ޗައިނގެ އުޅަނދުތައް ފައްސާލި ކަމަށް ތައިވާނުން ބުނޭ

ތައިވާން ކައިރިން ހިންގި "ކަނޑުގެ ހަމަނުޖެހުމުގެ" އޮޕަރޭޝަންތަކެއްގައި ބައިވެރިވި، ޗައިނާގެ ކޯސްޓްގާޑާއި، ރިސާޗް ވެސަލް އަދި މަސްވެރިކަމުގެ 16 އުޅަނދު ހުއްޓުވައި ފަހަތަށް ޖައްސައިފި ކަމަށް ތައިވާނުން ބުނެފިއެވެ. ތައިވާނުގެ ކޯސްޓްގާޑުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތައިވާނުގެ މައި ޖަޒީރާގެ ވަށައިގެންނާއި، ހުޅަނގުގައިވާ މައްސަލަ ޖެހިފައިވާ "ޕްރާޓާސް" ނުވަތަ ދޮންގްޝާ ޖަޒީރާގެ ސަރަޙައްދުގައި ހިންގި މި އޮޕަރޭޝަންތަކުގައި ޗައިނާގެ ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ބައިވެރިވެފައިވާ ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އުޅަނދުތަކުގެ ތެރޭގައި ޗައިނާގެ 4 މަސްބޯޓު ހިމެނޭއިރު، ތައިވާނުގެ ކޯސްޓްގާޑުން ވަނީ މިއީ މަސްހުނި ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ތައިވާނުގެ ކޯސްޓްގާޑުން ބުނި ގޮތުގައި، "ޗައިނާގެ އުޅަނދުތަކުގެ ނުރައްކާތައް ނައްތާލައި އެމީހުންގެ ބިރތު ދެއްކުން ހުއްޓުވުމަށްޓަކައި" ތައިވާންގެ އުޅަނދުތަކުން ވަނީ ވަގުތުން ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ބެއިޖިންގއިން މަސައްކަތް ކުރަނީ ތައިވާން ކަނޑުއޮޅީގެ "ޙާލަތު އަމިއްލައަށް ބަދަލުކޮށް"، އެ ސަރަޙައްދުގެ އިޚްތިޞާޞް އޮތްކަމުގެ ދޮގު ތަޞައްވުރެއް ދެއްކުމަށް ކަމަށް ތައިވާނުން ތުހުމަތުކުރިއެވެ. މީގެ ތެރެއިން ބައެއް އުޅަނދުތައް ތައިވާނުން ކަނޑައަޅާފައިވާ މަނާ ސަރަޙައްދުތަކަށް ވަދެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާއިން ދަޢުވާކުރާ ގޮތުގައި ތައިވާނާއި ޕްރާޓާސް ޖަޒީރާއަކީ ޗައިނާގެ ސަރަޙައްދީ ބައެކެވެ. އަދި އެ ސަރަޙައްދުގެ ވަށައިގެންވާ ކަނޑުގެ އިޚްތިޞާޞް އޮތީ ބެއިޖިންގއަށް ކަމަށް ބުނެއެވެ. ނަމަވެސް، ތައިޕޭއިން އެކަން ޤަބޫލެއް ނުކުރެއެވެ. ޗައިނާއިން އަންނަނީ ބާރުގެ ބޭނުންކޮށްގެންވެސް ބާޣީ ސަރަހައްދެއްކަމަށް ބަލާ ތައިވާން އެޤައުމުގެ ދަށަށް ގެންނާނެ ކަމުގެ އިންޒާރު ދެމުންނެވެ.

މީގެ ކުރިން އޮކްޓޯބަރު 1 ވަނަ ދުވަހު ހިނގި ޙާދިސާއެއްގައި، ޕްރާޓާސް ޖަޒީރާ ކައިރިން ދަތުރުކުރި ޗައިނާގެ އަމިއްލަ މަސްބޯޓަކަށް އަމާޒުކޮށް ތައިވާނުގެ ކޯސްޓްގާޑުން ވަނީ ފެންބަޑި ބޭނުންކޮށްފައެވެ.

ފަހަކަށް އައިސް ޗައިނާއިން ދަނީ ތައިވާނަށް ކުރިމަތިކުރާ ފިއްތުންތައް އިތުރުކުރަމުންނެވެ. ތައިވާނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހު ތައިވާން ކައިރިން ފެނުނީ ޗައިނާގެ 58 އުޅަނދެވެ. ނަމަވެސް، މިއަހަރުގެ ޖުލައި މަހު ޗައިނާގެ ކޯސްޓްގާޑާއި، ސައިންޓިފިކް ރިސާޗް އަދި އެހެނިހެން 244 އުޅަނދު ވަނީ ތައިވާނުގެ މައި ރަށުގެ ވަށައިގެން ޙަރަކާތްތެރިވެފައެވެ.

އޯގަސްޓް މަހުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި އެކަނިވެސް ޗައިނާގެ 152 އުޅަނދު ފެނިފައިވާއިރު، މީގެ ތެރެއިން ގިނައީ ޗައިނާ ކޯސްޓްގާޑުގެ އުޅަނދުތަކެވެ. އަދި އޭގެ އިތުރުން މަސްބޯޓުތަކާއި ރިސާޗް އުޅަނދުތައްވެސް ހިމެނެއެވެ.

މީގެއިތުރުން، ޗައިނާއިން ދުވަހުން ދުވަހަށް ތައިވާން ވަށައިގެން ހަނގުރާމަމަތީ މަނަވަރުތައްވެސް ފޮނުވަމުންދާއިރު، އެ އުޅަނދުތައް ގުނަނީ ވަކިންނެވެ.

ހިއްސާ ކުރައްވާ!