މަންމަ މެރުމުގެ ކުށް ސާބިތުވެ، ސަޢުދީގައި އަންހެނެއްގެ ކަރުބުރިކޮށްފި

ބަޑިޖަހައި މަންމަ މަރާލައި އަދި އޭނާގެ ކުޑަ ކޮއްކޮއަށް ޙަމަލާދީ މަރައިލަން އުޅުނުކަމުގެ ކުށް ސާބިތުވި، ސަޢުދީ ޢަރަބިއްޔާގެ އަންހެން ރައްޔިތަކަށް މަރުގެ ޢުޤޫބާތް ތަންފީޒުކޮށްފިއެވެ.

މި ޖަރީމާ ހިންގާފައިވަނީ ސަޢުދީގެ އަލްޤަޞީމް ގައެވެ. ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި, ސަޙަރު ބިންތު ފައިޞަލް ބިން ފައްޔާޟް އަލްޙަރްބީ ނަމަކަށް ކިޔާ އަންހެން މީހާގެ މައްޗަށް ކުށް ސާބިތުވެ، ޝަރީޢަތުގެ މަރުޙަލާތަކާއި މަތީ ކޯޓުތަކުގެ މަރުޙަލާތައް ނިމި, ރަސްމީ ޤަރާރަކުން އޭނާއަށް ޙުކުމް ތަންފީޒުކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.

މި ޖަރީމާއަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު ފާފަތަކާއި, މައިންބަފައިންނަށް އުރެދުމުގެ އެންމެ ނުބައި ދަރަޖައިގެ ކުށް ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ޝަރީޢަތުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި, ސަޙަރު ވަނީ އޭނާގެ މަންމަ، އަމަލު ބިންތު ޠުލައިޙާ ބިން ސަޢޫން އަލްޙަރްބީއަށް ބަޑިން ޙަމަލާދީ މަރައިލައިފައެވެ. އަދި އޭގެ ފަހުން މަންމަގެ ފުރާނަނެތް މަސްގަނޑަށް އިހާނެތިކޮށް ހިތާފައެވެ.

މީގެ އިތުރުން, އޭނާގެ އަންހެން ކޮއްކޮ މަރައިލަން އުޅުނު ކަންވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. މި ހާދިސާއާ ގުޅިގެން ސަޢުދީ ސަރުކާރުން ވަނީ, ޤައުމުގެ އަމަންއާންމު ޙިމާޔަތްކުރުމަށާއި, ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށްޓަކައި ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނުދައްކާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ސަޢުދީ ޢަރަބިއްޔާއަކީ ދުނިޔޭގައި އެންމެ ގިނައިން މަރުގެ ޢުޤޫބާތް ތަންފީޒު ކުރާ  އެއް ޤައުމެވެ. ނަމަވެސް, ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި, މިފަދަ ފިޔަވަޅުތަކަކީ މުޖުތަމަޢުގެ ސުލްޙައާއި އަމަންއާންމު ގެއްލުވައިލާ ފަރާތްތަކުގެ ކިބައިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެކެވެ.

ހިއްސާ ކުރައްވާ!