ހޫސީންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ގަލްފްގެ ޖަމުއިއްޔާއިން ނިންމައިފި

ގަލްފް ކޯޕަރޭޝަން ކައުންސިލްގެ މިނިސްޓަރުންގެ 168 ވަނަ ބައްދަލުވުމުގައި ޔަމަނުގެ ހޫސީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފިއެވެ. ގަލްފްގެ އެއްބައިވަންތަކަމާއި ސަރަޙައްދީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ޚަލީޖު ކޯޕަރޭޝަން ކައުންސިލްގެ ވަޒީރުންގެ މަޖިލީހުން ވަނީ ގަލްފްގެ ގައުމުތަކުން އެއްބައިވަންތަ ވުމަށް ގޮވާލާފައެވެ.

ބަހުރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަޠީފު ބިން ރާޝިދު އައްޒާނީގެ ރިޔާސަތުގައި ބޭއްވި މި ބައްދަލުވުމުގައި, ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ސެކްރެޓަރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި މައިގަނޑު ގޮތެއްގައި އަލިއޅުވާލާފައިވަނީ ސަރަޙައްދީ ހަމަނުޖެހުންތަކާއި, ޔަމަނުގެ ހޫސީ ޖަމާޢަތުގެ ޙަމަލާތަކުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާއަށާއި ގަލްފްގެ ޤައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުގެ މައްޗަށެވެ.

ކައުންސިލުން ވަނީ ސަޢުދީ ޢަރަބިއްޔާގެ މުހިންމު މަރުކަޒުތަކަށާއި, ވައިގެ ބަނދަރުތަކަށް އަދި މުގައްދަސް ބިންތަކަށް ހޫސީ މިލީޝިއާއިން ދެމުންދާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ގަލްފްގެ އިއްތިހާދުގެ ސަލާމަތަކީ ވަކި ނުކުރެވޭނެ ފަދައަކުން ހުރިހަިއ ގައުމަކާ ގުޅި ލާމެހިފައިވާ ކަމެއް ކަމަށާއި, ކޮންމެ އެެއް ޤައުމަކަށް ލިބޭ ގެއްލުމަކީ މުޅި ޖަމްޢިއްޔާއަށް ލިބޭ ގެއްލުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން, އީރާނުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ސަރަޙައްދުގެ ޤައުމުތަކަށް ދެމުންދާ ޙަމަލާތަކުގެ ޒިންމާ ފުރިހަމައަށް އީރާނުން އުފުލަންޖެހޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ބައިނަލްއަޤުވާމީ ވިޔަފާރިއަށާއި ތެލުގެ ސަޕްލައިއަށް މުހިންމު ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ކަމަށްވާ ހުރުމުޒު ކޮރިޑޯއާއި ބާބުލްމަންދަބު އަދި ރެޑްސީގެ ސަލާމަތް ކަށަވަރުކުރުމަކީ ބައިނަލްއަޤުވާމީ ޒިންމާއެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

ހިއްސާ ކުރައްވާ!