އަޒަރުބައިޖާނުގެ ސުކޫލުތަކުގައި އަންހެން ކުދިން ބުރުގާ އެޅުމާއި ބޯނިވާކުރުން މަނާކުރުމުގެ މައްސަލައިގައި ގައުމުގެ މަސްރަހު ހޫނުވެފައިވަނިކޮށް، އިސްރާއީލުގެ ރައީސް އިސްހާގް ހާޒޮގް މާދަމާ އެ ގައުމުގެ ވެރިރަށް ބާކޫއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ދަތުރާ ގުޅިގެން، ރައީސް އިލްހާމް އަލީވްގެ ސަރުކާރުން އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ ލާދީނީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ މައިދާނުންނާއި އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުންދެއެވެ.
ސެކިއުލަރިޒަމް ނުވަތަ ދީނީ ކަންކަމާއި ދައުލަތް ވަކިކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ނަމުގައި، ސުކޫލުތަކުގައި ދަރިވަރުން ބުރުގާ އެޅުމާއި ބޯނިވާކުރުން މަނާކޮށްފައިވީ ނަމަވެސް، ޔަހޫދީ ދީނީ ހެދުންތަކާއި އާދަކާދަތައް އެ ގައުމުގެ ތައުލީމީ މުއައްސަސާތަކުގައި ބޭނުންކުރުމަށް އަދިވެސް ހުއްދަ ދީފައިވެއެވެ. މި ދެފުށްކެހެރި ސިޔާސަތުގެ ސަބަބުން އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑް އުދުވާންތަކަށާއި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަރަކާތްތަކަށް ސަޕޯޓުދީ އަޒަރުބައިޖާނުން ޔަހޫދީން ގެ ގައުމަށް ތެޔޮ ފޯރުކޮށްދީގެން މަގުފަހިކޮށްދެމުންދާ ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތުން އަލީވްގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފެވެ.




