮތުގައި އީޔޫގެ. ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. މި ޕްރޮވިންސަކީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ މައި ސިޔާސީ މަރުކަޒެވެ. ވެރިކަން ކުރަމުން ދިޔައީ އެޕާޓީންނެވެ.

ޚައިބަރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ ޕްރޮވިންސް ހިންގުމުގެ މަސްއޫލިއްޔަތު ގަވަރްނަރާ ހަވާލުކޮށް، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ވަނީ ނެރެފައެވެ.

އިދިކޮޅު ހަރަކާތްތައް ވަރުގަދަވިޔަ ނުދިނުމުގެ ގޮތުން އިމްރާން ޚާންގެ ތިން އަންހެން ކޮއްކޯއިންނާއި، ޕީޓީއައިގެ ސަތޭކައަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ހައްޔަރުކޮށްފައެވެ. ޕީޓީއައިގެ ތަރުޖަމާނު ޒުލްފިޤާރު ބުޚާރީ ވަނީ މިއީ "ސިއްރު ސިފައިންގެ އިންގިލާބެއް" ކަމަށް ސިފަކުރައްވާފައެވެ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އަސިމް މުނީރުގެ އިރުޝާދާއެކު ގައުމީ ސަލާމަތާއި، އިންޑިއާއާއި އަފްޣާނިސްތާނާއެކު އޮންނަ ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރުމުގައި ސިފައިން ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. 1947 ވަނަ އަހަރު ފެށިގެން ޕާކިސްތާންގެ ތާރީޚުގައި ސިފައިން ވަނީ އެކި ފަހަރު މަތިން ސަރުކާރުތައް ވައްޓާލައި، ގައުމުގެ ވެރިކަން ހޯދާފައެވެ.

މިފިޔަވަޅާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންއިން ވަނީ  ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕާކިސްތާނަށް އީޔޫގެ "ޖީއެސްޕީ ޕްލަސް" ވިޔަފާރީގެ އިނާޔަތްތައް ލިބެނީ އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، އިދިކޮޅު ފަރާތްތަކަށް ސިޔާސީ ފުރުސަތުތައް ބަންދުކުރާނަމަ، އެ އިނާޔަތްތައް ދެމެހެއްޓުމާމެދު އީޔޫއިން ވިސްނަން ޖެހޭނެ ކަމަށް އީޔޫ ގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ޕާކިސްތާނުގެ ސަރުކާރުން ބުނަނީ ޚައިބަރު ޕަޚުތުންޚުވާގައި އަޅާފައިވާ ފިޔަވަޅަކީ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ޓެރަރިސްޓް ހަމަލާ ތަކުން ރައްޔިތުން ރައްކާތެރިކުރުމަށް އެޅި ގާނޫނީ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، އީޔޫއިން ފާހަގަކުރާ ގޮތުގައި، ގައުމީ ސަލާމަތުގެ ނަމުގައި އިންތިޚާބީ ސަރުކާރުތަކުގެ ބާރުތައް ނިގުޅައިގަތުމަކީ ޕާކިސްތާނުގެ ޑިމޮކްރަސީ މުޅިން ހީނަރު ވެގެން ހިނގައިދާނެ ކަމެކެވެ.

ހިއްސާ ކުރައްވާ!