އިޒްރޭލުން ހުށަހަޅާފައިވާ ހުށަހެޅުން ސުޢޫދީ ޢަރަބިއްޔާއިން ޤަބޫލުކުރަންޖެހޭނެ: ޓްރަމްޕް

ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެހީތެރިވުމަށް އިޒްރޭލުން ހުށަހަޅާފައިވާ ހުށަހެޅުން ސުޢޫދީ ޢަރަބިއްޔާއިން ޤަބޫލުކުރަންޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި އިޒްރޭލުން ސުޢޫދީ ޢަރަބިއްޔާއަށް ފޯރުކޮށްދޭ އެހީތެރިކަމަކީ "ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޖޯޖިއާގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަކަށް ވަޑައިގަތުމުގެ ކުރިން ވައިޓް ހައުސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑު ހަމަ ޔަޤީނުންވެސް ޤަބޫލުކުރަން އިޒްރޭލުން ވަނީ ސުޢޫދީ ޢަރަބިއްޔާއަށް ވަރަށް ބޮޑަށް އެހީތެރިވެދީފައި" ކަމަށެވެ.

އަދި އިޒްރޭލާއި ބައެއް ޢަރަބި ޤައުމުތަކާ ދެމެދު ގުޅުން ރަނގަޅު ކުރުމަށް 2020 ވަނަ އަހަރު ސޮއިކުރި އިބްރާހީ މުއާހަދާއަށް ސުޢޫދީ ޢަރަބިއްޔާވެސް ވެއްދިދާނެ ކަމަށާއި، މިކަން "ކުރިއަށްވުރެ ބޮޑަށް މިހާރު ފަހިވެފައިވާނެ" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ސުޢޫދީ ޢަރަބިއްޔާއާއެކު އިބްރާހީމީ މުއާހަދާގެ އެއްބަސްވުމެއް އަލުން މަޝްވަރާކުރެވެމުންދޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑަށް ހީވަނީ އެކަން ކުރިއަށްދާހެން. އާދެ، އަޅުގަނޑަށް ހީވަނީ އެހެން. މިއޮތީ ކުރިއަށްވުރެ ބޮޑަށްވެސް ފުރުޞަތު ފަހިވެފައި. އިބްރާހީމީ މުއާހަދާއަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ކާމިޔާބީ. އަދި އަޅުގަނޑު ބުނާނީ ކުރިއަށްވުރެ ބޮޑަށްވެސް ފުރުޞަތު ފަހިު ވެއްޖެއޭ! ނަމަވެސް ސުޢޫދީ ޢަރަބިއްޔާ އޮތީ އިޒްރޭލާއި އެމެރިކާގެ އެހީތެރިކަން ލިބޭތީ ވަރަށް އުފަލުން" ކަމަށެވެ.

އިޒްރޭލުގެ މީޑިއާއަކަށް އަންގާރަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫއާ ސުވާލު ކޮށްފައި ވަނީ ސުޢޫދީ ޢަރަބިއްޔާއިން އިޒްރޭލުގެ އެހީއަށް އެދިފައިވޭތޯއެވެ. އެއަށް ނަތަންޔާހޫ ބުނީ "އަޅުގަނޑުމެންގެ ކިބައިން އެހީއަށް ނޭދޭ އެއްވެސް ޤައުމެއް މެދުއިރުމަތީގަިއި ނެތް" ކަމަށެވެ.

އިޒްރޭލާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދު ގުޅުން އާންމުކުރުމުގެ އެއްބަސްވުމަކާ ހަމައަށް ދާނ އުޅެނިކޮށްް 2023 އޮކްޓޯބަރު 7 ގައި ޙަމާސްއިން ދިން ޙަމަލާއިން އެކަން ނާކާމިޔާބު ވިއެވެ. ނަމަވެސް، ސުޢޫދީ ޢަރަބިއްޔާއިން އަބަދުވެސް ބުނަމުންދަނީ އިޒްރޭލާއެކު ގުޅުން ރަނގަޅު ކުރެވޭނީ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ސާފު މަގެއް ފެނިގެން ކަމަށެވެ.

ހިއްސާ ކުރައްވާ!