ސްރީލަންކާގައި ފަހަކަށް އައިސް އިތުރުވަމުންދާ ސައިބާ ކުށްތަކާއި ކޮމްޕިއުޓަރު މެދުވެރިކޮށް ހިންގާ މާލީ ސްކޭމްތަކުގެ ފަހަތުގައިވަނީ ސިއްރިއްޔާތުގައި ހިންގާ ގާނޫނާ ޚިލާފު ކޯލް ސެންޓަރުތައް ކަން ހާމަވެއްޖެ އެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި އެފަދަ ނެޓްވޯކްތަކާ ދެކޮޅަށް ހިންގި ހަރުކަށި އޮޕަރޭޝަންތަކަށްފަހު، މިފަދަ ބައިނަލްއަގުވާމީ ކުށްވެރި ޖަމާއަތްތަކުން ވަނީ އެ މީހުންގެ މައިގަނޑު ހަރަކާތްތައް ސްރީލަންކާއަށް ބަދަލުކޮށްފައެވެ.
ސްރީލަންކާ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ ދަށުން ހިންގާ ކޮމްޕިއުޓަރ ކްރައިމް އިންވެސްޓިގޭޝަން ޑިވިޜަނުން މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަކޮށްފައިވާ ރަސްމީ ތަފާސްހިސާބުތަކުން މި މައްސަލައިގެ ނުރައްކާތެރިކަން ވަނީ ސާފުކޮށްދީފައެވެ. 2021 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު އުފެއްދި މި ޑިވިޜަނުން، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މިފަދަ ގާނޫނާ ޚިލާފު ކޯލް ސެންޓަރުތައް ބަލައި ފާސްކުރުމަށް 5 ބޮޑު ރެއިޑެއް ހިންގާފައިވެއެވެ.
މި ރެއިޑްތަކުގައި ޖުމްލަ 408 މީހުން ހައްޔަރުކޮށްފައި ވެއެވެ.
- އޭގެ ތެރެއިން 284 މީހުންނަކީ (69.6 އިންސައްތަ) ޗައިނާގެ ރައްޔިތުންނެވެ.
- 2026 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ހައްޔަރުކުރި 201 މީހުންގެ ތެރެއިން 152 މީހުންނަކީ ޗައިނާ މީހުން ކަން ވަނީ ހާމަވެފައެވެ.
މި ކޯލް ސެންޓަރުތައް ހިންގާ ގޮތަށް ބަލާއިރު، މިއީ ވަރަށް ބޮޑަށް ރާވައިގެން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ކަންކަމެވެ. މީސް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ޓެލެގްރާމާއި، ފޭސްބުކާއި، ލިންކްޑްއިން މެދުވެރިކޮށް، "ޑޭޓާ އެންޓްރީ" ނުވަތަ "އޮންލައިން މާކެޓިން" ފަދަ ވަޒީފާތައް ދޭ ކަމަށް ބުނެ ބޭރު ގައުމުތަކުން މީހުން ގެނެސް، އެ މީހުންގެ ޕާސްޕޯޓްތައް އަތުލުމަށްފަހު އެކަރި ލަގްޒަރީ ވިއްލާތަކާއި ހޮޓާތަކުގައި ބަންދުކޮށްގެން މިފަދަ ހަރަކާތްތައް ހިންގައެވެ.
މި ނެޓްވޯކްތަކުން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ސިމް ބޮކްސް އެވެ. އެއްފަހަރާ އެތައް ސަތޭކަ ސިމް ކާޑެއް ބޭނުންކުރެވޭ މި އާލާތްތައް މެދުވެރިކޮށް، އޮޅުވާލުމުގެ އެތައް ހާސް ފޯނުކޯލާއި އެސްއެމްއެސް ފޮނުވަމުންދެއެވެ. އަދި ސްރީލަންކާގައި ތިބެގެން ވީޕީއެން އަދި ޕްރޮކްސީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އެއީ، ޔޫރަޕް ނުވަތަ އެމެރިކާގެ އައިޕީ އެޑްރެސްތައް ކަމަށް ދައްކުވައިދޭން އުޅެއެވެ.
ސަލާމަތީ ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ބައިނަލްއަގުވާމީ ސައިބާ ކުށްތަކުގެ ނެޓްވޯކްތައް ހުއްޓުވުމަށްޓަކައި ސްރީލަންކާ ސަރުކާރުން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ޚާއްސަކޮށް، ގެދޮރު ކުއްޔަށްދޭއިރު ބޭރު މީހުންގެ ވިސާގެ ބާވަތާއި މައުލޫމާތު ފުލުހުންނަށް ރިޕޯޓުކުރުން ލާޒިމުކުރުމާއި، ސިމް ކާޑު ދޫކުރުމުގެ އުސޫލުތައް ހަރުކަށިކުރުމަށް ބާރުއަޅާފައި ވެއެވެ.




