ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތެރެއިން ކޮންމެ ފަސް ތަށިން އެއް ތަށީގެ ކާނާ އުކާލެވޭއިރު، އަހަރަކު 1 ބިލިއަނަށްވުރެ ގިނަ ޓަނުގެ ކާބޯތަކެތި އިސްރާފުވަމުންދާ ކަމަށް އދގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ދިމާކޮށް އާންމުކުރި މި މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، މިފަދަ ބޮޑެތި އަދަދުތަކުން ކާނާ އިސްރާފުވަމުންދާއިރު، ދުނިޔޭގެ އާބާދީގެ 645 މިލިއަން މީހުން ގެންދަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ.
×ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) އުފެދުނު ދުވަހާ ގުޅުވައިގެން ފާހަގަކުރާ ކާބޯތަކެތީގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އީޖާދީ ހައްލުތަކުން މިއަދު: މާދަމާގެ ފުރިހަމަ ކާނާ" އެވެ. މި ޝިއާރުގެ މައިގަނޑު އަމާޒަކީ ކާބޯތަކެތި އިސްރާފުވުން މަދުކޮށް، ގިނަ ބަޔަކަށް ކާނާ ފޯރުކޮށްދެވޭނެ ހަރުދަނާ ސްޓްރެޓެޖީ ތަކެއް މުޅި ދުނިޔޭގައި ޤާއިމުކުރުމެވެ.
ކޮވިޑް-19 ގެ އާލަމީ ވަބާއަށްފަހު ދުނިޔޭގައި ބަނޑުހައިހޫނުކަން އުޅޭ މިންވަރު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވީ ނަމަވެސް، މަސްރަހު އަދިވެސް އޮތީ ބަލިމަޑުކަމުގެ ކުރިން އޮތް ހާލަތަށްވުރެ ނުރައްކާތެރިކޮށެވެ. އދގެ ރިޕޯޓުތައް ބުނާ ގޮތުން، ދުނިޔޭގެ އާބާދީއަށް ބަލާއިރު ބަނޑުހައިހޫނުކަން ތަހައްމަލު ކުރަނީ 7.8 އިންސައްތަ މީހުންނެވެ. ސަރަހައްދީ ގޮތުން ބަލާއިރު އެންމެ ހާލަތު ގޯސްކޮށް އޮތީ އެފްރިކާގައެވެ. އެފްރިކާގެ އާބާދީގެ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކީ ބަނޑުހައިހޫނުކަން ތަހައްމަލުކުރާ މީހެކެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަނޑުހައިހޫނުކަމުގައި އުޅޭ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅައއްބައެވެ.
އެފްއޭއޯގެ ހިސާބުތަކަށް ބަލާއިރު، ދަނޑުވެރިން އުފައްދާ ކާބޯތަކެތީގެ 13 އިންސައްތަ ހަލާކުވަނީ ބާޒާރުތަކާ ހަމައަށް ފޯރުމުގެ ކުރިން، ގުދަންތަކާއި ދަތުރުފަތުރާއި އުފުލުމުގެ މަރުހަލާގައެވެ. މިއީ އަހަރަކު 400 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެކެވެ. މީގެއިތުރުން، ފިހާރަތަކާއި، ރެސްޓޯރަންޓުތަކާއި އަދި ގޭގޭގައި ބޭނުންކުރުމަށް ގެންނަ ކާބޯތަކެތީގެ ތެރެއިން 1.05 ބިލިއަން ޓަނުގެ ކާނާ ކުނީގެ ގޮތުގައި އުކާލެވެއެވެ. މީގެ ތެރެއިން 60 އިންސައްތަ އިސްރާފުވަނީ އާންމު ގޭގޭގައެވެ.
ތިމާވެށްޓާ ބެހޭ އދގެ ޕްރޮގްރާމް (ޔޫއެންއީޕީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގައި އެވަރޭޖުކޮށް ކޮންމެ އިންސާނަކު އަހަރަކު 132 ކިލޯގްރާމްގެ ކާބޯތަކެތި އުކާލައެވެ. މި މިންވަރު ހޫނު ގައުމުތަކުގައި އިތުރުކަން ފާހަގަކުރެވިފައިވެއެވެ.
ކާބޯތަކެތި އިސްރާފުވުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަހަރަކު 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބެއެވެ. އަދި އޭގެ އިތުރުން، ދުނިޔޭގެ ދަނޑުވެރިކަމަށް ބޭނުންކުރާ ބިމުގެ 28 އިންސައްތަ ބިން ބޭނުންކުރެވެނީ އެއްވެސް މީހަކު ނުކައި އުކާލެވޭ ކާބޯތަކެތި ހެއްދުމަށެވެ. މިއީ ކެނެޑާގެ ބޮޑުމިނަށްވުރެ ވެސް ބޮޑު ސަރަހައްދެކެވެ. ކާނާ ކުނީގެ ގޮތުގައި ކުނިގޮޑުތަކުގައި ކުނިވެގެންދާއިރު އެއިން އުފެދޭ މީތޭން ގޭހުގެ ސަބަބުން، ދުނިޔެއަށް ދޫކުރާ ގެއްލުންހުރި ގޭހުގެ 8 އިން 10 އިންސައްތަ ހިއްސާކުރަނީވެސް މިފަދަ އިސްރާފުތަކެވެ.
ގޭގޭގައި ކާބޯތަކެތި އިސްރާފުވުން މަދުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް މާހިރުން ފާހަގަކުރައްވައެވެ. އޭގެ ތެރޭގައި، ބާޒާރުކުރަން ދިއުމުގެ ކުރިން ބޭނުންވާ ތަކެތީގެ ލިސްޓެއް ތައްޔާރުކުރުމާއި، ކާބޯތަކެތީގައި ޖަހާފައިވާ "ޔޫސް ބައި" އަދި "ބެސްޓް ބިފޯ" ތާރީޚުގެ ތަފާތު ދެނެގަތުން ހިމެނެއެވެ. އަދި ތަރުކާރީއާއި މޭވާ ރަނގަޅު ފިނިހޫނުމިނެއްގައި ބެހެއްޓުމާއި، ކައްކާއިރު އެކަށީގެންވާ މިންވަރަށް ކެއްކުމުގެ އިތުރުން، ބާކީވާ ކާނާއިން އާ ކާނާ ތައްޔާރުކުރުމަކީ އިސްރާފު ކުޑަކުރެވިދާނެ އާންމު އިރުޝާދުތަކެވެ.






