ގައުމަށް ޚިޔާނާތުގެ ތުހުމަތުގައި މެކްސިކޯގެ ކުރީގެ އެޓާނީ ޖެނެރަލް ހައްޔަރުކޮށްފި

މެކްސިކޯގެ ގައުމީ ސަލާމަތީ ބާރުތަކަށް އެކަނި ޚާއްސަ ކުރެވިފައިވާ ސިއްރު އޮޕަރޭޝަން ތަކެއްގައި ބޭރުގެ ސިފައިންނާއި އެޖެންޓުން ބައިވެރިވުމަށް ފުރުސަތު ދިން ކަމުގެ ތުހުމަތުގައި، އެ ގައުމުގެ އުތުރުގެ ޗިވާވާ ސްޓޭޓްގެ ކުރީގެ އެޓާނީ ޖެނެރަލް ސެސާރ ޚޯރޭގީ ހައްޔަރުކޮށްފިއެވެ.

މެކްސިކޯގެ އެޓާނީ ޖެނެރަލް އާންމުކުރެއްވި މައުލޫމާތުގައިވާ ގޮތުން، ޚޯރޭގީ ހައްޔަރުކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޚިޔާނާތުގެ ތުހުމަތުގައެވެ. ތަހުގީގީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، މެކްސިކޯގެ ގާނޫނުތަކާ ޚިލާފަށް އަދި ސަރުކާރުގެ ރަސްމީ ހުއްދައެއް ނެތި، އެމެރިކާގެ އެޖެންޓުންނަށް މެކްސިކޯގެ ފަސްގަނޑުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު އޭނާ ވަނީ ދީފައެވެ.

ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފާއިތުވި އޭޕްރިލް މަހުގެ ތެރޭގައި ޗިވާވާގެ އުތުރުގެ ބޯޑަރު ސަރަހައްދުގައި ހުރި މަސްތުވާތަކެތި އުފައްދާ ލެބޯޓްރީއަކަށް ދިން ހަމަލާ އާއި ރޭޑްގެ ތެރޭގައެވެ. އެމެރިކާގެ އެމްބަސީގައި މަސައްކަތްކުރާ ދެ މުވައްޒަފަކު އެ ދުވަސްވަރު މަރުވިކަން އެމެރިކާއިން ކަށަވަރުކޮށްދީފައިވާއިރު، މަސްދަރުތަކުން ބުނާ ގޮތުގައި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ ސީއައިއޭގެ ދެ އޮފިސަރުންނެވެ.

މި ހާދިސާއާ ގުޅިގެން މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބޯމް ވަނީ ގައުމުގެ ސިއާދަތީ ބާރާއި ގައުމީ ސަލާމަތ ހިފެހެއްޓެވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ޝެއިންބޯމް ފާހަގަކުރެއްވި ގޮތުގައި، އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމާއި ބައިނަލްއަގުވާމީ ޑިޕްލޮމެޓުން މެދުވެރިކޮށް ކުރެވޭ އެއްބާރުލުމަށް މެކްސިކޯއިން މަރުހަބާ ކީނަމަވެސް، ބޭރު ގައުމެއްގެ ސިފައިން ނުވަތަ އެޖެންޓުން މެކްސިކޯގެ ފަސްގަނޑުގައި ސީދާ އޮޕަރޭޝަންތައް ހިންގުމަކީ އެއްގޮތަކަށްވެސް ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މެކްސިކޯގެ އެޓާނީ ޖެނެރަލް އާންމުކުރެއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ، "ސެސާރ އެން" ވަނީ ގައުމީ ސަލާމަތީ ބާރުތަކަށް އެކަނި ޚާއްސަ ކުރެވިފައިވާ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުމަށް މަގުފަހިކޮށްދީ، ގައުމަށް ޚިޔާނާތްތެރިވެފައި ކަމަށެވެ. މިއީ މެކްސިކޯ އާއި އެމެރިކާއާ ދެމެދު އޮންނަ ސެކިއުރިޓީ ގުޅުމަށް ބޮޑެތި ލޮޅުންތަކެއް އަރުވައި، ސިޔާސީ މަސްރަހު ނުތަނަވަސްކުރުވި މައްސަލައެކެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އާއި ނައިބު ރައީސް ޖޭޑީ ވެންސް އިސްވެ ތިއްބަވައިގެން ސަރަހައްދީ ސެކިއުރިޓީ ވަރުގަދަކުރުމަށް ސްޓްރެޓެޖީ ތައް އެކުލަވާލައްވަމުންދާ ދަނޑިވަޅެއްގައި، މެކްސިކޯގެ ފަސްގަނޑުގައި ހިނގި މި ހާދިސާގެ ސަބަބުން ދެ ގައުމުގެ މެދުގައި ވަނީ ޚިޔާލު ޚިލާފު ތައް އުފެދިފައެވެ. އަދި ބައިނަލްއަގުވާމީ ސަމިޓް ތަކުގައި ގައުމުތަކުގެ މިނިވަންކަމާއި ސިއާދަތަށް އިހުތިރާމްކުރުމުގެ މުހިންމުކަން ދަނީ ފާހަގަކުރަމުންނެވެ.

ހިއްސާ ކުރައްވާ!