އަލްބޭނިޔާގެ ވެރިރަށް ޓިރާނާގައި ތައުލީމީ ނިޒާމާއި އިޖުތިމާއީ މައްސަލަތަކާ ދެކޮޅަށް ޤައުމީ ފެންވަރެއްގައި ކުރިއަށްދިޔަ މުޒާހަރާއެއް ހޫނުވެ، މުޒާހަރާގެ ބައިވެރިން އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީއަށް ގައު އުކައިފިއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ކަރުނަގޭހާއި ފެން ބަޑީގެ ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ރޫޅާލާފައެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި މި ހަމަނުޖުވުންތަކުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައެވެ. މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި މުޒާހަރާގެ މައިގަނޑު މަގުސަދަކީ ޔުނިވަސިޓީތަކުގެ ހާލަތު ރަނގަޅުކުރުމާއި، މަތީ ތައުލީމުގެ އަގުތައް ހެޔޮކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގްރެޖުއޭޓްވުމަށްފަހު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މި މުޒާހަރާގައި ބައިވެރިވި ޒުވާނުން ވަނީ ޤައުމުގައި އޮތް ނަފްރަތާއި އިޖުތިމާއީ އަދުލުވެރިކަން ނެތުމުގެ ސަބަބުން ސަރުކާރަށް އޮތް ނުރުހުން ހާމަކޮށްފައެވެ. މުޒާހަރާގެ ބައިވެރިއެއްކަމަށްވާ ލުލްޖެޓާ ކޯލާ ބުނިގޮތުގައި، މިހާރު އޮތް ނިޒާމު މުޅިން ބަދަލުކޮށް އިންގިލާބީ ބަދަލެއް ގެންނަންޖެހެއެވެ. އަދި ޤައުމުގައި މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް ފަރަގު ބޮޑުވެ، އިޖުތިމާއީ އަނިޔާވެރިކަމެއް އޮތްކަމަށް އޭނާ ފާހަގަކުރިއެވެ.
މި ހަމަނުޖުވުންތައް ހިނގާފައިވަނީ ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ވެސް ދަރިވަރުންގެ ހަރަކާތްތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
ފްރާންސްގައި ވެސް ހައިސްކޫލު ދަރިވަރުންދަނީ އިތުރު މުދައްރިސުންނާއި ރަނގަޅު ވަސީލަތްތައް ހޯދުމަށް ގޮވާލައި ހަފުތާތަކެއް ވަންދެން މުޒާހަރާކޮށް ސްކޫލުތައް ބަންދުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާގޮތުގައި ސްކޫލު އިމާރާތްތައް ބާވެ، ކުލާސްރޫމުތައް ތާށިވުމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.
އަލްބޭނިޔާގެ ނައިބު ބޮޑުވަޒީރު އަލްބާނާ ކޮޗިއު ފޭސްބުކްގައި ލިޔުއްވި ބަޔާނެއްގައި ވިދާޅުވީ، ކޮންމެ މައްސަލައެއްގައި ވެސް ހައްލަކީ ހަމަނުޖހުން ނޫން ކަމަށާއި އެއީ ދުވަހަކުވެސް އޮތް ހައްލެއް ނޫން ކަމަށެވެ. އަދި ގައު އުކުމާއި، އިދާރާތަކަށާއި ފުލުހުންނަށް ހަމަލދިނުމުގެ އިތުރުން އާންމު މުދަލަށް ގެއްލުންދިނުމަކީ ޒުވާނުން އެމީހުންގެ ޚިޔާލު ފާޅުކުރަންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.






