ބަނގްލަދޭޝްގެ އިންފްލޭޝަން މަތިވެއްޖެ

ބަންގްލަދޭޝްގައި ތެލުގެ އަގު އުފުލި، އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ. މިއީ އާ ސަރުކާރަކުން ވެރިކަމާ ހަވާލުވެ، ޤައުމުގެ މާލީ ނިޒާމު އިސްލާޙުކޮށް އިޤްތިޞާދު ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮން ޖެހުމެއް ކަމަށް ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤް ރަޙްމާން ވެރިކަމާ ހަވާލުވެވަޑައިގަތީ މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ ވެރިކަމަށް ވަޑައިގެންނެވީ ފުޅާ ދާއިރާއެއްގައި އިޤްތިޞާދީ އަދި އިޖުތިމާޢީ އިސްލާޙުތައް ގެނައުމުގެ ވައުދާއެކުގައެވެ. އެހެންނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ 11 ދުވަސްފަހުން، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލިގެންދިޔައެވެ.

ބަންގްލަދޭޝަކީ އެ ޤައުމަށް ބޭނުންވާ ހަކަތައިގެ ގާތގަނޑަކަށް 65 އިންސައްތަ ބޭރުން އެތެރެކުރާ ގައުމެކެވެ. އަދި، ގޭހާއި ތެޔޮ ލިބުމަށް ދިމާވި ދަތިކަމުގެ ސަބަބުން ކަރަންޓު ކެނޑުމާއި، ތެޔޮ ހޯދަން އާންމުން ކިޔޫތަކުގައި ތިބެންޖެހުމާއި، ދަތުރުފަތުރާއި ކާބޯތަކެތީގެ އަގުބޮޑުވުން ފަދަ މައްސަލަތައް ވަނީ ސަރުކާރަށް ކުރިމަތިވެފައެވެ.

ބޮޑުވަޒީރުގެ މުޝީރު ރާޝިދު މަޙްމޫދު ޓިޓުމީރު ބެންކޮކްގައި އޮތް ބައްދަލުވުމެއްގައި ވާހަކދައްކަވަމުން ވިދާޅުވީ، ހަކަތައިގެ ކާރިސާގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް އިތުރު ޚަރަދުގެ ގޮތުގައި އެކަނިވެސް 4.1 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރަންޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާލަތްތަކުން އަރުވައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އައިއެމްއެފް އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ވަނީ ބަންގްލަދޭޝަށް ލޯނު އެހީތަކާއި ފައިސާ ހަމަޖައްސައިދީފައެވެ.

ނަމަވެސް، ބައިނަލްއަޤްވާމީ ޕްރެޝަރުތަކާ ގުޅިގެން އައިއެމްއެފުން ވަނީ އަންނަ އަހަރަށް ބަންގްލަދޭޝްގެ އިޤްތިޞާދީ ކުރިއެރުމުގެ ލަފާކުރުންތައް ދަށްކޮށްފައެވެ. އެ އިދާރާއިން ލަފާކުރާގޮތުގައި ކުރިއަށް އޮތް އަހަރު އެ ޤައުމުގައި ތަކެތީގެ އަގުބޮޑުވުން މައްޗަށް ގޮސް، އިޤްތިޞާދީ ދުވެލި މަޑުޖެހިގެންދާނެއެވެ.

ހިއްސާ ކުރައްވާ!