އިސްރާއީލުގެ ދިފާއީ ވަޒީރު ކަޓްޒް އަދި އިސް އޮފިޝަލުންގެ ޖިންސީ ގޯނާގެ މައްސަލަ ބަލަން ފަށައިފި

ޣައްޒާއަށް އެހީގެ ތަކެތި ހިފައިގެން ދިޔަ "ގްލޯބަލް ސުމޫދު ފްލޯޓިއްލާ" ގެ ބޯޓުފަހަރުގައި ތިބި އެކްޓިވިސްޓުންނަށް ޖިންސީ އަނިޔާއާއި ލާއިންސާނީ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އާއި ސިފައިންނާއި ފުލުހުންގެ އަދި ޖަލުތަކާ ބެހޭ އިދާރާގެ އިސް 12 އޮފިޝަލުންގެ މައްސަލަ އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފިއެވެ.

ރޯމުގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ބުނި ގޮތުގައި، މި މައްސަލައަކީ 2025 އާއި 2026 ވަނަ އަހަރު ޣައްޒާގެ ހިސާރު އުވާލުމަށް ދިޔަ ބޯޓުފަހަރު އިސްރާއީލުގެ ސިފައިން ހިފަހައްޓައި، އެ ބޯޓުފަހަރުގައި ތިބި އާންމުން ބަންދުކުރުމަށްފަހު އަނިޔާކުރުމާއި، ރަހީނުކުރުމާއި، ޖިސްމާނީ ބޮޑެތި ގެއްލުންތައް ދިނުމާއި، މުދާ ފޭރުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައެކެވެ. ތަހުގީގު ކުރެވޭ މީހުންގެ ތެރޭގައި އިސްރާއީލުގެ ސިފައިންގެ އިސް ވެރިޔާ އެޔާލް ޒާމިރުވެސް ހިމެނެއެވެ. މީގެ ކުރިން މި މައްސަލައިގެ ތަހުގީގު އަމާޒުވެފައި އޮތީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތާމާރު ބެން-ގަވީރުގެ މައްޗަށެވެ.

މި ތަހުގީގު ފަށާފައިވަނީ ފްލޯޓިއްލާގެ ދެ ހަރަކާތުގައި ބައިވެރިވެ އިސްރާއީލުން ހައްޔަރުކުރި އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ. ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ މިޝަންގައި ބައިވެރިވި އެކްޓިވިސްޓުން ވަނީ އެ މީހުން އޮރިޔާންކޮށް ސިފައިން އަނިޔާކޮށް، މެރުމުގެ އިންޒާރުދީ، ނިކަމެތިކޮށް، އަދި ޓެރެރިސްޓުންގެ ގޮތުގައި ސިފަކުރި ކަމަށް ބުނެފައެވެ.

އަދި 2026 ވަނަ އަހަރުގެ ދެވަނަ މިޝަންގެ ބައިވެރިންނަށް މިއަށްވުރެ ބޮޑެތި އަނިޔާތަކާ ކުރިމަތިލާންޖެހުނު ކަމަށާއި، އަނދިރީގެ ތެރޭގައި ތިބެގެން އޮރިޔާންކޮށް އަނިޔާކުރުމާއި، ކަރަންޓު ޝޮކް ދިނުމާއި، ރަބަރު އުންޑަ ބޭނުންކޮށްގެން ހަމަލާދިން ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން، މަދުވެގެން ޖިންސީ ގޯނާގެ 15 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ރޭޕް ކުރުމުގެ މައްސަލަތައްވެސް ހިމެނެއެވެ.

މި ހާދިސާއާ ގުޅޭގޮތުން އިޓަލީގެ އިގްތިސާދީ މާހިރެއް ކަމަށްވާ ލޫކާ ޕޮގީ ބުނެފައިވަނީ، އެ މީހުންގެ ހެދުން ގަދަކަމުން ބާލައި، ބިމަށް އެއްލާލައި، ކޮޅުފައިން ގުނަވަންތަކުގައި ޖަހައި ވަރަށް ބޮޑަށް އަނިޔާކުރި ކަމަށެވެ.

މި މައްސަލައިގެ ފެށުމަށް ބަލާއިރު، 42 ބޯޓާއި 462 އެކްޓިވިސްޓުންނާއެކު ފުރަތަމަ ގްލޯބަލް ސުމޫދު ފްލޯޓިއްލާ ބާސެލޯނާއިން ފުރާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ޖެނޮސައޑް ރެޖީމްގެ ސިފައިން އެ ބޯޓުފަހަރު ހިފަހައްޓައި، އެތައް ސަތޭކަ ބަޔަކު ހައްޔަރުކުރުމަށްފަހު ވަނީ ޑީޕޯޓްކޮށްލާފައެވެ. އޭގެފަހުން، ދެވަނަ މިޝަން 2026 ވަނަ އަހަރުގެ އެޕްރީލް މަހު ފެށުމުން، ގްރީސްގެ ކްރީޓް ޖަޒީރާ ކައިރިންނާއި ސައިޕްރަސް ކައިރިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިސްރާއީލު ސިފައިން ވަނީ 50 އަށްވުރެ ގިނަ ބޯޓުން 430 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

އިޓަލީގެ ގާނޫނުތައް ހަމަޖެހިފައިވާ ގޮތުން، ގައުމުން ބޭރުގައި އިޓަލީގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖިނާއީ ކުށްތަކުގެ މައްސަލަތައް ރޯމުގެ ކޯޓުތަކުގައި ބެލުމުގެ އިޚްތިޔާރު ޕްރޮސެކިއުޓަރުންނަށް ލިބިގެންވެއެވެ. އިޓަލީގެ ޕްރޮސެކިއުޓަރުން ވަނީ މި ހާދިސާގެ ހަގީގަތް ހޯދުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ވިލާތުގެ އެހެން ގައުމުތަކުގައިވެސް މިފަދަ ތަހުގީގުތައް ހިނގަމުންދާތީ، ޔޫރޯޖަސްޓް މެދުވެރިކޮށް ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާތައް ދަނީ ކުރިއަށެވެ. މައްސަލައިގެ ތަހުގީގަށްފަހު ކުށް ސާބިތުކުރެވޭވަރަށް ހެކިލިބިއްޖެނަމަ، ރަސްމީކޮށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރުން ވަނީ ނިންމާފައެވެ.

ހިއްސާ ކުރައްވާ!