ޗައިނާގެ ޝިންޖިއާންގް، ޓިބެޓް، އިންނަރ މަންގޯލިއާ އަދި ހޮންކޮންގް ސަރަޙައްދުތަކުގައި އަމަންއާމާންކަން ޤާއިމުކުރުމާއި ފާރަލުމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި، ޒަމާނީ ހައި-ޓެކް ވަސީލަތްތައް ހޯދުމަށް ހިންގާފައިވާ މާލީ މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުންތަކެއް ދިރާސީ ޖަމާޢަތަކުން އާންމުކޮށްފިއެވެ.
ވޮޝިންޓަންގައި ހުންނަ ދިރާސާކުރާ ޚާއްސަ ޖަމާޢަތެއް ކަމަށްވާ "ސީ4އޭޑީއެސް" އިން "މޮނިޓަރިންގ ދަ ފްރަންޓިއަރ" ގެ ނަމުގައި ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އެ ސަރަޙައްދުތަކުގައި ޚިދުމަތްތައް ތަރައްޤީކޮށް، ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ޒަމާނީ ކެމެރާތަކާއި، މޫނު ވަކިކުރަން އެނގޭ "ފޭޝަލް ރިކޮގްނިޝަން" ނިޒާމުތަކުގެ އިތުރުން ބަޔޯމެޓްރިކް ވަސީލަތްތައް ހޯދާފައިވެއެވެ. މި މުއާމަލާތްތައް ހިންގާފައިވަނީ ކަމާބެހޭ އިދާރާތަކުގެ ރަސްމީ އުޞޫލުތަކުގެ ތެރެއިންނެވެ.
މި ދިރާސާ ތައްޔާރުކުރުމަށްޓަކައި އެ ޖަމާޢަތުގެ މާހިރުން ވަނީ ކަމާގުޅޭ ލިޔެކިޔުންތަކާއި ބިޑުތައް ދިރާސާކޮށްފައެވެ. އެގޮތުން ޝިންޖިއަންގް ސަރަޙައްދުން 368 ކޮންޓްރެކްޓެއް ވަނީ ފާހަގަކުރެވިފައެވެ.
ރިޕޯޓުގައިވާ ގޮތުން، ބައެއް ބައިނަލްއަޤްވާމީ ފަރާތްތަކުގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ހުރި ނަމަވެސް، ޗައިނާގެ "ހަންގްޜޫ ހިކްވިޜަން" ފަދަ ޓެކްނޮލޮޖީ ކުންފުނިތަކުގެ އުފެއްދުންތައް ދަނީ އެކި އިދާރާތަކަށް ފޯރުކޮށްދެމެވެ. އެގޮތުން އިންނަރ މަންގޯލިއާއިން 1,094 ކޮންޓްރެކްޓެއްގައި އެ ކުންފުނީގެ ނަން ހިމެނޭކަން ހާމަވެފައިވެއެވެ. މީގެއިތުރުން، ހޮންކޮންގްގެ މަގުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި ޓްރެފިކާއި މަގުމަތީގެ ނިޒާމުތައް ހިންގުމަށް ޒަމާނީ އޭއައި ސީސީޓީވީ ނިޒާމުތައް ޤާއިމުކުރުމަށް މަސައްކަތްކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ވިޔަފާރީގެ ސިޔާސަތުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، މިފަދަ ޓެކްނޮލޮޖީގެ މުއާމަލާތްތަކަކީ ދުނިޔޭގެ މާކެޓުގައި ފުޅާދާއިރާއެއްގައި ހިނގަމުންދާ ވިޔަފާރީގެ ބައެއްކަން މި ދިރާސާއިން ފާހަގަކޮށްފައިވެއެވެ.




