ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުމާ ދެކޮޅަށް ޔޫރަޕުގެ ބައެއް ޤައުމުތަކުގައި ފެށިގެން އުޅޭ އިޙްތިޖާޖުތަކުގެ ތެރެއިން، ބެލްޖިއަމްގެ ބްރަސެލްސްގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފި ކަމަށް ޔޫރޯނިއުސް އިން ރިޕޯޓުކޮށްފިއެވެ. ޔޫރޯނިއުސް އިން ބުނި ގޮތުގައި، ސަލާމަތީ ބާރުތަކާ ދިމާލަށް ފެންފުޅި ފަދަ ތަކެތި އުކަމުންދިޔަ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ފެންބަޑި ބޭނުންކޮށްފައެވެ.
ބެލްޖިއަމްގެ ދާޚިލީ ވަޒީރު ބަރނާޑް ކުއިންޓިން މި ކަންކަން ސިފަކުރެއްވީ "އަޅުގަނޑުމެންގެ މުޖުތަމަޢު ގެ ހަމަޖެހުން ނަގާލުމަށް ރޭވިގެން ތަކުރާރުކޮށް ހިންގާ އަނިޔާވެރިކަމެއް" ގޮތުގައެވެ. އަދި މުޒާހަރާގެ ބައިވެރިންނަކީ "ހަމަނުޖެހުން އުފައްދާ ބައެއް" ކަމަށް ވިދާޅުވިއެވެ.
"ބްރަސެލްސްގައި ހިނގަމުން އެދަނީ ހަމައެކަނި އިޙްތިޖާޖެއް ނޫން! އެއީ އަޅުގަނޑުމެންގެ މުޖުތަމަޢު ގެ ހިމޭންކަން ނަގާލުމަށް ރޭވިގެން ތަކުރާރުކޮށް ހިންގާ އަނިޔާވެރިކަމެއް. ހަމަނުޖެހުން އުފައްދާ މީހުންނާ ދެކޮޅަށް ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ބޭނުންވާ އެންމެހައި ބާރާއި ވަސީލަތްތަކެއް ބޭނުންކުރެވޭނެ،" ކުއިންޓިން އެކްސް ގައި ލިޔުއްވާފައިވެއެވެ.
ފްރާންސްގައި ވެސް ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރގެ ޙާލަތާއި ތަޢުލީމީ ދާއިރާގެ ބަޖެޓު ކުޑަކުރުމާ ދެކޮޅަށް ފެށުނު އިޙްތިޖާޖުތައް، މިހާރު ވަނީ ތެލުގެ އަގާއި ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުމާ ދެކޮޅަށް ކުރާ ބޮޑު މުޒާހަރާއަކަށް ބަދަލުވެފައެވެ.
ފަރަންސޭސިވިލާތުގެ މަސްއޫލުވެރިއަކު ފްރާންސް 24 އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތަކެތި އަގު ބިޑުވަމުން ދާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން 550،000 މީހުން މުޒާހަރާތަކުގައި ބައިވެރިވެފައިވާ ކަމަށާއި، އޭގެ ތެރެއިން 110،000 މީހުން ބައިވެރިވީ ވެރިރަށް ޕެރިސްގައި ކަމަށެވެ. އަދި އާންމު މުދަލާއި ތަކެއްޗަށް ގެއްލުންދިނުމުގެ ތުހުމަތުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން 400 މީޙުން ހައްޔަރުކޮށްފައެވެ.
ވޭތުވެދިޔަ ހަފްތާތަކުގައި ދަރިވަރުން އިސްނަގައިގެން، ތައުލީމީ ނިޒާމާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުންކުރާ ކަމަށް ބުނެ ހިންގި އަނިޔާވެރި މުޒާހަރާތަކާ ގުޅިގެން، ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން ވަނީ ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެކްރޯން ވަނީ ތަކެއްޗަށް ގެއްލުންދީ، ފޭރުމުގެ ޢަމަލުތައް ހިންގި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި "ފިތުނަ އުފައްދާ މީހުންނާ" ދެކޮޅަށް ސާބިތުކޮށް ތިބިކަން ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޖުމްހޫރިއްޔާގައި އަނިޔާވެރިކަމަކަށް ޖާގައެއް ނެތް. ތަކެތި ހަލާކުކޮށް، މުދަލަށާއި ވިޔަފާރިތަކަށް ޙަމަލާދީ، އަދި އަޅުގަނޑުމެންގެ ޓައުން ހޯލްތައް ލޫޓުވި މީހުންނަށް ދަޢުވާކޮށް، އަދަބު ދެވޭނެ. މުޒާހަރާކުރުމުގެ ޙައްޤު ކަށަވަރުކޮށްދޭ ސަލާމަތީ ބާރުތަކަށް ޤައުމުގެ ތާއީދު އޮތްކަން ހާމަކުރަން. އަޅުގަނޑުމެންގެ މުއައްސަސާތަކުގެ އަގު ވައްޓާލާ ފިތުނަވެރިންނާ ދެކޮޅަށް އަޅުގަނޑުމެން އެންމެން ތިބީ އެކުއެކީގަ،" މެކްރޯން ލިޔުއްވާފައިވެއެވެ.
ފަރަންސޭސި މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހައިސްކޫލް ދަރިވަރުންނަށް ތާއީދުކުރުމުގެ ގޮތުން ކުރީގެ 'ރީނދޫ ޖެކެޓު' ޙަރަކާތުގެ އިސް ފަރާތްތަކުން މުޒާހަރާތަކާ ގުޅުމަށް ވަނީ ހަމަޖެހިފައެވެ. 'ރީނދޫ ޖެކެޓު' ޙަރަކާތަކީ ތެލުގެ އަގު މައްޗަށް ދިއުމާއި އިޤްތިޞާދީ ނުތަނަވަސްކަމާ ދެކޮޅަށް 2018 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ފެށި ޙަރަކާތެކެވެ. އެ ފަހަރުގެ ހަމަނުޖެހުންތަކުގައި ފުލުހުން ރަބަރު އުންޑަ ބޭނުންކުރުމުގެ ސަބަބުން 2،500 އަށްވުރެ ގިނަ މުޒާހަރާގެ ބައިވެރިންނާއި 1،800 ފުލުހުންނަށް ވަނީ އަނިޔާވެފައެވެ.
މިދަނޑިވަޅުގައި، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ އިޓަލީގެ ބޮޑެތި ސިޓީ ތަކުގައި ހިންގި އަނިޔާވެރި މުޒާހަރާތައް ކުށްވެރިކުރައްވާފައެވެ. އަދި ސުލްހަވެރި މުޒާހަރާއަކީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ އަސާސެއް ކަމުގައިވީ ނަމަވެސް، ސިޔާސީ އަނިޔާވެރިކަމާއި ތަކެއްޗަށް ގެއްލުންދިނުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.
އިޓަލީގައި ޤައުމީ ފެންވަރުގައި ދާދިފަހުން ބޭއްވި މުޒާހަރާތަކާ ގުޅިގެން އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި، މެލޯނީ ވަނީ ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާއި، މަގުތަކުގައި ހަމަނުޖެހުން އުފެއްދި އަނިޔާވެރިންގެ ދެމެދުގައިވާ ތަފާތު ސާފުކޮށްދެއްވާފައެވެ.






