އެމެރިކާއަށް ޗައިނާއާ ވާދަކުރުމުގައި ދަތިތަކެއް ދިމާ ވުމާ ގުޅިގެން ޗައިނާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރަކު ގޮވާލައްވައިފިއެވެ. ޗައިނާގެ 58 ޔުނިވާސިޓީއަކާއި 62 ޓެކްނޮލޮޖީ ލެބެއް ލިސްޓުކޮށް އެތަންތަނަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ބުނެ އެތަންތަން އެމެރިކާގެ ކަޅު ލިސްޓުގައި ހިމެނުމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓަށް ރިޕަބްލިކަން ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަނީ ހުށަހަޅުއްވާފައެވެ.
ހައުސް ސެލެކްޓް ކޮމިޓީ އޮން ޗައިނާގެ ޗެއާމަން ޖޮން މޫލެނާ, ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އެމެރިކާގެ ޤައުމީ ސަލާމަތާއި ޓެކްނޮލޮޖީގެ ކުރިއެރުން ރައްކާތެރިކުރުމަށްޓަކައި ޗައިނާގެ ސައިންސާއި ތެކްނޮލޮޖީގެ މުހިންމު މަރުކަޒުތަކެއް އެމެރިކާގެ ދަތިކުރުމުގެ ގާނޫނުގެ ސެކްޝަން 1286 ގެ ލިސްޓުގައި ހިމަނަންޖެހޭ ކަމަށެވެ. އޭނާ ފޮނުއްވި ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރޭގައި އެންވީޑިއާ، އެޕަލް އަދި އޭ.އެމް.ޑީ ފަދަ ބޮޑެތި ކުންފުނިތަކާ ގުޅުންހުރި ޗައިނާގެ އިލްމީ ބައެއް މަރުކަޒުތައް ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހުށަހެޅުމާ ގުޅިގެން ޗައިނާގެ ސަރުކާރުން ބުނެފައިވަނީ މިއީ ފިނި ހަނގުރާމައިގެ ޒަމާނުގެ އުޞޫލުތަކާ އެއްގޮތަށް އެމެރިކާއިން ކަންކަން ކުރަން ވިސްނާ ކަމުގެ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމަށް މީގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ސައިންޓިސްޓުންނާއި ތަޢުލީމީ ޖަމުޢިއްޔާތަކުން ވަނީ އިންޒާރުދީފައެވެ.
މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ އަމިއްލަ އީޖާދީ މަސައްކަތްތަކަށާއި ދިރާސާތަކަށް ވެސް ނޭދެވޭ އަސަރުކޮށް، އެ ޤައުމުގެ ޓެކްނޮލޮޖީގެ ކުރިއެރުމަށް ހުރަސްއެޅިގެން ދާނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.



