ކޮލޮމްބިއާއިން ގުދުސްގައި އެމްބަސީއެއް ހުޅުވުމުން 19 ގައުމެއްގެ ޚާރިޖީ ވަޒީރުން އެކަން ކުށްވެރިކޮށްފި

ކޮލޮމްބިއާ ސަރުކާރުން އިސްރާއީލުން ހިފާފައިވާ ގުދުސްގައި އެމްބަސީއެއް ހުޅުވުމާ ގުޅިގެން، އިސްލާމީ އަދި އަރަބި 19 ގައުމެއްގެ ޚާރިޖީ ވަޒީރުން އެކަން ކުށްވެރިކުރައްވައި، އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައްވައިފިއެވެ.

މިސްރުގެ ޚާރިޖީ ވުޒާރާއިން އާންމުކުރި ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ސައޫދީ އަރަބިއްޔާ، ގަތަރު، އުރުދުން، ތުރުކީ، މިސްރު، ފަލަސްތީނު، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ޕާކިސްތާނު ހިމެނޭގޮތަށް 19 ގައުމެއްގެ ޚާރިޖީ ވަޒީރުން ވަނީ ކޮލޮމްބިއާގެ މި ފިޔަވަޅަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ ގެ ސެކިއުރިޓީ ކައުންސިލުގެ ގަރާރުތަކާ މުޅިން ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ދެ ދައުލަތް އެކުވެގެން އުފެދޭ ސުލްހައިގެ ހައްލަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކަށް އެޅުނު ބޮޑު ހުރަހެއް ކަމަށް ވަޒީރުން ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ބުނެފައިވަނީ، ހިފާފައިވާ ގުދުސްގެ ގާނޫނީ ނުވަތަ ތާރީޚީ ހާލަތު ބަދަލުކުރުމަށް ނުވަތަ އެއީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ހިންގާ ކޮންމެ އަމަލަކީ ބާތިލު އަދި ގާނޫނީ ގޮތުން އެއްވެސް ބާރެއް ނެތް ކަމެއް ކަމަށެވެ. މީގެއިތުރުން، އދ ގެ ސެކިއުރިޓީ ކައުންސިލުގެ 476 އަދި 478 ވަނަ ގަރާރަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލައި، 1967 ވަނަ އަހަރު އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރޭގައި ހިމެނޭ ގުދުސްއިން ޑިޕްލޮމެޓުން އަނބުރާ ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަރަބި ލީގުންވެސް ވަނީ ކޮލޮމްބިއާގެ މި ނިންމުމާ ދެކޮޅަށް އަޑުއުފައްދާފައެވެ. އެ މުއައްސަސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮލޮމްބިއާ ސަރުކާރާއެކު އެކި ފަހަރު މަތިން މަޝްވަރާކޮށް، އިންޒާރު ދީފައިވަނިކޮށް އެމްބަސީ ހުޅުވުމަކީ ބައިނަލްއަގުވާމީ އިޖުތިމާއީ ހަމަތަކަށް ގޮންޖެހުން ކަމަށެވެ. އަދި އދ ގެ ސެކިއުރިޓީ ކައުންސިލުގެ 2334 ވަނަ ގަރާރާ އެއްގޮތްވާ ގޮތުގެ މަތިން، 1967 ގެ އިންތަކަށް ބަދަލު އަންނާނެ އެއްވެސް އަމަލަކަށް ތާއީދު ނުކުރެވޭނެ ކަމަށް އަރަބި ލީގުން ބުންޏެވެ.

ހިއްސާ ކުރައްވާ!